އިންޑިއާ

ް

ސްމިރިތީ އިރާނީއަކީ ރާއްޖެއަށް އާ މޫނެއް ނޫނެވެ. ސިޓިން ރޫމްތަކާ އެއް އިރެއްގައި ވަަރަށް ރައްޓެހި މޫނެކެވެ. މަޝްހޫރު ޓީވީ ސީރިއަލް "ކިއުކީ ސާސް ކަބީ ބަހޫ ތީ" ގައި ޅީދަރިއެއްގެ ގޮތުގައި ގޭގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ބެލުންތެރިންގެ ހިތްތައް ދަމައިގަނެ، މައިދައިތައަކަށްވެ އިންޑިއާގެ ވަރުގަދަ ޝަހުސިއްޔަތަކަށް ސްމިރިތީ ވެގެންދިޔަ އެވެ.

ޓީވީގެ ކާމިޔާބަށްފަހު ސްމިރިތީ ގުޅިފައިވަނީ ސިޔާސީ ދާއިރާއަށެވެ. އިންޑިއާގެ އޭރުގެ އިދިކޮޅު ޕާޓީ ބީޖީޕީއާ ގުޅި، އިންތިހާބު ކާމިޔާބު ކުރުމުގައި ބޮޑު ރޯލެއް އަދާކުރި އެވެ. ނަރަންދުރަ މޯދީގެ ކެބިނެޓްގެ ޔޫނިއަން މިނިސްޓަރެއްގެ ގޮތުގައި ސްމިރިތީ ހަމަޖެއްސި އެވެ. މިނިސްޓަރެއްގެ ގޮތުގައި ސްމިރިތީގެ ދައުރު ހިންދީ ޓީވީ ސީރިއަލަކަށް ދުލެއް ނުކުރެ އެވެ. ސްމިރިތީއަށް އަބަދުވެސް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، މިހާރު މިއޮތީ "ޑްރާމާ" އަށް މާބޮޑު ޓްވިސްޓެއް އައިސްފަ އެވެ.

މިކަމެއް ފެށުނީ އިންޑިއާގެ ހައިދުރައާބާދުގެ ޔުނިވާސިޓީއެއްގެ ދަރިވަރެއް ކަމަށްވާ ރޯހިތް ވެމުލާގެ މަރާ ގުޅިގެންނެވެ. އޭނާ މަރުވެފައިވަނީ އަމިއްލައަށެވެ. ރޯހިތްގެ މަރު ވެގެން ގޮސްފައިވަނީ މޯދީގެ ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެ، ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މުޒާހަރާ ކުރެވިގެން ދިޔަ ކަމަށެވެ. ރޯހިތްގެ މަރާ ގުޅިގެން އިންޑިއާގައި ވަނީ ދީނީ، ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާތަށް ހޫނުވެގެން ދިޔައީ މުޒާހަރާތަކުގެ ތެރެއަށް އިދިކޮޅު ކޮންގްރެސް ޕާޓީ ވެސް ވަނުމުންނެވެ. މިކަން ސިޔާސީ ވެގެން ދިޔުމުންނެވެ.

ރޯހިތްގެ މަރާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ، ސްމިރިތީއަށެވެ. ޔޫނިއަން މިނިސްޓަރަށްވުމުންނެވެ. މި މައްސަލާގައި ސްމިރިތީ ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އިދިކޮޅު ކޮންގްރެސް މެންބަރުންގެ ސުވާލުތަކާއި ތުހުމަތުތަކަށް ޖަވާބު ދެއްވުމަށެވެ. ޖަވާބު ދެއްވުމަށް ސްމިރިތީ ހާޒިރުވީ ވަރަށް ވެސް ތައްޔާރީއާއެކު އެވެ.

ޖަވާބު ދެއްވަން ފައްޓަވަމުން ވެސް މިހާތަނަށް އޭނާ ކުރައްވާފައިވާ ހުރިހާ ކަމެއް ތާރީހުތަކާއެކު ކިޔައިދެއްވި އެވެ. ސްމިރިތީއަށް ލިބުނު ސިޓީތަކާއި ސިޓީތަކަށް ފޮނުވާ ޖަވާބުތައް ވެސް ކިޔައިދިނެވެ.

ސްމިރިތީ ހުންނެވީ ވަރަށް ޖޯޝުގަ އެވެ. ޒުވާން ކުއްޖެއްގެ މަރުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވާތީ، ޖަޒުބާތީ ވެސްވެފަ އެވެ.

"އޭނާ މަރާލީ ކާކުހޭ ތި އަހަނީ، އޭނާ ވަނީ ނޯޓެއް ދޫކޮށްފައި، އެ ނޯޓުގައި ސާފުކޮށް ބުނެފަިއ އެބަ އޮތް އޭނާގެ މަރުގެ ޒިންމާ އެކަކު ވެސް ނަގާކަށް ނުޖެހޭނޭ،" ސްމިރިތީ ވިދާޅުވި އެވެ. "އަހަރެން ނަސްލީ އަދި ދީނީ ތަފާތު ކުރުން ގެންގުޅެއޭ ތި ބުނަނީ، އަހަރެން ދުވަހަކު ވެސް އެކަމެއް ނުކުރާނަން، އަހަރެން މިއީ ކޮން ނަސްލެއްގެ މީހެއްކަން އެނގޭތަ؟ އަހަރެން ގޮންޖަހާލަން، އެއްވެސް މީހަކަށް ނުބުނެވޭނެ އަހަރެންގެ ނަސްލެއް، އެކަކަށް ވެސް ނޭނގޭނެ،"

އިދިކޮޅު މެންބަރުން އޭނާގެ ތަގުރީރަށް ހުރަސް އެޅުވުމުން ދެއްވި ޖަވާބު ވެސް ވަރަށް ފުރިހަމެވެ. ވިދާޅުވީ އޭނާއަކީ އަންހެނެއް ކަމަކު ވާހަކަ ދެއްކޭނެ ކަމަށެވެ. އޭނާއާ ސިޔާސީ ގޮތުން ކުޅެން ނޫޅުމަށެވެ. ޖަވާބު ދިނުމަށް ފުރުސަތު ދިނުމަށެވެ.

