ބަދަލުވަމުންދާ ސަލާމަތީ މަސްރަހްގައި ކުރިމަތިލާންޖެހިދާނެ ކޮންމެ ނުރައްކަލަކާ ކުރިމަތިލުމަށްޓަކައި ދިވެހި ސިފައިންނަށް ބޭނުންވާ އެއްގަމާއި، ކަނޑާއި ވައިގެ ޒަމާނީ ވަސީލަތްތައް ސިފައިން ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިހެން ބުނެފައި މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ދިވެހި ސަރުކާރުން ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު -- 569.8 މިލިއަން ރުފިޔާ އެކަމަށް ހަމަޖައްސާފައިވާ ކަމަށް މިއަދު ބައެއް ނޫސްތަކުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނަށް ބަލާއިރު ދިވެހި ދައުލަތް ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި، ނުރައްކާތެރި ބޮޑެތި ކާރިސާތަކާއި އެއްގަމާއި ކަނޑުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ އާއި މުދާ ސަަލާމަތްކުރުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މީގެއިތުރުން ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އަދި މެރިޓައިމް ޓެރަރިޒަމް ފަދަ "ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްސް" ހުއްޓުވުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ އެކްސިޑެންޓްތަކާއި އެހެނިހެން ހާދިސާތަކުގައި މީހުން ފުރާނައާއި މުދާ ސަލާމަތް ކުރުމަށް ހިންގަންޖެހޭ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިސްވެ ހަރަކާތްތެރިވާންޖެހޭ ފަރާތަކީ ދިވެހި ސިފައިން ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ސިފައިންނާ ހަވާލުވެފައިވާ މިފަދަ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގާބިލްކަން ހުރި އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާންޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލްކަން ހުރި ޒަމާނީ އަސްކަރިއްޔާ އަކަށް ދިވެހި ސިފައިން ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ އެއްކަންތައް ކަމަށެވެ.
"އެހެންކަމުން ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާއި ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމުތަކާއި ވަސީލަތްތައް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ހޯދާދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މިވުޒާރާ އިން މިދަނީ ކުރަމުންނެެވެ،" ބަޔާންގައި ބުނެފައިވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.