އަވަސް ވީކެންޑް

ދަ ރިޕޯޓާ ނެވަ ބީން އެބްރޯޑް!

Feb 26, 2016
19

އަހަންނަކީ މުންޑޫ މާލިމީ ހަސަންފުޅުގެ ހުސައިން ފުޅުގެ އަހައްމަދު ފުޅުގެ އާދަނެވެ؛ މުންޑޫ މާލިމީ ވާނީ އަހަރެންގެ މުނި ކާފައަށެެވެ. ވަރަށް ބޮޑު އިލްމުވެރިއެކެވެ. ނެވިގޭޓާއެއް އަދި އެކްސްޕްލޯރާއެކެވެ. އަހަންނަކު އެ މާލިމީއެއް ނުއެއް ދެކެމެވެ. އޭނާ އަރަބި ބަހުންނާއި ދިވެހި ބަހުން ލިޔެ ޗާޕު ނުޖައިހުރި ވަރަށް ގިނަ ފޮތްތަކާއި ދަތުރުނާމާތައް އަހަރެމެންގެ އާއިލާގެ އެކި މީހުންގެ ފޮށީގައި ވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް ފޮށި "ވަގަށް" ހުޅުވައިގެން ދަތުރުނާމާތަކާއި ފޮތްތަކުގެ ބޮޑުބައި ހުރީ އަހަރެންގެ އަތުގަ އެވެ. މާލިމީ ކާފަ އެތައް ފަހަރަކު ދަތުރުކުޅަ ގައުމު ތަކުގެ ތެރޭގައި ޗައިނާ އާއި ބަންގާޅާއި އިންޑިއާ އާއި ޕާކިސްތާނާއި އިންޑޮނޭޝިއާ އާއި ސިލޯނާއި މިސްރް ފަދަ ގައުމުތައް ހިމެނެ އެވެ. އެ ދަތުރުތަކުގެ ދަތުރު ނާމާތައް ލިޔުއްވާފައިވެއެވެ. އެ ފޮތްތަކުގެ ތެރެއިން އަހަންނަށް އެންމެ ކަމުދިޔަ "މެހެނދީބާގު ދަތުރު" ގެ ނަމުގައި އޮތް ދަތުރު ނާމާ އެވެ. – މެހެނދީ ބާގް އެއީ ބަންގުލަދޭޝްގެ އަވަށެކެވެ – ވީމާ އެ މާލިމީއަކު ވާނީ ލައްކަ ގިނަ ގައުމުތަކަށް ދަތުރުކުޅަ ލައްކަ ގިނަ މީހުނާ ބައްދަލުވެ ވާހަކަ ދެކެވިފައިވާ މާލިމީއަކަށެވެ. މާލިމީ ކާފައަކީ 1932 ގައި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވައިލި ކޮމެޓީއަށް އެހީވާން އަތޮޅުތަކުން މާލެ ގެނައި ލަފާވެރިންގެ ތެރޭ ލާމުން ހިމެނުނު ދެ ބޭފުޅުންގެ ތެރެއިން އެކެކެވެ.

އަހަރެން ހިތުން އަހަންނަކީ މުންޑޫ މާލިމީގެ ނަކަލެކެވެ. އަހަރެން އެންމެ ކުރާ ހިތްވާ ކަމަކީ ވެސް ބޯޓް ދަތުރު ކުރުމެވެ. ދެން ގާނޫނު މުރާޖައާ ކުރުމާއި ލިޔުންތެރިއަަކަށްވުމެވެ. އެކަމަކު އެއިން ހަމަ އެއްކަމެއްމެ ހާސިލެއް ނުވި އެވެ.

އަހަންނަކީ ރިޕޯޓަރެކެވެ؛ މިދިއަ 18 ވަރަކަށް އަހަރުގެ ތެރޭ އަހަރެން ބައްދަލުވެ އިންޓަވިއުކުރި މީހުންގެ އަދަދެއް ނޭނގެ އެވެ. ދިވެހިންނާއި ރާއްޖެއިން ބޭރުގެ މީހުންނާއި ވެރިންނާއި ގައުމުތަކުގެ ވެރިން ވެސް ހިމެނެ އެވެ. ރާއްޖޭގެ ވާހަކަތަކާއި ރާއްޖެއިން ބޭރުގެ ވާހަކަތައް ވެސް ހިމެނެ އެވެ. ގައުމުތަކުގެ ވާހަކަ އާއި ދުނިޔޭގެ ވާހަކަތަކެވެ. ތަންތަނުގެ ވާހަކަ އެވެ. ބޭރު ދަތުރު ކުރުން ކަމަށްވިޔަސް ޕާސްޕޯޓް ހެއްދުން ކަމަށް ވިޔަސް ޕާސްޓް އާކުރުން ކަމަށް ވިޔަސް ވިސާޖެހުން ކަމަށްވިޔަސް އެތަކެއް ސަތޭކަ ލިޔުން ލިޔެވިފައިވާނެ އެވެ.

މިހުރިހާ ވާހަކައެއް ލިޔެވިފައިވާއިރު އަހަރެންގެ ގަލަމުން ލިޔެލާން ރަނގަޅު އެކަމަކު ނުލިޔެވި ހުރި ވަރަށް ގިނަ ވާހަކަ ވެސް އެބަހުއްޓެވެ. މި ބާވަތުގެ ވާހަކަތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ދާން އަހަންނަށް ވަރަށް ގިނަ ފުރުސަތު ލިބި ނުދިޔަ ވާހަކަ ހިމެނެ އެވެ.

އަހަރެންގެ ހަޔާތުގެ ބޮޑު ބައިވީ "ހަވީރު" ނޫހުގެ ތެރޭގަ އާއި ބަނޑޮހުގަ އެވެ. އެ ދެ ގޭގައި ވެސް ވަރަށް ގިނަ ފަހަރަށް ރާއްޖޭން ބޭރަށް ދާން ލިބުނެވެ. ގަދަ ކަމުން ކޮއްޕާ ގަޅުވައިގެން ވެސް ފޮނުވާން އުޅުނެވެެ. ފެލޯޝިޕްތަކާއި ވޯކްޝޮޕްތަކާއި ޓްއާތަކުގަ އެވެ. ކަންކަން ކަވަރު ކުރުމަށެވެ. ހުރިހާ ދަތުރަކަށް ފިލީއެވެ. އެހެންވެ ހަވީރުގައި އަހަންނަށް ހާއްސަ ޓެގްލައިނެއް ވެސް އޮވެ އެވެ. އެ ޓެގްލައިން މިހާރުވެސް ހަވީރުގެ ނޫސްވެރިންގެ ތެރޭގައި މަޖާކޮށް ހިނގައެވެ. އެއީ "ދަ ރައިޓާ ނެވަ ބީން އެބްރޯޑް" އެވެ. ވީމާ އަހަރެންގެ ފުރަތަމަ ބޭރު ދަތުރަކީ ބޮނޑިބަތް ކައްކާ ވަރުގެ ކަމަކަށްވާނެ ނޫން ހެއްޔެވެ؟

ބޭރަށް ދާން ލިބުނު އެތައް ފުރުސަތެއް ނަގާލި ފަހުން 2010 ވަނަ އަހަރު ގެ އޯގަސްޓްގައި ހަވީރުން ނުކުމެއްޖައިމެވެ. އޭރު "ހަވީރު ބޭބީސް" ތަކެއްގެ ގޮތު އަހަންނަށް ތިން ކުދިން ލިބި އަމިއްލަ ފިހާރައެއް ހުޅުވައި އެ ފިހާރައަށް މުދާ ގަންނަން އަހަރެންގެ އަންހެނުން މަހަކު އެއްފަހަރު ބެންކޮކަށާއި އިންޑޮނޭޝިއާއަށް ދަތުރު އަޅަން ފަށައިިފި އެވެ. އަހަންނެއް ނުދަމެވެ. ދާހިތް ނުވެސް ވަނީ އެވެ. ދެން މަސައްކަތް ފެށުނީ ސަން އޮންލައިންގަ އެވެ. އެއްކަލަ ބޭރު ދަތުރަށް ހަމަ "ފިލަނީ" އެވެ. ގޮނޑީގައި އިންނަނީ އެވެ.

