ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ޔަހޫދީން ދެމުން ގެންދާ ހަމަލާތައް އެ ގޮތުގައި ކުރިއަށް ދާނެ ކަމަށް ޔަހޫދީ ޒަޔަނިސްޓު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ވިދާޅުވި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ކިތަންމެ މައްސަލައެއް ހުށަހެޅި ނަަމަވެސް ޔަހޫދީންގެ އަޒުމަށް ގުޑުން ނާރާނެ ކަމަށެވެ.
ނަތަންޔާހޫ އަދި ވިދާޅުވީ ޔަހޫދީންނަށް ކާމިޔާބުވަންދެން ޣައްޒާ ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ.
ދެކުނު އެފްރިކާއިން އިޒުރޭލާ ދެކޮޅަށް އައިސީޖޭއަށް ހުށަހަޅާފައި އޮތް މައްސަލައަށް އިޝާރާތްކުރައްވައި ނަތަޔަންޔޫ ވިދާޅުވީ އިޒުރޭލު ހުއްޓުވަން އައިސީޖޭއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސް ބަލިކުރުމަށްޓަކައި މުޅި ޣައްޒާ ވަށާލަން ޖެހިދާނެ އެވެ. އަދި ޔަހޫދީ އަސްކަރީ ޔުނިޓްތައް މިސްރުގެ ބޯޑަރަށް ވެސް ފޮނުވަން ޖެހިދާނެ އެވެ. ހަމާސްގެ ހަނގުރާމަވެރިން ތިބި ތަނުގައި ތިއްބައި ދަމާ ނެރުމަކީ ވައުދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓަން ދުނިޔެ ކިތަންމެ ވަރަކަށް ގޮވި ނަމަވެސް، އެއީ ޔަހޫދީންނަށް އިވޭނެ އަޑެއް ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މޮައިލް ލަވާ ހަލޭޢްކަށް ޔަހޫދީން ނުސިހޭނެ ކަމަށެވެ.
ޔަހޫދީންގެ ދިފާއުގައި އެމެރިކާއާ އިނގިރޭސިން ތިބޭނެކަން ދޭހަވާ ގޮތަށް ނަތަންޔާހޫ ވިދާޅުވީ ޣައްޒާއަށް ދޭ ހަމަލާތަކަކީ ދުނިޔޭގެ ސުލްހައަށް ޓަކައި ދޭ ހަމަލާތަކެއް ކަމެވެ. އަދި ޣައްޒާއަށް ހަމަލާދޭން އެހެން ގައުމުތަކުން ރުހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔަހޫދީން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ރަތް ކަނޑުގެ މަސްލަހަތު މިހާރު އޮތީ ގެއްލިފަ އެވެ. އެއީ އީރާނުން މަދަދުވެރިވާ ހޫސީ ހަނގުރާމަވެރިންގެ ހަމަލާތަކާ ހެދި އެވެ.
ރަތް ކަނޑުން ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށް ހޫސީން ދެމުން ގެންދާ ހަމަލާތައް މައިތިރިކޮށް އެ ސަރަހައްދު އަމާންކުރަން -- އެމެރިކާ އިސްވެ އުފައްދާފައި އޮތް އަސްކަރީ ބާރަކުން ރަތް ކަނޑު ބަލަހައްޓަމުން ގެންދިޔަ ނަމަވެސް ހޫސީންގެ ކިބައިން ސަލާމަތްވާ ގޮތެއް ނުވެ އެވެ.
ހޫސީންގެ ބުނުމަކީ ޔަހޫދީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލި އިރަކުން ނޫނީ ރަތް ކަނޑު-- ޔަހޫދީ ކާގޯ ބޯޓުތަކަށް އަމާން ނުވާނެ ކަމަށެވެ.