މޯލްޑިވްސް ޕޮލިސް ސާވިސް

މޫނު ނިވާކޮށްގެން ފިހާރަތަކަށް ވަދެ ފޭރެމުން ދިޔަ މީހާ ހައްޔަރުކޮށްފި

މާލޭގެ ބައެއް އާންމު ފިހާރަތަކާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ފޭރުމުގެ އަމަލުތައް ހިންގަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ.

އުމުރުން 33 އަހަރުގެ މި މީހާ ވަނީ މާލޭގެ ގަލޮޅުގެ ބައެއް ފިހާރަތަކަށާއި ބޭސް ފިހާރަތަކަށް މޫނު ނިވާކޮށްގެން ވަދެ ތޫނު ހަތިޔާރުން ކޭޝިއަރުންނަށް ބިރުދައްކައި ފޭރުމުގެ އަމަލުތައް ހިންގާފަ އެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުށަހަޅާފައިވާ މިފަދަ ތިން މައްސަލައެއްގައި މި މީހާގެ މައްޗަށް ތުހުމަތުކުރެވެ އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ގަލޮޅު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 15 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.