"އަޑު އަހާނެ ހިތްވަރެއް ނެތުމުން ތެދުވެގެން ދަނީތޯ، ޖަވާބު އަޑުއަހަން ބޭނުންނެތީތޯ ނޫނީ ހިތްވަރެއް ނެތީ ތޯ، ނިޔަތުގައި ގޯހެއް އެބަ އުޅޭ، އަހަރެން އަދާކުރީ އަހަރެންގެ ޒިންމާ،" ކޮންގްރެސްގެ ބައެއް މެންބަރުން މަޖިލިސް ދޫކޮށް ވަޑައިގަންނަވަން ފެށުމުން ސްމިރިތީ ވިދާޅުވި އެވެ.

ރޯހިތްގެ މަރުގެ މައްސަލަ ކޮންގްރެސްއިން ސިޔާސީ ކުރި ކަމަށް ސްމިރިތީ ވަނީ ފާޅުގައި ވިދާޅުވެފަ އެވެ. އަދި އެ ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ވަރަށް ބޮޑަށް ވަނީ ފާޑުވިދާޅުވެފަ އެވެ.

"ކުއްޖަކު މަރުވުމުން އެކަން ސިޔާސީ ކުރީ، ކުއްޖާ މަރުވި އެތާ ތިބި އެއްވެސް މީހަކު އެ ކުއްޖާ ޑޮކްޓަރަށް ގެންދިޔުމަށް މަސައްކަތެއް ނުކުރޭ، ހަމަ އެއްވެސް މީހަކު ނުކުރޭ، ޑޮކްޓަރެއް އެ ކުއްޖާއާ ކައިރިވުމަށް ވެސް ފުރުސަތު ނުދިން، ޕޮލިސް މިހެން ބުނަނީ އަހަރެން ބުނާ އެއްޗެއް ނޫން، އެހެންނަމަވެސް އެ ކުއްޖާގެ ހަށިގަނޑު ބޭނުންކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި، އަހަރެން މިހުރީ ވަރަށް ދެރަވެފައި ކުއްޖެއްގެ މަރު ސިޔާސީ ފައިދާއެއް ހާސިލުކުރުމަށް ބޭނުންކޮށްފައިވާލެއް ބޮޑު ކަމުން،"

"އެތާ އަޑު އުފުލަން ތިބި މީހުން ބޭނުންވީ އިންސާފެއް ނޫން، ސިޔާސީ ފައިދާއެއް، ކާކު އެ ކުއްޖާ މަރުވި ކަމަށް އިއުލާން ކުރީ؟ ދަންޖެހުނަސް ސަލާމަތް ކުރެވިފައި އެބަހުރި، އެ ކުއްޖާ ސަލާމަތްކުރުމަށް މަސައްކަތްކުރީ ކާކު؟، މިތާ މިތިބަ އެންމެންގެ ސިޔާސީ ހަޔާތުގައި ވެސް ރާހުލް ގާންދީ އެއް ތަނަކަށް ދެ ފަހަރު ވަޑައިގަތް ތަން ދުށިންތަ؟، ނޫން، ދުވަހަކުވެސް ނުދޭ، 600 ކުދިން މަރުވި ޓެލެންގާނާ މޫވްމެންޓްގަ، ރާހުލް އެތަނަށް އެއް ފަހަރުވެސް ދިޔަތަ؟ ނޫން، އެއް ފަހަރުވެސް ނުދޭ، އެކަމަކު މި ކަމަކީ ރާހުލްއަށް ސިޔާސީ މަންފާއެއް ލިބޭނެ ކަމަކަށްވާތީ އެތައް ފަހަރަކު އެތަނަށް ދެވިއްޖެ،"

ކޮންގްރެސްގެ ވެރިކަމުގައި އިންޑިއާގެ ދަރިވަރުންނަށް ކިޔަވައިދޭން ގެންގުޅު ފޮތްތަކަށް ވެސް ސްމިރިތީ ފާޑުވިދާޅުވެ، އެ ފޮތްތަކުގައިވާ ބައެއް ވާހަކަތަކުގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ފޮތްތަކުގައި ދީނީ ތަފާތުކުރުންތައް ހުރިކަން ވެސް ފާހަގަކުރެއްވި އެވެ.

ރޯހިތްގެ މަރުގެ މައްސަލަ ހިނގާދިޔަ ގޮތާއި އެ ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތުގައި ތަފްސީލު ސްމިރިތީ ދެއްވި ފުރިހަމަކަމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބުނެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ސްމިރިތީގެ ތަގުރީރަށް މަރުހަބާ ކިޔުއްވާފަ އެވެ. އަދި ސްމިރިތީގެ 48 މިނެޓްގެ ތަގުރީރުގެ ވީޑިއޯއެއް މޯދީ ވަނީ ޓްވީޓް ވެސް ކުރައްވާފަ އެވެ.

"އަހަރެން މި އެދެނީ މި ގައުމު ކުރިއެރުވުމުގައި އަހަރެންނަށް އެހީވުމަށް، ގައުމު ބަރުބާދު ކުރުމަކަށް ނޫން،" ސްމިރިތީ ނިންމަވާލެއްވީ މިހެން ވިދާޅުވަމުންނެވެ.