މާލޭ ސިޓީ ކައުންސިލް

ސިޓިީ ކައުންސިލްގެ ބޮޑެތި މަޝްރޫއުތައް ސަރުކާރަށް ނަގަނީ

މާލެ ސިޓީ ކައުންސިލުން ކުރިން ހިންގަން ނިންމި ބޮޑެތި މަޝްރޫއުތަކެއް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާގެ ދަށުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ކައުންސިލަރުން ބަލައިގަނެ ކައުންސިލަރުންގެ އަގުލަބިއްޔަތުން ނިންމައިގެންނެވެ.

ސިޓީ ކައުންސިލްގެ މިބައްދަލުވުމުގައި ސަރުކާރުގެ ހުށަހެޅުން ހުށަހެޅުއްވީ ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވަނީ ބޮޑެތި މަޝްރޫއުތައް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އަދި މި މަޝްރޫއުތައް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވަނީ ވެސް ސިޓީ ކައުންސިލުން ބޭނުންވާ ގޮތަށެވެ.

"މިމަޝްރޫއުތައް އަވަސްކުރުމަށްޓަކައި މިކަމާ ގުޅޭ ވުޒާރާއަށް މި ޕްރޮޖެކްޓުތައް ވަގުތީ ގޮތުން މެނޭޖްކުރުމަށް ހަވާލު ކުރުމަށް އަޅުގަނޑު މި ހުށަހަޅަނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި ބައެއް މަޝްރޫއުތައް ސަރުކާރާ ހަވާލުކުރުށެވެ. އަދި މިމަޝްރޫއުތައް ހަމަސް ތެރޭގައި ނުފެށިއްޖެނަމަ އަލުން މާލެ ސިޓީ ކައުންސިލަށް މި މަޝްރޫއުތައް ނަގާ ގޮތަށްވެސް ކައުންސިލްގެ ނިންމުމުގައިވެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ބައެއް މަޝްރޫއުތަކަށް ކައުންސިލުން ހަރަދު ނުކުރި ނަމަވެސް ބޮޑެތި މަޝްރޫއުތައް ހިންގާއިރު ފަންނީ ވަރަށް ގިނަ ކަންތައްތަކެއް ބަލަންޖެހެ އެވެ.

ވެރިކަންކުރާ ޕީއެންސީ / ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރީ ސަރުކާރުގެ ހުށަހެޅުމުގައިވާ ގޮތަށް ކުރިއަށް ދިއުމަށެވެ. އެގޮތުން ސަރުކާރާ ހަވާލުކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ޕާކިން ބިލްޑިންތަކުގެ މަަޝްރޫއުތަކެވެ.