ދެހާސް އެގާރާގައި ފިހާރަ ވިއްކާލައި އަންހެނުން، ކުދިންނާއެކު ސްރީލަންކާއަށް ބަދަލުވާން ކުސްތަޅަން ފަށާއިފި އެވެ. އެއްބަސްވެއްޖައިމެވެ. އެމީހުންނާއެކު އަރައިލަން ގޮސްފައި އަންނަ ވެސް ދާހިތެއް ނުވި އެވެ. އެ ހަތަރުމައިން ފުރައިގެން ދިޔައީ 7 ފެބްރުއަރީގައި ސަރުކާރު ވެއްޓި 8 ފެބުރުއަރީގައި ތަޅާފޮޅައިގަނެ ތަންތަން އަންދައި އަޅިއަށްވެފައި ވަނިކޮށް 9 ފެބުރުއަރީގަ އެވެ. އަހަރެންގެ ކުޑަކުޑަ އާއިލާ ސްރީލަންކާގައި ހަމަޖެހި އަށް މަސް ދުވަސްވީ ފަހުން ރެއެއްގެ މެންދަމުން ނިމުނު ކަމެއްގެ ގޮތުގައި ހަމަ ކުއްލިއަކަށް ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ދާހިތްވެއްޖެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޕާސްޕޯޓް މީ ކިހިނެއް ހަދާ އެއްޗެއް ހެއްޔެވެ؟

ރާއްޖެއިން ބޭރަށް އަހަރެން ދަތުރު ނުކުރާކަން އެނގޭނީ ނޫސްވެރިންނަށެވެ. އެމީހުންވެސް އެކަން ބާއްވަނީ މަޖަލެއްގެ ގޮތު އެމީހުންގެ ތެރޭގަ އެވެ. އެކަމަކު މިޖެހުނީ ކަންތަކާ އެވެ. ޕާސްޕޯޓް ހަދާން އިމިގްރޭޝަނަށް ވަދެއްޖައިމެވެ. އަލަށް ޕާސްޕޯޓް ހަދަން އުޅޭ ކަން މީހުނަށް ނޭނގޭނެ ގޮތަށް މާ އެނގިގަނެގެން މީހުނާ ސަމާކޮށް ފޯމްލާން ދިޔައިރު ގިނައިން ތިއބީ ދަންނަ އަންހެން ކުދީންނެވެ. އަހަރެން ފޯމް ދިއްކޮށްލީ ނުދަންނަ މީހެއްގެ އަތަށެވެ. އެކަމަކު ފޯމްގައި ހިފީ ދަންނަ ކުއްޖެކެވެ. އަހަރެން ޕާސްޕޯޓް ހަދަނީ އަލަށްކަން އޭނާއަށް ފަޅައި އަރާނެތީ އޭނާއާ ހަތަރު ކަޅި ހަަމަ ނުކުރާން ހުއްޓާ "ޕާސްޕޯޓް ހަދަނީ އަލަށް ހެއްޔޭ؟" ފިސާރިއަކު ބާރަށް އަހައިފި އެވެ. ރާގުގައި ދާލުގެ އޯބޯފިއްޔަށް ދަމާލި ވަގުތު ހުރި ތަނަށް އަޑިއަށް ގޮސް ހުސްވި ނަމައޭ ހިތަށް އެރިއެވެ. އެއޮއްވީ ރަތްކެއް ބުނާންވެސް ނޭނގެ އެވެ. އެކަހަލަ ރާޑިއެއް ދުވަހަކުވެސް ނުވެއެވެ.

"އެ ތެދެއް އަލަށް، ބޭރަށް ދަނީ؟" އެއްޗެއް ނުބުނެވި އުޅެނިކޮށް ކައުންޓަރުގައި ދެން ހުރި ރަހުމަތްތެރިޔާ ވެސް އަހަތްޕެވެ. ދެން ހަމަ ބުނާނެ އެއްޗެއް ނޭނގި އަނގަ އައްޕަތެއްހެން ހަދައިގެން ހުރީ އެވެ.

ޕާސްޕޯޓް ލިބިއްޖެ އެވެ؛ ދެން އޮތީ ޓިކެޓް ނެގުމެވެ. އެއީ ކިހިނެއްވާ ކަމެއް ނުދަންނަމެވެ. މީހުނަށް ނުދައްކާން ޕާސްޕޯޓް ފޮރުވައިގެންހުރެ ހިނގި އިރުވެސް އަހަންނަށް ހީވީ އަހަރެން އަލަށް ޕާސްޕޯޓް ހަދައިގެން ނުކުތީމާ މީހުން ބަލަނީ ކަމަށެވެ. އެހެންވިޔަސް ޓިކްޓެ އެޖެންސީއަކަށް ގޮސްފީމެވެ. ބާރު ބާރަށް މީހުން ވަދެވަދެފައި ނުކުމެ އެވެ. ދަންނަ މީހުން ވަރަށް ގިނަ އެވެ. ބައެއް މީހުން ފުރަނީ ހެއްޔޭ؟ އީކޭން ހެއްޔޭ؟ ވެސް އަހަ އެވެ. ކޮން ގައުމަކަށް ހެއްޔޭ؟ ވެސް އަހައިލަ އެވެ. ހަމަޖެހިލާފައި ނިތެއް އަރުވާލަމެވެ. "މިދެން އަބަދު އޮންނަ ކަމެއް ނޫން ހެއްޔޭ" ވެސް ބުނެލަމެވެ. ހަރާން އީކޭއެއް ޔޫއެލްއެއް އެގަހު ކޭލެއް މިގަހު ކޭލެއް މަފަކީރަށް އެނގެނީއަކީ ނޫނެވެ. އެކަމަކު ހަމަ ހުންނަނީ ދަންނަ ކަތީބު ހެދިގެން ދެޖީބަށް އަތް ޖަހައިގެނެވެ.

އެ ދުވަހަކު އެކަމެއް ނުތްވެވެ. ލަދުން ޓިކެޓް އޮފީހަށް ވަންނާން ނުކެރިގެން ދިޔައީ އެވެ. އެކަމަކު އަހަރެން ރާއްޖޭން ބޭރަށް ފުރާކަން ބައެއް ނޫސްވެރިން ދަމައިގެންފި އެވެ. ހަޖޫ ޖަހަޖަހާފައި ބަންޑާރަ ނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗާޓަށް ދަންދެން ކުރަހައި ފޮނުވާން ފަށައިފި އެވެ. މިކަމެއްގެ ތެރޭގައި އެ ބުނާ ޓިކެޓެއް ނަގާން އެންމެ ފަހުން ދެވުނީ ޕާސްޕޯޓް ނުލައެވެ. އަނެއްކާ އަނެއް ރަތްކެވެ. އެ ތާނގައި ވެސް އިނީ އަހަރެން ފިސާރި ފޮނިކަނޑައި އުޅޭ ކުއްޖެކެވެ. ޖަލީލާ ކިޔާ ޗާލު ކުއްޖެކެވެ. އެ ހަމަ ޖަލީލާ އެވެ. ނުލާހިކު ރީތި އެ ޖަލީލާ ކުރިމަތީ ބޭޒާރަށްވުމުން ފާޑަކަށް ފަޅައިގެން ނުދިޔައީ ކިރިއާ އެވެ. ޖަލީލާ ވެސް ހެވިފައި ހުރީ އެވެ. އެހެންޏަ، ޓިކެޓް ނަގާއިރު ޕާސްޕޯޓް އޮންނަން ޖެހޭކަން އަދި މިއެނގުނީ ވިއްޔާ އެވެ.
ދެން ހެދީ މޮޅު ގޮތެކެވެ. އަހަރެންގެ ހުރިހާ ސިއްރެއް ދަންނަ ނޫސްވެރިޔަކު ގޮވައިގެން ޓިކެޓް ނަގަން ދިޔައީ އެވެ. ވަނީ ވެސް ކައުންޓަރަށް ދިޔައީ ވެސް ފައިސާ ދެއްކީވެސް އޭނާ އެވެ. އަހަރެން ނުވެސް ވަދެ، ނުވެސް ބަލާ ކަމަށް ހެދިގެން ބިއްލޫރިގަނޑުން ވަގު ކަޅި ދީގެން ނުބައިފާޑަކަށް ހީނގަނެގެން ހުރީ އެވެ. އަސްތާ މިއޮތީ ޓިކެޓް ލިބިފަ އެވެ. ދެން މިއޮއް ރާއްޖޭން ބޭރަށް ފުރެނީ އެވެ.

