ޑރ. މުހައްމަދު މުއިއްޒު

އިންޑިއާ ސިފައިން ބޭލުމުގެ މަތީ ފެންވަރުގެ މަޝްވަރާތައް ފަށައިފި

ރާއްޖެއާއި އިންޑިއާދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ދެގައުމުގެ އެންމެ އިސްވެރިން ހިމެނޭ ކޮމިޓީއެއް އުފައްދަވާ މަޝްވަރާތައް ފަށައިފި އެވެ.

މި ކޮމިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އުފެއްދެވުމަށް އެއްބަސްވެވަޑައިގެންނެވި ކޮމިޓީއެކެވެ.

ސަރުކާރުން ވަނީ މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރުކޮށްދީފަ އެވެ.

އެ ގޮތުން މި ކޮމިޓީގެ ބައްދަލުވުމެއް މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށްދާއިރު މި ބައްދަލުވުން ނިމުމުން ތަފުސީލުތައް އެ މިނިސްޓްރީން ހާމަކުރާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވާފައިވަނީ ދުބާއީގައި ބޭއްވި ކޮޕް 28 ސަމިޓްގެ ހަވާސާގަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައެއް މިފަހުން ވަނީ ހޫނުވެފަ އެވެ.

އިންޑިއާ މީހުން ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވަން ފެށީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދަށްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށް ދިވެހިން ވަރުގަދައަށް ރައްދު ދޭން ފެށުމުންނެވެ.

މައްސަލަ ހޫނުވީ ސަރުކާރުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނޭ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަރިޔަމް ޝިއުނާ އާއި، މަލްޝާ ޝަރީފާ އަދި އަބްދުﷲ މަހްޒޫމް މާޖިދު، މޯދީއަށް އަމާޒުކުރައްވާ ބޭނުންކުރި ބޭއަދަބީ ބަސްތަކެއްގެ ސަބަބުންނެވެ. މިތިން ބޭފުޅުން މިހާރު ވަނީ ވަޒީފާ އިން ސަސްޕެންޑްކޮށްފަ އެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގަމުންދާ ސޯޝަލްމީޑިއާ ކޯޅުން ބޮޑުވެފައި އޮތް އިންޑިއާ ސަރުކާރުން މިމަހުގެ އަށްވަނަ ދުވަހު ވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވެސް ހާޒިރުކޮށްފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރުވެސް އެ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ހާޒިރުވި އެވެ. ނަމަވެސް އިންޑިއާ ސަފީރުގެ ބައްދަލުވުމަކީ ދުރާލައި ރޭވިފައި އޮތް ބައްދަލުވުމެއް ކަމަށް ފަހުން ބުނެފައިވެ އެވެ.