ދުނިޔެ

ނަތަންޔާހޫ އަކީ ބޯހަމަޖެހޭ މީހެއް ނޫން: އިދިކޮޅު

އިޒުރޭލުގެ ބޮޑުވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ބެންޖަމިން ނަތަންޔާހޫ އަކީ ޣައްޒާ ހަނގުރާމަ ކަހަލަ ހަނގުރާމަތައް ރާވައި ހިންގޭ ވަރަށް ވުރެ ބޯ ސަކަރާތް މީހެއް ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު ލީޑަރު އަދި ކުރިން ބޮޑުވަޒީރުގެ މަގާމާއި ހާރިޖީ ވަޒީރުގެ މަގާމު އަދާކުރެއްވި ޔައީރު ލަޕީދު ވިދާޅުވި ގޮތުގައި ޔަހޫދީންގެ ގަދަރާއި ޝަރަފަށް އުނިކަން ނާންނަ ގޮތަށް އެއްވެސް ކަމެއް ކުރާކަށް ނަތަންޔާހޫއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އިޒުރޭލުގެ ސަރުކާރު މިހާރު އޮތީ ބަދަލުކުރަން ޖެހިފައި ކަމަށާއި ދެން އިތުރަށް މަޑުކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔައީރު ވިދާޅުވީ ޣައްޒާގައި ހަނގުރާމައެއް ކުރިއެއް ކަމަކު ގައުމުގެ އިގުތިސާދަށް މާބޮޑު އަސަރެއް ކޮށްގެން ނުވާނެ ކަމަށެވެ. ސަރުކާރުގެ މާލީ ހާލަތު ދަށްވެ އަދި އާންމުންގެ ޖީބަށް ވެސް އެނގުންވެއްޖެ ކަމަށް ވިދާޅުވި އެވެ.

ޔައީރު ވިދާޅުވީ ގައުމު ގޮވައިގެން ކުރިއަށް ވަޑައިގަންނަވަން ފުރުސަތު ލިބިވަޑައިގަތުމުން ވަދެވަޑައިގަންނަވަން ޖެހިވަޑައިގަތީ ދުނިޔޭގެ އިންސާފާ ބެހޭ ކޯޓަށް ކަމަށާއި ޔަހޫދީންގެ ނަން މުޅިން ކިލަނބުވެއްޖެ ކަމަށެވެ.

ނަތަންޔާހޫ ސަރުކާރުގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި، އިންތިގާލީ ސަރުކާރެއް އެކުލަވާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރު ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ޔަހޫދީ އިދިކޮޅު ޕާޓީތަކުން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔައީރު ވިދާޅުވީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ބަލިކުރަން ހަދައިގެން މުޅި ސަރަހައްދު ޔަހޫދީންނާ ޖައްސާލައިފި ކަމަށާއި ލުބްނާނުން އިޒްރޭލަށް ހަމަލާ ދެނީވެސް ބޮޑުވަޒީރުގެ ކިބާގައި ހަރުދަނާ ކަމެއް ނެތުމުން ކަމަށެވެ.

ޔައީރު ވިދާޅުވީ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ޔަހޫދީ އަވަށްތަކަށާއި އާބާދީތަކަށް ދޭ ހަމަލާތަކުގެ ޒިންމާ ބޮޑުވަޒީރު ނަތަންޔާހޫ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ނަތަންޔާހޫ އަކީ ޔަހޫދީ ކޯޓުތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ބޮޑުވަޒީރުގެ މަގާމުގައި ނަތަންޔާހޫ ހުންނަވަން ބޭނުންފުޅު ވަނީ ކޯޓުތަކަށް ފިއްލަވަން ކަމަށާއި ތަންފީޒީ އިދާރާތަކުން ނަތަންޔާހޫއާ މެދު ވިސްނަން ވެއްޖެ ކަމުގައިވެސް ވިދާޅުވި އެވެ.

ޔައީރު އިތުރަށް ވިދާޅުވީ ޣައްޒާއަށް ހަމަލާދޭން ހަދައިގެން ޔަހޫދީންގެ ކިތަންމެ ބަޔަކު މަރުވެފައިވާ ކަމަށާއި އެ މީހުންގެ މަރުގެ ޒިންމާވެސް ނަންގަވަން ޖެހިވަޑައިގަންނަވާނީ ނަތަންޔާހޫއަށް ކަމަށެވެ.