ފުރަނީ މާދަމާ އެވެ؛ ޗެކިން އޮތީ އިރުއޮއްސި 7:00 ޖަހާއިރަށެވެެ. ފުރާތީ މަގޭ މިންނު އާއި އެންވީ އާއި އެލްވީ އަށާއި އަންހެނުންނަށް ހަދިޔާ ގަނެފީމެވެ. އެހައި ތަނުން އަންހެން ގުޅާފައި ކޮންމެހެން ވެސް ރޯމަސް ގެނެސްދެއްޗޭ ބުނެފި އެވެ. އަނެއް ހަ ކަންތަކެވެ. ބޮޑު ދުނިޔެއެއްވަރު ރޯ މަސް ފޮށިގަނޑެއް ހިފައިގެން ދާކަށް ނުކެރޭނޭ ބުނީމާ އެއޮއް ފެށި ޝަކުވާ ބޮނޑިއަކާ ހެދި އެގޮތް މިގޮތް ހަދައިގެން އެވެސް ހޯދައިފީމެވެ. ހަތެއް ޖަހާއިރު ޗެކިން ފެށޭތީ ހައެއް ޖަހައި ބައިގަޑީގައި އެއާޕޯޓަށް އަަރައިފީމެވެ. ކަފުނެއްހާ ހުދު ގަމީހެއް ލައި ސެންޓް ބުރުވާލައި ބޫޓަށް އަރާއި ފިސާރިއަށް ޕަރްމަރާލައިގެނެވެ. އަޅެ އަހަންނަށް މިއުޅެވެނީ ވައްކަމެއް ކުރެވިގެން ހެއްޔެވެ؟

ހީވަނީ އެންމެން އަހަންނާ ދިމާއަށް ބަލާހެނެވެ. އަދި އެތިބަހާ ފިރިހެނުން ބަލަނީ ވެސް ފާޑަކަށެވެ. ހަރާން އެއިން މީހަކު ބަލަނީއެއްވެސް ނޫނެވެ. މަށަށް ހަމަ ހީވަނީ އެވެ. ފެރީގައި ސްރީލަންކާއަށްދާ ދެތިން ރަހުމަތްތެރިންނާ ދިމާވި އެވެ. އެމީހުން އެކި ހޮޓާ ތަކުގެ ނަން ކިޔައި މަށަށް ވެސް ދޯދެ އެވެ. މަވެސް ދެރަ ނުވާންވެގެން ޑޮލަރު ރޭޓް ކިޔައި "ސިނަމަން ގްރޭންޑް" އޭ ވެސް ބުނެލާ ހަދަމެވެ. ފަޅައި އަރައިފާނެ ކަހަލަ ބޮޑެތި ވާހަކަތައް ފަޅާން ފަށާއިރަށް މަގޭ ފޯނުގެ ތެރެއަށް ވަދެ ކަންފަތަކަށް ވެގެން އިންނަނީ އެވެ. – ކަންފަތަކަށްވުމަކީ އިވުނަސް ނީވޭ ކަމަށް ހަދައިގެން އިނުމެވެ. --

ގެންގުޅުނު 3000 އެއްހާ ޑޮލަރު ޖީބަށް ޖަހައިގެން އެއާޕޯޓަށް ގޮސްފީމެވެ. ފުރަތަމަ ހެދި ގޮތަކީ ފުރަންދާ ދިވެހިން ހަދާ ގޮތް ބަލަން ހުންނަނީ އެވެ. އޮންނާނީ ވެސް އެ ނޫން ކޮން ގޮތެއް ހެއްޔެވެ؟ މުގުރާމެއްހެން އެހެން ހޫރެނިކޮށް ވަދެގެން އެހަރަ އަންނަނީ މަގޭ ފްރެންޑް މެމްބަރު އިމްތިޔާޒު ފަހުމީ އެވެ. ދެން ބޮޑުވެ ބޮޑުވެ އޮތް މޭ މަޑުމުން އޮންނާންވީ ތަނުގައި އޮވެއްޖެ އެވެ.

"ކޮބާ އިންތި ފުރަނީ؟" ފިސާރި ހަމަ ޖެހިލާފައި އަހައިލީ މަށާ އެއްބޯޓަކަށް އަރާ ކަމަށް ހީކޮށް އިން ފޮލޯ ކުރަން ބޭނުންވެގެނެވެ. އެކަމަކު ވަރަށް ދެރަ އެވެ. އިންތި ފުރަނީ ޔޫރަޕަށެވެ. ނާއުންމީދުވެގެން އަނެއްކާ ވެސް ގޮސް ފްލައިޓް އިންފޮމެޝަން ޑިސްޕްލޭއަށް ބަލާން ހުންނަނީ އެވެ. މިހެން ދެން ނުހުރެވޭނެތީ މީހުން ވަންނަ ދިމާއަށް ބަލާލާފައި ގޮސް ޕާސްޕޯޓް ދިއްކޮށްލައިފީމެވެ. އެ ބަލާލާފައި ޓިކެޓް ކޮބައިހޭ އެމީހާ އަހައިފި އެވެ. އަޅޭ ދެން، ޓިކެޓްވީ ދަބަހުގައެވެ. އޭގެ ވެސް ވަތުގައެވެ. އަހަރެން މިހުރީ ކިއުޔޫއެއްގެ ކުރީގަ އެވެ، އެ ދަބަސްގަނޑު ހަވާ ހާވައިގެން ޓިކެޓް ފެނުނީ އަޑި މައްޗަށް، މަތި އަޑިއަށް ދިޔަ ފަހުންނެވެ. އެ ބަލާފައި ބުނީ ޗެކިން ނުފެށޭ ކަމަށެވެ. ދެން މަޑުމަޑުން ދަތްޕިލަން ރޮނޑަށް ނުދޭންވެގެން ދުރު ބަަލަމުން ދެފަހަރަކު ތުންބު ފުމެލާފައި، ދަންނަ ދެ މީހަކަށް ގޮވާލާފައި ހުރީ އެވެ. ހިނގާއިރުވެސް ފިސާރި ކަންކަން އެނގޭކަން ދައްކަން ހިނގަނީ ބާރުބާރަށެވެ.

ހަތެއް ޖަހަތްޕެ ވެ. ވަށާލާފައި އަނެއްކާ ގޮސްފީމެވެ. މިފަހަރު ވެއްދީމާ ދެން ހަދަންވީ ގޮތެއް ނޭނގި އިރުކޮޅަކަށް ގަނޑުވީ އެވެ. ގާކަން ފިލީ މީހަކު "މި ކޮޅަށް ދުރުވާށޭ" ބުނި އަޑަށެވެ. ސެކިއުރިޓީ ޗެކިން ނިމި، ފާސް ކުރި އިރު މަގޭ ބެގީ ހަޑިވެދާނެތީ އަތްފުލާ ނުކެރިފައި ހުއްޓާ ދެ ކިިހިލި ފަތްދޮށަށް އަތް ގަޅައިލުމުން ދިޔައީ އެއްލިގެނެވެ. ހަމަ އެވަގުތު ތިރިން އަތް ދިޔަ ދިމާއަކުން މާ ބޮޑަށް ގުދުވެސް ވެވިއްޖެ އެވެ. ކޮންހަލަ ބައެއްހެއްޔޭ ހިތަށް އެރިއިރު މަގޭ ގަމާރު ކަމެއް ހިތަކަށް ނޭރި އެވެ.

އެތަނުން ވީއްލިގެން ދެން ހަދާނެ ގޮތް ނޭނގޭތީ ފުރަތަމަ ގޮނޑިއެއްގައި އިށީނީ އެވެ. ވިއްސަކަށް މިނެޓް އިނދެފައި ހިތްމޮޅު ކަމުން ދިވެއްސަކު ކުރެން ނާހަންވެގެން މަޑުމަޑުން ގޮސް ދޮން މީހެއް ގާތުގައި ސުވާލުކޮށްފީމެވެ. އެއްޗެއް އޮޅުން ފިލުވާންވެސް ފިރިހެނެއް ގާތަކު ނާހަމެވެ. އަހަނީ ރީތިހާ އަންހެނުން ބަލައިގެނެވެ. އޭނާ ދެއްކި ދިމާއަށް ދިޔައިރު ކިޔޫ އޮތް ކައުންޓަަރަކާ ނެތް ކައުންޓަރެއް ހުއްޓެވެ. ކިޔޫ ނެއް ކައުންޓަރު ކައިރީ ވެސް އެކަކު ހުއްޓެވެ. އެ ދިމާށް ބަލަހައްޓައިގެން ހުރެ "ބިޒްނަސް ކްލާސް" އެހެން ކިޔައިލެވުނު ހަނދާން ވަރަށް ރީއްޗަށް އެބަހުއްޓެވެ. އެ ތަނަށް ގޮސް ޕާސްޕޯޓާއި އެއްކަލަ ފޮރުވައިގެން އުޅުނު ޓިކެޓް ދީފިމެވެ. ހަމަ ދިނުމާއެކު "ބިޒްނަސް ކްލާ ފަސިންޖަރުންނަށް އެކަންޏޭ" ބުނެ އަހަރެން ރާޑިކޮށްލައިފި އެވެ.

