ފަސް އަހަރަށް ދިގު ދެމިގެން ގޮސްފައިވާ ސީރިއާގެ ދާހިލީ ހަނގުރާމަ ފުރަތަމަ ފަހަރަށް މެދުކަނޑާލައިފި އެވެ. ހަނގުރާމަ މެދުކަނޑާލާފައިވަނީ ރޭ މެންދަމު 12:00 އިން ފެށިގެންނެވެ.
ސީރިއާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ރޭ ވަނީ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ބެހޭ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމަކީ އެމެރިކާ އަދި ރަޝިއާ ގުޅިގެން އެކުލަވާލި އެއްބަސްވުމެކެވެ. އެއްބަސްވުމާ ގުޅޭގޮތުން ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވީ، ހަނގުރާމަ އަށް މެދު ކެނޑުމެއް ގެނައީ އެގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމް ކުރެވޭނެ ކަމުގެ އުންމީދެއްގައި ކަމަށެވެ. އިދިކޮޅު ހަނގުރާމަވެރިންނަށް ހަމަލާދިނުން ހުއްޓާލި ނަމަވެސް، އައިއެސް އާ ދެކޮޅަށް ކުރާ ހަނގުރާމައަށް ހުއްޓުމެއް ނުގެންނާނެ ކަމަށް ބައްޝާރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގައި ސީރިއާގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓް ޖަމާއަތްތައް ބައިވެރިވެއް ނުވެ އެވެ. ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާއިރު، އެ ޖަމާއަތްތައް ވަރަށް އަވަހަށް ސީރިއާ ދޫކޮށްލާނެ ކަމަށް ވެސް ހަބަރުތައް ވަނީ ފެތުރިފަ އެވެ.
އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމާއެކު ބޮމާއި ބަޑީގެ އަޑުތަކުން ގުގުމާލާފައިވާ ސީރިއާގެ ބައެއް ސަރަހައްދުތަކަށް ހިމޭންކަން ވަނީ ވެރިވެފަ އެވެ.
ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލަން އެއްބަސްވީ ރައީސް ބައްޝާރުގެ ކޯލިޝަނުން މި އެއްބަސްވުމަށް އިހްތިރާމް ކުރޭތޯ ބަލައިލަން ކަމަށެވެ. އެމެރިކާ އަދި ރަޝިއާ މަޝްވަރާ ކޮށްގެން އެކުލަވާލި އެއްބަސް ވުމަށް އިހްތިރާމްކޮށް އެއަށް އަމަލު ކުރަން ޖެހެނީ އެމެރިކާ އާއި ރަޝިއާ އާއި ސީރިޔާގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނެވެ.
އިދިކޮޅު ހަނގުރާމަވެރިން މިކަމަށް އެއްބަސްވެފައި ވަނީ ސީރިޔާގެ ރައީސް ހަނގުރާމައަށް މެދުކެނޑުމެއް ގެންނަން އެއްބަސްވެ، އޭގެ ޔަގީން ކަން ރަޝިޔާ އިން ދިނުމުންނެވެ. މީގެ އިތުރުން ބައްޝާރު ވިދާޅުވެފައިވަނީ އޭނާގެ ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެވެ.
އެއްބަސްވުމާ ގުޅިގެން ރޭ އދ. ގެ ކުއްލި ޖަލްސާއެއް ވެސް ބާއްވާފައިވެ އެވެ. އެ ޖަލްސާގައި އެއްބަސްވުމުން ހުރިހާ ފަރާތްތަކުން ވެސް ތަންފީޒުކުރުމަށް ގޮވާލައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. ހަނގުރާމަތައް ހުއްޓާލާފައިވާއިރު އަންނަ މަހުގެ ހަތްވަނަ ދުވަހު ޖެނީވާގައި ސީރިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިންނާއެކު ސުލްހައިގެ މަޝްވަރާތައް ފަށާނެ އެވެ.