މަސްތުވާތަކެތި

ޑްރަގު އެތެރެ ކުރުމުގެ ކުށުގައި ދެމަފިރިން 15 ދުވަހަށް ބަންދު

ރާއްޖެއަށް ޑްރަގު އެތެރެ ކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ދެމަފިރިންގެ ބަންދަށް 15 ދުވަސް ޖަހައިދީފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާގެ އުމުރަކީ 27 އަހަރެވެ. އަންހެން މީހާގެ އުމުރަކީ 20 އަހަރެވެ.

ކޯޓު އަމުރުގައިވާ ގޮތުން މި ދެ މީހުން ރާއްޖެ އައި ގެނައި ފޮށިން މަސްތުވާތަކެއްޗަށް ތުހުމަތުކުރެވޭ ހަ ޕެކެއްