އެންޑީއޭ

ޑްރަގު ރިހެބިލިޓޭޝަންތައް ހިންގާނެ ބަޔަކު ހޯދަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް އުފައްދާ ހިންގުމަށް ޝައުގުވެރިވާ އަމިއްލަ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑްރަގު ރިހެބިލިޓޭޝަންތައް އުފައްދާ ހިންގަން ބޭނުންވާ މީހުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނެޝަނަލް ޑްރަގު އެޖެންސީން ވަނީ ހުޅުވާލަފަ އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ނެޝަނަލް ޑްރަގް އެޖެންސީގެ މަސްއޫލިއްޔަތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ މީހުންގެ އެއްބާރުލުން ހޯދުމާއި އަމިއްލަ މީހުުންކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދިނުމާއި އެ މީހުންނާ ގުޅިގެން މަސައްކަތްކުރުން ހިމެނެ އެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ފުރުސަތު އަމިއްލަ މީހުންނަށް ދިނުމުގެ އިހުތިޔާރު ޑްރަގު އެޖެންސީއަށް ލިބެ އެވެ.

ނޭޝަނަލް ޑްރަގު އެޖެންސީން ކުރި އިއުލާނުގައި ވަނީ ރިހެބިލިޓޭޝަންތައް ހިންގުމަށް ޝައުގުވެރިވެ ހުށަހަޅާ ޕްރޮޕޯސަލްގައި ފުރިހަމަވާންޖެހޭ ކަންކަން ހިމަނާފަ އެވެ.

ޕްރޮޕޯސަލްގައި ފުރިހަމަވާންޖެހޭ ކަންކަން

  • އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ހިދުމަތް ފޯރުކޮށްދިނުން
  • ސައިކޭޓްރިކް އިވެލުއޭޝަން ހެދުން
  • ކައުންސިލިން ހިދުމަތް ދިނުން
  • ސައިކޯ-ސޯޝަލް ތެރަޕީ ހިދުމަތް ދިނުން
  • ޑްރަގް ޓެސްޓްކުރުން
  • ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން

މި ކަމަށް ޝައުގުވެރިވާ މީހުން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމު ހުށަހަޅަންޖެހެ އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.