މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ވޭޕް ކާޓްރިޖްތަކަކާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މާލޭގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މި މައްސަލައިގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދުއްވާ ސައިކަލު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި 17 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން 25 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ. އަދި 32 އަހަރުގެ މީހާ ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފަ އެވެ.