ޖެހިގެން އޮތް ކިޔޫގައި ތިބި ދިވެހިން މަށާ ދިމާއަށް ބަލާފައި މަލާމާތް ކުރާހެން ހީވެގެން ކިޔޫއަށް ނާރައި ދުރުގައި ހުރެފައި އަނެއްކާވެސް ސިއްރު ސިއްރުން ގޮސް ވަދެއްޖައިމެވެ. ދެފައި އައްސި ނުވަނީސް އެކިޔާ ޗެކިން ނިންމައިފީމެވެ. ބޯޑިން ފާސް ވެސް ލިބިއްޖެ އެވެ. އެކަމަކު ދެން ވާންވީ ގޮތެއް ވިސްނައިގަންނާކަށް ނޭނގުނެވެ. އެކަން ފޮރުވާން ފޯނުން ފޮޓޯ ނަގާ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި ފެން ބޮއެ ޓޫރިސްޓް އަންހެނުންނާ ދިމާއަށް ހީނލައި ހަދާފައި ފިސާރި ނޫން ކަމަށް ހެދިގެން ގޮސް ދޮން އަންހެނެއް ގާތުން އޮޅުން ފިލުވައިފީމެވެ. އޭނާ ދެއްކި ތަން ހުރީ ދިމާއަށް ކުރިމަތީގަ އެވެ. ހަލުއި މަހެއްހެން ވަދެވަދެ އޮއްވާ މިއޮއް ހުއްޓުވީ އެވެ. ޕާސްޕޯޓާ ކޮބައިހެއްޔޭ އަހައިފި އެވެ. އެތާގައި ހުންނަ މީހާއަށް ޕާސްޕޯޓާ ބޯޑިން ފާސް ދައްކަން ޖެހޭކަން އެނގުނީ ދެނެވެ.

އެ ކަނޑުވެސް ހުރަސްވީ އެވެ. ޖަހާ ފޮނިވެލާފައި ކަރަންޓް ސިޑިން މައްޗަށް އަރައިފީމެވެ. އިމިގްރޭޝަން ކައުންޓަރުތަކުގެ ކައުންޓަރެއްގައި އަހަރެން ދަންނަ އެއް ކުއްޖަކު އެބަ އިނދެ އެވެ. ބަލާހެން ވެސް ހީނލާހެން ވެސް ހީވެއެވެ. މަށެއް ނުބަލަމެވެ. އަހަރެން އަލަށް ފުރާކަށް އޭނާއަށް އެނގިދާނެތީ ބަލަން ބޭނުން ނުވީ އެވެ. އެކަމު ހަަމަ ހިނގައިގަތް ތަނާ "އެޑަމް އެޑަމް" އޭ ކިޔަފައި ގޮވާލައިފި އެވެ. "އަންނާށޭ" ވެސް ބުނެފި އެވެ. އެއީ ވެސް "އެޑަމް" އެކެވެ. އޭނާގެ ގޮތުންނާ ވެސް އެކު ގޮވީމާ އެހެން ކައުންޓަރަކަށް ދާކަށް ނުކެރުނެވެ. ޕާސްޕޯޓް ބަލައިލުމާއެކު "އަލަށް ދޯއޭ؟" އަހަލާފައި ހިނލައިފި އެވެ. ފުރަތަމަވެސް ފަޅާ އެރީ އެވެ. އަޅެ މިއަށް ތަޅުވާ ދުލަށް ނޫނެކޭ ވެސް އާނއެކޭ ވެސް ބުނާކަށް ނުކެރުނެވެ. ހަގީގަތުގައި މި ދަތުރެއްގެ ކަންތައްޖެހުނު ފަހުން މަގޭ ދޫ އޮތީ ކާޅު ގެންގޮސްފައެވެ. މިތާނގައި ރާއްޖޭގެ އެކި ކަންކަމާއި ދުނިޔޭގެ ކަންކަން އޮޅުންފިލުވާން އާދަވެ މަށަށް ގުޅާ ކުއްޖަކަށް އަހަރެން އަލަށް ވެސް އަދި ހަފޮޅުން ބޭރު ނުވާކަން އެނގުމުން ހުރީ އޮއްދާ ހިއްލާލާފައެވެ. އެހެންޏާ މިއަކީ ދަލެއްވެސް ހިއްލާ އާދަމުގެ ދަރިއެއް ނޫނެވެ.

އެތަނުން ސަލާމަތްވެގެން މީހަކު ފޮލޯކޮށްފީމެވެ. އަނެއްކާވެސް ސެކިއުރިޓީ ޗެކިންއެވެ. އެތަނުގައި ހާލިބާލިވެއްޖެ އެވެ. ޖީބުގައި އޮތް ޑޮލަރު ބޮނޑި ފުންމާލައިފި އެވެ. އަތުގައި ފޯނު ރިންގުވާން ފަށާއިފި އެވެ. ދަބަސް އިރާލައިގެން އޭގައި އޮތް ކޯލާވާޓަރު ފުޅިއެއް ދަމާ ނެރެފިއެވެ. މަގޭ ޑޮލަރުތައް ހަމަކޮށްގެން އެތަނަކުން ސަލާމްތަވެގެން އަސްތާ މިއޮށް ވަދެވުނީ ޑިއުޓީ ފްރީއަށެވެ. މިތާނގެ ވާހަކަވެސް އަަރެންގެ ގަލަމުން ލިޔުނު އަދަދު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތަށެވެ. އެކަމަކު އާވެގެން ހަމަ ބެލެނީ އެވެ. އެތިބަ ރީތި ކުދިންތަކެކެވެ. އެއިން ކޮންމެ ކުއްޖެއްގެ ތުންފަތް ހީވަނީ ވަކިން ޖަހާފައި ހުންނަ ތުންފަތެއް ހެނެވެ. ތުނިވެފައި ކުލަ އެއްގޮތް ކަމުންނެވެ. އެ ކުދިންނަށް ބަލާން ހަދައިގެން ފަލަ ބޮޑު، ބިޔަ އަންހެނެއްގެ ގައިގައި ލައި ނުގަތީ ކިރިޔާ އެވެ.

މިއޮތީ ދެން ވަދެވިފައެވެ. ގައިމު އަހަރެން ނުލައެއް ދެނެއް ނުފުރޭނޭ ހިތަށް އެރި އެވެ؛ އެކަމަކު ފުރާން ދާންވާ ތަނަކީ ކޮބައި ކަމެއް ނޭނގުނެވެ. ސައިވިއްކާ ތަންތަނަށާއި ޔޫރަޕް ދޮން އަންހެން ކުދިންނަށް ބަލަމުން އާވެގެން ހަމަ ހިނގެނީ އެވެ. ފިކުރުތައް ހީވަނީ ސިކުނޑި ކައިފާނެ ހެނެވެ. ފުރަން ދާންޖެހޭ ތަން ނޭނގޭތީ އެވެ. ހުރިހާ އެއްޗެއް ލިޔެފައިވެސް ހުރެއެވެ. ކިޔަންވެސް ކިޔަމެވެ. ރިޕޯޓަރު ބޮލުތެރޭގައި މިއޮއް އިންޖީނަށް ނޭނގެނީ އެވެ. އެހެން އުޅެނިކޮށް މީހުންތައް ކޮފީބޮއެ ކާތަން ފެނިފައި ބަނޑުހައި ވެއްޖެ އެވެ. އެކަމަކު ކައިރިވެލާފައިމެ އަހާކަށް ނުކެރެވެ. އެހިޔަސް ފައިސާ ދައްކާންޖެހޭނީ ޑޮލަރުންތޯ ރުފިޔާއިންތޯ ނޭނގޭތީ ބޭނުމެއް ނުވި އެވެ.

އިށީނދެއްޖައިމެވެ. ފޮތެއް ނަގައިފީމެވެ. މަޑުމަޑުން ފޮތުގެ ދުނިޔެއަށް ވަދެވިއްޖެ އެވެ. އަސްލު އެއީ އަހަރެން ދުނިޔެއެވެ. އެ ދުނިޔޭގައި އިރުގަނޑެއްވެފައި ކުއްލިއަކަށް ހަނދާނެއްވެގެން ނުކުތީ އެވެ. މިއޮއް ހުރިހާ އިރު އެކަން ނުކޮށް މިއޮށް އުުޅުނީ ކީއްވެގެން ހެއްޔެެވެ؟ ނިކޮޓިން އެބަ ބޭނުންވެއެވެ. ނިކޮޓިން ޖަހާނީ ދެން ކޮފީއެއް ބޮއެގެނޭ ހިތާ ގޮސް ކޯފީއެއް ދެހެރޭ ބުނެފީމެވެ. ދިވެހި ފައިސާ ދިނުމުން ބަލައިވެސް ގެންފި އެވެ. ދެ ފަރާތް ބަލާލާފައި ދެ ކޯވަރުން ކޮފީ ތަށި ދަމާލައިފީމެވެ. އައްދިއްޔޮ، މި ބޮވުނީ އަލިފާނެވެ. ދެން ކަމަ ނިކޮޓިން ބޯން ޖެހިއްޖެ އެވެ. އެކަމު މިތާކު އެކަކުވެސް އެކަން ކުރާތީއެއް ނުފެނެ އެވެ. އަނެއްކާ ހިނގަން ފަށައިމީވެ. ސެންޓް ވިއްކާ ބަޔަށް ވަންނާން ދަނިކޮށް ދެތިން މީހަކު ހީނލާފައި ގޮވާލައިފި އެވެ. "ތީން މުންޑޫދޯ" އޭވެސް އަހައިފި އެވެ. އާނއެކޭ ރަނގަޅަށް ނުބުނެވެ އެވެ. ޖީއެމްއާރް ބޭރުކޮށްފިއްޔާ މިހެން ވާނޭ އެހެންވާނެ ކިޔައިގެން ޝަކުވާ ފުނި އޮއްސާލައި މުޅިން އަވަދި ކޮށްލައިފި އެވެ.

