ފަލަސްތީންގެ ޣައްޒާއަށް އެއްގަމު މަގުން -- ޔަހޫދީން އަރައިގަތީ ހަމާސް ނެތިކޮށްލަން ވި ވައުދާ އެކު ނަމަވެސް ޒަޔަނިސްޓުންގެ އުންމީދު ފުރިހަމަވާ ތަން ފެނި ވަޑައި.ނުގަންނަވާ ކަމަށް ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވެއްޖެ އެވެ.
ޣައްޒާގެ އުމްރާނީ ތަރައްގީ އަހަރުތަކެއް ފަހަތަށް ސޮހިގެން ދިޔަ ދިއުމުގެ އިތުން އާއިލާތަކެއް ގަތުލުވުން ނޫން ކަމެއް ޔަހޫދީންގެ އަސްކަރީ ހަމަލާތަކުން ހާސިލުން ނުވި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ސްވިޒަލޭންޑްގެ ޑާވޯސްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ތަގުރީރު ކުރައްވަމުން ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ ފެނިވަޑައިގަންނަވަނީ ޔަހޫދީން މާޔޫސްވެގެން އުޅޭ ތަން ކަމަށެވެ.
ހަނގުރާމަ އާއި ހަމަނުޖެހުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫންކަން ސައޫދީ ގަބޫލުކުރާ ކަމަށް ވަޒީރު ވިދާޅުވި އެވެ. ސައޫދީގެ ވިސްނުމަކީ ސުލްހަ ގާއިމުކުރުން ކަމަށާއި މުޅި ސަރަހައްދުގައި ހަމަޖެހުން ގާއިމުވެފައި އޮތުމަކީ ސައޫދީގެ އަމާޒެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ސައުދީން ހަނގުރާމައަށް ވުރެ ސުލްހައަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ހަނގުރާމަ އަކީ އާރެއް ބާރެއް ނެތް އާންމު ފަރުދުންނާ ދެކޮޅަށް އިއުލާންކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ޔަހޫދީ ޒަޔަނިސްޓުންނާ ހެދި ރަތް ކަނޑު ނާމާންވެފައި އޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ. ޣައްޒާ މިނިވަން ތަނެއް ގޮތުގައި އޮތް ނަމަ -- ނުހިނގާނެ ކިތަންމެ ކަމެއް ސަރަހައްދުގައި ހިނގާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ރަތް ކަނޑު މަސްރަހު އޮތީ ނުރައްކަލުގައި ކަމަށް ވިދާޅުވެ ފައިސަލް ބިން ފަރުހާން ވިދާޅުވީ މަޝްވަރާ ކުރުމަށް ވުރެ ހޫސީންނަށް ވެސް ކަމުދަނީ ހަނގުރާމަ ކަމަށެވެ.
ހޫސީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން އަންނާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަސްކަރީ ގޮތުން ހޫސީންނާ ދިމާކޮށް ޔަމަނަށް ބޮންއެޅުމަކީ -- މިހާރު ވެސް ހުޅުހިފާފައި ހުރި މަސްރަހު ބާރަށް އަނދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާއަށް ހަމަލާ ދިނުމުގައި ޔަހޫދީން ދެމިތިބިހާ ހިނދަކު ސަރަހައްދުގައި ސުލްހަ ގާއިމުނުކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
މެދުއިރުމައްޗަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަގެއް ހަމަޖެހުން ކަމަށާއި އެ ނޫން ހާލަތެއްގައި ދެން ކަންތައްތައް ވާނީ މިހާރު މި އޮތް ގޮތަްށް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.