ސައްހަ ނޫން އެމެރިކާ ޑޮލަރު ދައުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ މިހާރަކަށް އައިސް ސައްހަ ނޫން އެމެރިކާ ޑޮލަރުގެ 100، 50 އަދި 20ގެ ނޫޓުތަކެއް ދައުރުވަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ.
ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މި މީހާގެ ބަންދަށ ް15 ދުވަހު ދީފަ އެވެ.
ސައްހަ ނޫން އެމެރިކާ ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރުގެ މުއާމަލާތްކުރާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.