އެހެރަ ކިޔައިދެނީ ހުސް ހަބަރެވެ. އެކަމަކު މަގޭ ރިސީވިން އެންޓަނާއަކަށް ރިސީވެއް ނުވެ އެވެ. ވިޔަސް ޓްރާންސްމިޓެއް ނުކުރެއެވެ. އެ ގޮލާ ގާނަނީ އެހެން ކަންތައްގަނޑެއްގެ ތެރޭގައެވެ. ބޯން ބޭނުން ވަނީ އެވެ! ބޮވެން ޖެހޭނެ ނޫންހެއްޔެވެ؟ އެންމެ ފަހުން ނުހުރެވިގެން ފެގް ބޮވޭނީ ކޮންތާކުތޯ ދިމާއަށް އަހައިފީމެވެ. އެއޮއް ސީރިއަސް ވާހަކައިގެ ތިބި އެ މީހުންނަށްވީ ވަރަށް މަޖާ ކަމަކަށެވެ. އެ މީހުން ދަންނަ މި ރިޕޯޓަރަށް މި އެއާޕޯޓްގައި ދުންބުރުވާ ގޮތެއް ނޭނގެ އެވެ. އަހަރެން އާކަން އެމީހުންނަށް ވެސް އެނގުނީ އެވެ. ދެން ޖެހުނީ އެމީހުން ދެއްކިހާ ވާހަކައެއް ލިޔާނެ ކަމަށް ބުނެ މޭ ކަށިގަނޑުގައި ދަތްދޮޅި ޖަހަ ޖަހާ ހުންނާށެވެ.

އެބުނާ ތަނަކަށް ވަދެއްޖައިމެވެ. އެއީވާ ތަނެކެވެ. ހަމަ ހަނދާނަށް އައީ ދުމަށި ދަށުގައި މާމަމެން ކަނދުބުރި ޖައްސައިގެން އަންދާ ދުމަށް ހަދާލައިގެން މަހުގައި ދިލަ ޖައްސާ ހަނދާނެ އެވެ. ދެ ލޯ ކަރައިގަނެގެން އަވަދި ނުވީ ކިރިޔާއެވެ. ރޯކޮށްލައިގެން ފާޑަކަށް ހުރެ ފުލުފުލުގައި ދަމާލައިގެން ނުކުތް އިރު ބޯޓަށް އަރާ ގަޑި ވަރަށް ކައިރިވެއްޖެ އެވެ. އެކަމަކު އަދި އެއް ކަމެއް ކުރަން ޖެހޭ ނޫން ހެއްޔެވެ؟ މަގޭ އަންހެނުންނަށް ސެންޓްފުޅިއެއް ގަންނަންވާނެ ނޫން ހެއްޔެވެ؟

ވަދެއްޖައިމެވެ. ގަނެފީމެވެ. ފައިސާ ދޭށޭ ނުބުނެ އެމީހުން ބުނީ ޕާސްޕޯޓް ދެހެރޭ އެވެ. ދެން ހައިރާން ވެއްޖެ އެވެ. އިރުކޮޅަކު މަޑުކޮށްލީމާ އެއްކަލަ ރަތް ތުންފަތް ލީ ކުދިންތަކަށް އަހަރެން އާކަން އެނގިއްޖެ އެވެ. ދެން ކިޔައިދީފި އެވެ. ފިސާރި ފިކުރު ބޮޑުވި ވަގުތުކޮޅެކެވެ.

މިހާރު ދެން ފުރާ ގަޑި ޖެހެނީ އެވެ. އަދިވެސް ދާންވީ ތަނެއް ނޭނގެ އެވެ. އެހެން ހުއްޓާ އަހަންނާއެކު ހަވީރުގައި އުޅުނު އަހުމަދު ނިޔާޒު (ނިޔާޒް ބޭބެ) އުޅެނީ އެއާޕޯޓްގައިކަން ހަނދާން ވެއްޖެ އެވެ. ގުޅައިފީމެވެ. ނަސީބަކު އޭނާ ހުރީވެސް އެއާޕޯޓްގަ އެވެ. ލަންކާއަށް ޖައްސާލަން ދާން އައިސްފައި ގުޅާލީއޭ ބުނީމާ ސީދާ ނިޔާޒުބޭގެ ހިނގާލުމުގައި ފައިބައިގެން އެހަރަ އަންނަނީ އެވެ. އައްދެ، އެހެރީ މުޅީން ބަދަލުވެ އެވެ. ތުނބުޅިއެކެވެ. ކުރުތާއެކެވެ. ހަމަ ރީއްޗެވެ. ދެމީހުނަށް ވެސް ހެވިއްޖެ އެވެ. "ޓެކްނޮލޮޖީ ލިޔާ މީހާ ތިހުރީ ވާޝަން ބަދަލުވެފައި ދޯއޭ" ބުނާން ބޭނުންވި އެވެ. އެކަމަކު ހަމަ ނުކެރުނެވެ. އަހަން މަޖުބޫރު ސުވާލު، ފުރާން ދާތަން ކޮބައިހޭ އަހާކަށް ވެސް ނުކެރުނެވެ. އެކަމު ދެން ނީނދެވިގެން "ނިޔާޒު ދާނީ މަ ފުރުވާލާފައި ދޯއޭ" އަހައިފީމެވެ.

"އެހެންޏާ!" އަބަދުވެސް ދޭ ޖަވާބު ދިނެވެ. ނިޔާޒުބޭގެ "އެހެންޏަ" މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެވެ.

އަހަރެން ގޮވައިގެން ވަނީ ކައިރީގައި ހުރި ލިފްޓަކަށެވެ. އަޅެ މިއޮއްހާއިރު މި އިންނަނީ އެލިފްޓާ ކައިރީ ހުރި ގޮނޑިއެއްގައެވެ. އެއަށް މީހުން އަރައަރާ ތިބެއެވެ. މަށަށް ހަމަ ވިސްނާލާން ވެސް ނޭނގުނެވެ. ޖެހިގެން ބޮޑު މާސިންގާ ސިޑިއެއް އެހުރީ އެވެ، އަތް ދަބަސްތައް ހިފައިގެން މީހުންތައް އެ ސިޑިން ފައިބަ އެވެ. މިނަށްވުރެ ގަމާރުވީމާ ނޭނގޭނެ ދޯ އެވެ؟

އަހަރެން ވައްދާފައި ނިޔާޒްބޭ ހިނގާއްޖެ އެވެ. އިރުކޮޅަކުން ދެން ބޯޑިން ގޭޓް ކިޔޫއަށް އަރައިފީމެވެ. އެކަން ވެސް ވެއްޖެ އެވެ. މިއޮއް އެރުނީ ބޯޓަށެވެ. ނޫން މިއީ ބޮޑު ބިޔަ ގެއެކެވެ. ލާމުން އަހަރެމެން ތަޅުވަމުން ގަޅުވަމުން ކަންފަތް ބައްކޮށްލައިގެން މާލެ ގެންނަ ކުޑަ ޗޮއްޕަރު ކަހަލަ އެއްޗެއް ނޫނެވެ. މީ ހަމަ މާސިންގާ ގެއެކެވެ. އެރިތަނާ ދެ އަންހެން ކުދިން ގޮތެއް ހަދާލާފައި އޮއޮއްކީ އެއްޗަކުން އަދި މާ ހައިރާން ވެއްޖެ އެވެ. އެކީ އެއްޗެއް ނޭނގުނެވެ. "އައްޔަ ބޮލޭ" ކީހެން ވެސް ހީވި އެވެ.

