ކ. ކާށިދޫ އިން ފާހަގަވެފައިވަނީ ގޮތް ނޭނގޭ ބައްޔެއް ނޫން ކަމަށާއި އެއީ ނިއުރޮލޮޖިކަލް ސިއްހީ މައްސަލައެއް ކަމަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާމިރް ވިދާޅުވެއްޖެ އެވެ.
އާމިރު މިހެން ބުނެފައި މިވަނީ ކާށިދޫގެ ބައެއް މީހުންނަށް ގޮތް ނޭނގޭ ބައްޔެއް ޖެހި ބައެއް ހާސްވެފައިވާ ކަމަށް ބުނެ މިއަދު ބައެއް ނޫސްތަކުގައި ޝާއިއު ކުރި ހަބަރަކާ ގުޅިގެންނެވެ.
އާމިރު ވިދާޅުވީ އެ ރަށުން ފާހަގަވެފައިވާ އަތްފައިގެ ވަރު ދޫވެ ހިނގާބިނގާވެ ނޫޅެވޭ ހާލަތަށް ދާ ބައްޔަކީ ވަރަށް ކުރީއްސުރެ އެއް އާއިލާއެއްގެ ތެރޭގައި އާއިލީ ގޮތުން ވާރުތަވަމުން އައިސްފައިވާ ބައްޔެއް ކަމަށެވެ.
"މިއީ ގައިން ގަޔަށް އަރާ ބަޔެއް ނޫން. އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެވެސް އެއާއިލާތަކުގައި އެ ބަލި އުޅޭ. މިހާރު އެ ބަލި ޖެހެމުންދަނީ އެ އާއިލާތަކުގެ މީހުން މީހުންނާ އިނދެ އެމީހުންނަށް ލިބޭ ދަރިންނަށް،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު ތެރޭގައި ބަލި ފެތުރޭކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނާނީ ދަރިންގެ ދަރިންނަށް ބަލި ވާރުތަވަމުންދާތީ ކަމަށެވެ. އެކަމަކު މިބައްޔަކީ ގައިންގަޔަށް އަރާ ބައްޔަކަށް ނުވާތީ މިއީ އެހެން މީހުން ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މި ބަލި ފާހަގަކުރެވިގެން ކާށިދޫ ހެލްތު ސެންޓަރާއި ހެލްތް މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ސާވޭ އެއްވެސް ހަދާފައިވެ އެވެ. ސާވޭ އިން ދެއްކި ގޮތުގައި ހަތެއް ނުވަތަ އަށް އާއިލާގެ 35 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީންވެސް ބުނީ ކާށިދޫ އިން ފާހަގަކުރެވިފައިވަނީ ނިއުރޮލޮޖިކަލް ސިއްހީ މައްސަލައެއް ކަމަށެވެ. އެކަމާ ގުޅޭގޮތުން ދިރާސާއެއް ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް މިނިސްޓްރީންވެސް ބުނެ އެވެ.