ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރުކޮށްފައި ހުއްޓާ ފިލްމީ ތަރި މުހައްމަދު ޔުނާން ދޫކޮށްލަށް ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކުރުމާ ގުޅިގެން ޔުނާން ހައްޔަރުކޮށްފި އެވެ.
ޝަރުތުތަކެއް ކުރުމަށްފަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޔުނާން ދޫކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ހައިކޯޓުގެ ހުކުމްގައި ވަނީ ޔުނާން ދޫކޮށްލަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅި ޝަރުތުތަކަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ޝަރުތުތަކެއް ނޫން ކަމަށްވެސް ނިންމާފަ އެވެ. އެހެންކަމުން ޔުނާން ބަންދުކުރަން ދައުލަތުން ހުޅުމާލޭ ކޯޓުގައި އެދެފިނަމަ ހަތް ދުވަސް ތެރޭގައި އެކަމުގައި ގޮތެއް ނިންމުމަށްވެސް ހައިކޯޓުގެ ހުކުމްގައިވެ އެވެ.
އެހެންވެ ޔުނާން މިއަދު އަލުން ހައްޔަރުކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ޔުނާން އަލުން ހައްޔަރުކުރުމަށް ދައުލަތުން އެދުނީ އޭނާ ކޯޓުން ދޫކޮށްލުމަށް ކުރި ޝަރުތުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ އެވެ. ހުޅުމާލެ ކޯޓުން ޔުނާނަށް ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކޯޓުގެ ހުއްދަ ނެތި ފުރައިގެން އެއްވެސް ތަނަކަށް ނުދިއުމާއި، ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، ދިރިއުޅޭ ތަން ކޯޓަށް އެންގުމަށް ޝަރުތުކޮށްފައިވެ އެވެ. ދައުލަތުން ބުނާ ގޮތުގައި ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ޔުނާނަށް ކޯޓުން އަންގާފައިވިޔަސް އޭނާ ވަނީ އެ ޝަރުތާވެސް ހިލާފުވެފަ އެވެ.
ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައެވެ. ޝަރީއަތް ނިމެންދެން މި ދެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރިން އަމުރުކުރީ އޮކްޓޫބަރު 12، 2020 ގައެވެ.
ޔުނާން މިދިޔަ ޑިސެމްބަރު 14 ވަނަ ދުވަހު ދޫކޮށްލިއިރު މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ރިހުލާ ދޫކޮށްލާފަ އެވެ.
ތުހުމަތު ކުރެވޭ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއްސަލަ މިހާރު އޮތީ ހުޅުމާލެ ކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފަ އެވެ.
ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށްވެ އެވެ.