މިހާރު ދެން ހެވިއްޖެ އެވެ. ދާ ވެސް އޮބިއްޖެ އެވެ. އެކަމަކު އިށީންނާންވީ ތަނެއް ނޭނގިގެން ވަށައިޖަހަޖަހާފައި މިއޮށް ހިނގެނީ އެވެ. ދެބުރެއް ޖަހާފައި ސުވާލު ކޮށްލީމާ ގޮނޑި ދައްކައިފި އެވެ. އެކަމަކު އެ ސަރަހައްދުގައި ތިބި އެންމެން ތިބީ އެއްފާޑެއްގެ ރަޖައެއް އަޅައިގެނެވެ. މީ ހޮސްޕިޓަލެއް ހެއްޔެވެ؟ ހުމާ ފިހި ފިހިތިބި މީހުން އުުފާލާ އެއްޗެކޭ ހީވި އެވެ. އެހެންވެ އެ ގޮނޑީގައި ނީށީނނާންވެގެން އަދި ގަޓްވާން ވެގެން އެހެން ސީޓެއް ނެއް ހެއްޔޭ މަޑުމަޑުން އަހާލައިފީމެވެ. މާ އެނގޭ މީހަކަށް ވެގެން "މިތިބަހާ ބަލިމީހުންތައް ކައިރީ އިންނާކަށް ނުކެރޭނޭ" ބުނީމާ އަންހެން ކުއްޖާ ގާތަށް ހިނި އަތުވެއްޖެ އެވެ. އެވާ ގޮތް އޭނާ ކިޔައިދީފި އެވެ. އެއީ މަށަށްވެސް ލިބޭ ރަޖައެއްކަން އެނގިއްޖެ އެވެ. ދެން އިށީނދެއްޖައިމެވެ. އަސްތާ ވަރަށް ފައްކަލެވެ. ޓީވީވެސް ހުރެއެވެ. ފިތާލައި ކުޅެގެންފީމެވެ. ހަމަ ފިތާލި އިރަށް ބޯޓަށް އެރިވަގުތު އެއްކަލަ ދެ އަންހެނުން އެއްފަހަރާ ކީއެތި އެ ޓީވީއަށް ވެސް އަރައިިފި އެވެ. ދެން ހަމަ ކުޅެ ނަގަނީ އެވެ. އެހެން އުޅެނިކޮށް އޮބައިލެވުނު ފިތެއްގެ ސަބަބުން ކަމެއް ނޭގެ އެވެ، އެއިން އަންހެނަކު ދުވެފައިހެން ގަނޑުކޮޅެއް ހިފައިގެން އަތުވެއްޖެ އެވެ. "މަށެއް ނުގޮވަމޭ! ބޭނުމެއް ނޫނޭ" ބުނެ ބޯ ހޫރައިގަތީމާ ހީނލާފައި ހިނގައްޖެއެވެ.

މީހުން އަރައި އެއޮއް ބޮޑު އެތިފަހަރު ފުރާލައިފި އެވެ. އޭގެ ތަރުތީބު ކަމާއި ފުރިހަމަ ކަން ފެނިފައި ވިސްނާން އިންދާ އެ ނައްޓާލީ އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ އަސްދަނޑީން ބޭރުވެވި ސްރީލަންކާއަށް މިއޮއް ދެވެނީ އެވެ. މާތްﷲ އާ ވަކީލުކޮށްގެން އިނީ އެވެ. މަޑުމަޑުން ސިއްރުން ފޯނާ ކުޅެމުން ފިލްމް ވެސް ބަލަމުން ކާންގެނައި އެއްޗެއްވިއްޔާ ދިރުވާލައިގެނެވެ. ގޮނޑިއަށްވެސް ގޮތް ގޮތް ހަދާލާ ދައްކާލަމެވެ. ވަކި ހިސާބަކުން ފާހާނާއަކަށް ދާން ބޭނުންވެއްޖެ އެވެ. އަސްލު ފިނި ގަދަ ކަމުންނާއެކު ފަހަރުވަ ލަވައިގަނެ، ފަޅައިގެންދާން ކައިރިވެއްޖެ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ފާހަނާ ހުންނަނީ ކޮންތާކު ކަމެއް ނޭނގެ އެވެ. ބަލަން ފަށައިފީމެވެ. މީހުން ތެދުވެ ތެދުވެފައި ދެ އެވެ. ގޮސް އެބަވަދެއެވެ. އެއީ ފާހާނާކަން އެނގުމާއެކު ޖަހާ ބޮޑޭވެލާފައި ތެދުވެއްޖައިމެވެ. ގޮސްފީމެވެ. އެތާނގެ ދޮރު ހުޅުވާ ގޮތެއް ނޭނގުނެވެ. އަނެއްކާ އައީ އެވެ. ބައެއް މީހުން އެމީހުންގެ ފަހަތުން އަހަރެން ދާތީ ޝައްކުވެގެން ބަލައިވެސް ހަދަ އެވެ. އެކަމަކު އޭރު ހަމަ ތިކިލާ ހިސާބަށް ކައިރިވާތީ އެ ދިމާއަށްދާ ކޮންމެ މީހެއްގެ ފަހަތުން ދެވެނީ އެވެ. ގޮސްފައި އެނބުރި އައިސް އަނެއްކާ ބަލަން އިންނަނީ އެވެ. އެތަނަކަށް އެ ވަންނަ މީހުން އެތަން އެ ހުޅުވާ ގޮތެކެވެ. ވިސްނާލަފައި އަނެއްކާ ގޮސްފީމެވެ. އެހެން ފަސް ވަނަ ފަހަރު ގޮސް އަތް ޖައްސާލި ގޮތަކުން އަޅެ ހުޅުވިއްޖެ އެވެ. އެހިސާބުން އެ ދޮރު މަސައްކަތް ކުރާ ގޮތް އެނގިއްޖެ އެވެ.

އެހާވަރުން ފާހާނަ ކޮށްލެވުނު އިރު ހުރީ ހިސާބަކަށް ތިކިޖަހާފައެވެ އެކަން ނިންމައިގެން ފޯނާ ކުޅެނިކޮށް އެގޮލާ "މަރު" ވެއްޖެ އެވެ. ދެން ހަމަ ފިލްމް ބަލަން އިނީ އެވެ. -- އަސަދުﷲ ބުނާ ހެން މީ މާޖާ ކަމެއް!

ގިނަ އިރެއް ނުވި އެވެ. ސްރީލަންކާއަށް ދެވިއްޖެ އެވެ. ބޯޓް ތެރެއިން ފޭބުނީ ފާޑެއްގެ ތަނެއްގެ ތެރެއަށެވެ. ކޮންތަނެއް ކަމެއް ނޭނގިގެން އޭގެ ތެރެއިން ދާ މީހުން ފަހަތު އަޅުވާލައިގެން ދަނީ އެވެ. ކަލޯގެއާ މިހިރީ ފާޑެއްގެ އެއްޗަކަށް އެރިފަ އެވެ. އޮޔާ ގެންދާހެން މިއޮށް ގެންދަނީ އެވެ. އާވެގެން އިސްޖައިގެން އޮއްވާ ފުރަގަހުން ގޮސް އަންހެނަކާ މުޑި އަރައިފި އެވެ. މަށަށް ހުރީ އެ އަންހެން މީހާގެ ގައިގައި ފިސާރި ރަނގަޅަށް އޮޅުލައިގަނެވިފައެވެ. "ސޮރީއޭ" އޭ ވެސް ބުނެވުނެވެ. އެ އަންހެން މީހާ ތުންދަމާލާފައި ހުރިވަރުން އޮއި ދެމޭ "ބިމުން" ފައިބައިފީމެވެ. މިފަހަރު ވެސް ބަޔަކު މީހުން ވަން ތަނަކަށް ވަދެވިއްޖެ އެވެ. ޓްރާންސިޓް މީހުން އަޅާ ގޯޅިއަށެވެ. ދާންވީ ދިމާ އޮތީ ފެންނާށެވެ. ނުވިތާކަށް ލިޔެ ތީރުވެސް ޖަހައިފަ އެވެ.

ވަރަށް ފަސޭހައިން އިމިގްރޭޝަން ކައުންޓަރު ފެނިއްޖެ އެވެ. ފުރަތަމަ ކިޔޫ ޖެހުނު މީހުނާއެކު އެކަން ވެސް ވެއްޖެ އެވެ. އެކަމަކު މިވީ ވަރަށް ދެރަ ގޮތެކެވެ. ކޮންމެވެސް ކާޑެއް ކޮބައިހޭ އެބަ އަހަ އެވެ. ދެވަނަ ފަހަރު އަހައިލީމާ "އަރައިވަލް ކާޑޭ" ބުނެފި އެވެ. އެ ލިބޭނީ ކޮންތާކުންހޭ ސުވާލު ކުރީމާ މަންމަނެއްހެން އަތް ދިއްކޮށްފައި ދުރުގައި ބޮނޑިވިގަނެގެން އުޅޭ ބަޔަކު ދައްކައިފި އެވެ. އެތަނަށް ގޮސް އެ ބުނާ ކާޑެއް ހޯދައިލުމާއެކު ވަރަށް ދެރަވެއްޖެ އެވެ. ބޯޓްގައި އަންހެންމީހާ ގެނެސް ދިނީ އެ ކާޑެވެ. އޭރު އެކަން ކޮށްލެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެ ކާޑެއް ފުރަން ބެލި އިރު ގަލަމެއް ނެތެވެ. ދެން މީހެއް ގާތުގައި ގަލަން ދޭށޭ ބުނަން ނުކުރިގެން އެނބުރި އެބުރި ހުއްޓާ މަޖިލިސް މެންބަރު ޒުބޭރު އެ ކާޑެއް ފުރަން އޮއްވާ ފެނިއްޖެ އެވެ. ގޮސް އޭނާ ހަދާ ގޮތް ބަލަން އޮވެފައި ކޮޕީކޮށްލައިގެން ގަލަމެއްގެ އިންތިޒާރުގައި ހުއްޓާ މެޒޯ މުހައްމަދު ފެނިއްޖެ އެވެ. ގޮސްފީމެވެ. ކައިރިވެލުމާއެލު "މުންޑޫ ގަލަން ހޯދަނީ ދޯއޭ" އަހައިފި އެވެ. އޭނާ ނުލިޔެ މަށަށް ގަލަން ދީފި އެވެ ފުރަން ފަށައިފީމެވެ. އަސްތާ މިޖެހުނީ ބޮޑު ކަމަކާއެވެ. އެޑްރެސް ގޮޅީފައި ޖަހާނީ ކީކޭ ހެއްޔެވެ؟ އެތާނގައި ކޮލަމްބޯ ޖަހައިގެން މުހައްމަދަށް ގަލަން ދީފައި ގޮސްފީމެވެ. ނުބައި މީހެކެވެ. ކާޑު ވިދާލާފައި އަނެއްކާ ފޮނުވާލާފައިފި އެވެ. މިފަހަރު ގޮސް އެހެން މީހެއްގެ ކާޑް ބަލައިގެން އޭގައި އިން އެޑްރެސް ލިޔެ، މާ ދުރުގައި ހުރި ކައުންޓަރަކަށް ދިއްކޮށްލުމާ ނިމުމާ ދިޔައީ އެކީ އެވެ. އޭރު މަށާއެކު އައި އެންމެހެން ގެއްލި އަވަދިވެއްޖެ އެވެ. އެކަމަކު އެއްލި ކަޅިއަކުން މުސްކުޅި އުމުރުގެ އަންހެނަކާ ފިރިހެނަކު ފެނި އެއީ ދިވެހިން ކަން އެނގިއްޖެ އެވެ. ކައިރިވެލާފައި އެމީހުން އަޅާ ފިޔަވަޅު މަތީ ފިޔަވަޅު އަޅަން ފަށައިފީމެވެ. އެމީހުން ގޮތެއް ހަދާލާއިރަށް އެގޮތެއް ހަދަނީ އެވެ. އެކަމަކު އެމީހުން ކަރަންޓް ސިޑިން ފައިބާކަށް ނޫޅުނެވެ. އަހަރެން ފައިބަފީމެވެ. ދެން އެ ދެމީހުން ފައިބަންދެން މަޑުކޮށްލައިގެން ހުރީ އެވެ. އެ ދެމީހުން ފައިބައިގެން ހިނގައި ގަތުމުން ފަހަތުން ހިނގާން ފަށައިފީމެވެ. ބެލްޓާ ހަމައަށް ދެވިއްޖެ އެވެ. ގާތްގަނޑަކަށް އެންމެހެން އޭރު ފޮށިތައް ނަގައިގެން ނާއްޓާލައިފި އެވެ. އަހަރެންގެ ދަބަހާ މަސް ފޮށިގަނޑުވެސް ލިބިއްޖެ އެވެ. އެކަމަކު އަހަރެން އެބައެއްގެ ފަހަތުންދާން ފޮލޯ ކުރާ ދެ މީހުން އެބަތިއްބެވެ.

"ދައްތާ ކޮބާ ދާކަށް ނުވޭ؟" އަހާލުމާއެކު "މިއުޅެނީ ފޮށި ނުފެނިގެންނޭ، އަހުމަދު ސަމީރު ފޮށީގައި ފާހަގަވެސް ޖެހިޔޭ" ބުނެފި އެވެ. އަދި އެމީހުން އައީ އަލަށް ކަން ވެސް އެނގިއްޖެ އެވެ. އެއީ ދެމަފިރިން ކަން ވެސް އެނގުނެވެ.
"އަހުމަދު ސަމީރު އެއީ ކާކު؟"
"އެއީ މަގޭ ދަރިފުޅު އޭނާ އަންނާނީ އެހެން ބޯޓަކުން އަދި،"
"އެހެންތަ އަލަށްތަ ތިޔަ އައީ؟"
"އާން އަލަށް، އެކަމަކު އަހަރެމެން ކުއްޖަކު ހުންނާނެ. މަރިޔަމް ސަމީރާ ހުންނާނެ، މިކޮޅުގައި،"

އެކަމަކު މިޖެހުނީ މާ ބޮޑު ކަމެއްތާއެވެ. އެ ދެމެދފިރިން ދޫކޮށްލަފައި ދާކަށް ނުވާނެ ނޫންހެއްޔެވެ؟ އެ ބުނާ އަހުމަދު ސަމީރެއް އެމީހުން އަމިއްލަ ހާލައިގެން ދޫކޮށްލިއަސް މިއޮއްފަދަ ތަނަށް އެމީހުން ދޫކޮށްފައި އަހަންނަށްކަށް ހަމަ ދާކަށް ނުކެރުނެވެ. އެންމެ ފަހުން އަހަރެން އަލަށް އައި މީހާއަށް ޖެހެނީ އަހަންނަށްވުރެ އާކަން ބޮޑު ދެ މުސްކުޅިންނާ ހަވާލުވާށެވެ.

ދެން އެބުނާ ފޮއްޓެއް ފެނޭތޯ ހޯދަނީ އެވެ. ބެލްޓެ އޮވެގެން ކޯރެއްހެން ދެމެ އެވެ. ރަތް ކުލައިގެ ފޮއްޓެއް އެބަ ހުރެ އެވެ. ކޮންމެ ފަހަރުކު މީހެއްޔޭ އަހާލާއިރަށް ނޫނެކޭ ބުނެ އެވެ. އެ ފޮށި ނޫން އެހެން ފޮއްޓެއް ނޫޅެ އެވެ. ދެން އެފޮށި ނަގައިފީމެވެ. ހަމަ ނެގުމާއެކު "ތިޔޭ ތިޔޭ" ބުނެފި އެވެ. އޭރު އެފޮއްޓެއް ބުރުޖަތާ އެތައް އިރެކެވެ. ހިތަށް އެރިއެވެ. ގެންދާނީ ދައްކަވާން ހުރި ތަނެއް ދައްކަވާފައެވެ. މިއަދު ހަތަރު ދަމު މިއުޅެނީ މިފަދަ ހާލެއްގައެވެ.

ދެ މީހުން ގޮވައިގެން ނައްޓާލައިފީމެވެ. ވަރަށް އޮލަ ވާހަކަ އޮވެ އެވެ. މަރިޔަމް ސަމީރާގެ މޮޅު ވާހަކަ އާއި އަހުމަދު ސަމީރުގެ ވާހަކަ އެވެ. އެ ވާހަކަ އަޑު އެހޭކަން ނެތެވެ. އަަހެރެން މިއުޅެނީ ނުކުންނަންވީ ދޮރު ނޭނގިގެނެވެ. އެހިސާބުން ބަލާ އައިސް އަންހެނުން ހުންނާނެކަން ވެސް ހަނދާން ވެއްޖެ އެވެ. އެކަމަކު ގުޅާނެ ގޮތެއް ނެތެވެ. ފޯނު އޮތީ ހަބަރު ހުސްވެފައެވެ. ނުކުންނަތަން ހޯދައި ދެމިގެނެގެން ދަނިކޮށް އަންހެންމީހާ ހުއްޓިއްޖެއެވެ. ކިހިނެއްވީތޯ އަހައިލުމުން ފާހާނާއަކަށް ދާން ބޭނުމޭ ބުނެފި އެވެ. ކުޅުދުންވަންތަ އެވެ! މިއޮއް ބޮޑު އެއާޕޯޓްގައި އަލަށް އައިފަހަރު ފަހާނާ ހޯދާނީ ކިހނެއް ހެއްޔެވެ؟ ނަސީބަކުން މީހެއް ގާތުގައި ގައި ނާހަނީސް ފެނިއްޖެ އެވެ. ވައްދައިފީމެވެ. އަންހެނެއްވީމާ ދާން އުޅެނިކޮށް ފިސާރި ބާރަށް "މަޑު ކުރާށޭ" ބުނެފި އެވެ. ދެން ދޮރު ކައިރީގައި މަޑުކޮށްގެން ދުރުބަލަހައްޓައިގެން ހުރެފައި ބަލައިލި އިރު ރަންކޮޅާ ކަމުދާކަށް ނެތެވެ. މަށަށް އެ ދައްތަ ވެއްދިފައި އިނީ ފިރިހެނުން ވަންނަ ބަޔަށެވެ. އެކަމަކު މީހަކަށް ނުފެނި ސަލާމަތް ވެވިއްޖެ އެވެ.

ނުކުމެވިއްޖެ އެވެ. މިހުރީ ރާއްޖޭން ބޭރަށް އާދެވިފައެވެ. ދެނެއް ގައިމު "ނެވަ ބީން އެބްރޯޑް" އެއް ނުވާނެ އެވެ. އެކަމަކު ދެން ދާނީ ކޮންތާކަށް ހެއްޔެވެ؟ މި ނުކުމެވުނު ދިމާއަކު އަންހެންނުންނެއް ނެތެވެ. ނުވިތާކަށް އިރުއިރުކޮޅާ މީހަކު އައިސް ޓެކްސީއެއް ބޭނުން ހެއްޔޭ އެބަ އަހަ އެވެ. އެއްކަލަ ދެމަފަރިން ވެސް ފަހަތުގައި އެބަތިބެ އެވެ. މިއޮއް ހުރިހާ އިރު މަރިޔަމް ސަމީރާއަށް ސަނާ ކިއީ އެވެ. މިހާރު ބަލާ ނައިސްގެން ވަށިވަށިން ދެނީ އެވެ. އެމީހުންގެ އަތުގައި ފޯނެއް އޮވެދާނެ ކަމަށް ބަލައި އެނބުރިލި އިރު ކޮތަޅަކަށްލާފައި އޮތް ފޯނެއް އޮތެވެ. އެ ފޯނުގެ ބޭރުން ރަބަރު ގަނޑެއް އޮޅައި އޮޅައި ފޯނުގެ ދެކޮޅު ނޫނީ ނުފެނެ އެވެ. އަދި އޭގެ ބޭރުން ފޮތިކޮޅަކުން އޮތީ އައްސާފައެވެ.

"ދައްތާ ފޯނު ލިބިދާނެތަ؟ އަހަރެންގެ ސިމް ލައްވާލައިގެން އޭގަ އިން ނަމްބަރެއް ހޯދާލަން"
"އުހުން ނުލިބޭނެ، އަހުމަދު ސަމީރު ބުނެފައި އޮތީ ފޯނު ނުދެއްޗޭ،" އެހެން ހަމަބުނުމާއެކު ކޮތަޅަށްލައި ފޯނު ފޮރުވައިިފި އެވެ. އަރައިގަތް ރުޅިޔާއި ވީފޫއްސަކުން މަޑުމަޑުން ދުރަށްޖެހި އަންހެނުންނާ ކުދިން ފެނޭތޯ ބޯ ދޭން ފަށައިފީމެވެ. ހަމަ ބޯ ދިއްކޯލާއިރަށް ޓެކްސީއެއްގެ ބޭނުންތޯ އެބަ އަހަ އެވެ. މިދެން ކިހާ ބޮޑު ނުފުރުއްޕާނެއް ހެއްޔެވެ؟

ވިއްސަކަށް މިނެޓްވީ އިރު ވެސް އެމީހުންނެއް ނުފެނުނެވެ. ދެން ރުޅިގަދަވާން ފަށައިފި އެވެ. ކުޑަކޮށް ދެރަވެ ކަރުނަ އަންނަ ގޮތްވެސް ވެއްޖެ އެވެ. އައި ރުޅިގައި މަގޭ ޓިޕިކަލް ވިޔަރިގަނޑު އައިސްގެން އެއްކަހަލަ މަސް ފޮށިގަނޑުގައި ވެސް ފައިން އަޅާލައިފީމެވެ.

ކުދި ކިޔަމުން ބަވަން ހުއްޓާ އަންހެން ކުއްޖަކު މަށާ ދިމާއަށް ބަލާން ފަށައިފި އެވެ. ރީތި ކުއްޖެކެވެ. ގަޔަށް ހިފާލައިހުރި ހަރުވާޅުގެ ސަބަބުން މަގޭ ރުޅިގަނޑު ވެސް ފިނި ކޮށްފި އެވެ. އެކުއްޖާ ހީނލާފައި ތަންކޮޅަކަށް ގޮސްފައި އެނބުރި އައިސް ހުއްޓިއްޖެ އެވެ.
"ތީ މިންނުގެ ޑެޑީ ދޯ؟"
އަހަރެން އާއެކޭ ބުނުމާއެކު "އެމީހުން އެކޮޅު ގޭޓް ކައިރީ އެބަތިއްބޭ" ބުނެފި އެވެ. ދެން ވީ އުފަލުން ހިނގައިގަތް އިރު އަންހެނުންނާ ކުދިން މިތިބަ އަންނަނީ އެވެ. މާލޭން ފުރައިގެން އާއިރު އަތް މަތީގައި އޮތް އެއްކަލަ ކުޑަކުޑަ އެލްވީ ބުޅި ބޮލެއް ހަލުވަމުން އެހަރަ އަންނަނީ ހިނގާލާފަ އެވެ. މާތްކާލޯޯ އެވެ. އެއީ ހަމަ އަޅައިލި ތައްގަނޑެއްހެން އަހަންނެވެ. އޭރު ކިރިޔާ ހިނގައިލެވޭ މަގޭ އެންވީ އެހުރީ ޖަހާ ބޫޓަށް އަރާލައި ނަލަވެލައިގެނެވެ. މަގޭ މިންނު ބަލައިބަލާށެވެ. ހާދަ ބޮޑަކަށް ދެމިލައިފި އެވެ. އަންހެނުން ހުރީ ވަރަށް ބޮޑަށް ހިކިފައެވެ. އަހަންނަށް ފުރަތަމަ އަހަލައިލެވުނީ އެމީހުންނާ ބެހޭ ގޮތަކުންނޫނެވެ. ފުރަތަމަ ވެސް އަހައިލެވުނީ "ތިބުނާ ލަންކާއަކީ މިހެއްޔޭ؟" އެވެ. "މިއޮތީ އާދެވިފައޭ" އެވެ.

ކާރުގައި ގެއަށް ދިޔައިރު ބޭރު ބަލާލައިކޮންމެ ފަހަރު ފެންނަނީ "ފުޑް ސިޓީ" އެވެ. އެތަނަކުން ނެއްޓޭ ވަރެއް ނުވެ އެވެ. ގެއަށް ދެވުނު އިރު ހަމެއް ކެނޑިއްޖެ އެވެ. ޖައްސައިލެވުމާއެކު ކުޑަ ތިން ގޮލައިންވެގެން ގައިމައްޗަށް އަރައިގެން ކިރިކެޓް ކުޅެ ދުވެ ނަގަނިކޮށް ނިދިއްޖެ އެވެ.

އަނެއް ދުވަހެވެ. ބޭރަށް ނުކުމެލައިފީމެވެ. ކަން ދިމާވި ގޮތުން އަހަރެމެން ދެމިފަރިން އެކަންޏެވެ. އެކަމު އެ ދިޔަ ތަނަށް ވަން ގޮތަށް ޖަހާ ރޯކޮށްލައިގެން ދަމަން ފަށައިފީމެވެ. އަޅޭ އިރުކޮޅެއް ނުވެ ބިޑި ހިފައިގެން ފުުލުހަކު އައިސް އަހަރެން ހައްޔަރުކޮށްގެން މިއޮށް ގެންދަނީ އެވެ. އަންހެނުން ފަހަތުން ދުވެފައި އާދެ އެވެ. އަހަރެން އޮޅުނީއޭ ނޭނގުނީއޭ ކިޔައިގަތުމުން ވިއްލައި ދޫކޮށްލައިފި އެވެ.

މި ދަތުރުގައި މިނޫނަސް ވަރަށް ތަފާތު ހިންނި އަންނަ ކަންކަން ބައިވަރު ދިމާވި އެވެ. ބޭރަށް ނުކުމެލި ދުވަހެއްގައި އަހަރެން ގެއްލިގެނޭ ކިޔައިގެން މިއުޅޭ ނޫސްވެރިޔާ މިއުވާން ކުރީގައި ހުރެގެން ނުކުމެ ހޯދާ ވެސް ހެދި އެވެ. މި ދަތުރު ނިންމާފައި ފުރަން ގޮސް މާ އެނގޭ މީހަކަށްވެގެން އަނެއްކާވެސް އެއްކަލަ ކާޑް ފުރައިފީމެވެ. އެ ހިފައިގެން ދިޔައިމާ ހިނިގަނޑެއްޖާފައި ބުންޏެވެ. ދިވެހި ރާއްޖެ ދާއިރު އެ ފުރާކަށް ނުޖެހޭނޭ އެވެ. އަނެއްކާވެސް ބޮނޑިއެއް ބޮވުނީ އެވެ. މިއީ އަހަރެންގެ ފުރަތަމަ ދަތުރުގެ ވާހަކައިން ބައެކެވެ. އެކަމަކު މިހާރު އެފަހުން އަހަރެންގެ ބޭރު ދަތުރެއް ސްރިލަންކާ އާއި އެހެން ގައުމުތަކަށް ނުކުރާ މަހެއް ހަމަ ނުދާނެ އެވެ. މިހާރު ވެސް ކުދި ކުދި މަޖާ ކަންތައް ކުރެވެ އެވެ. އެކަމު ހަމަ އެހާ ތޫނު ވެސް ވާނެ އެވެ. ދެރައީ އަހަރެންގެ މުނިކާފަ މާލިމީ ކަހަލަ ދަތުރުވެރިޔަކަށް މަށަށް ނުވެވުނީމަ އެވެ. އޭނާ ލިޔާ ފާޑަށް ދަތުރު ނާމާ ލިޔާކަށް އަމުދުން ނުމެ އެނގުނީމަ އެވެ.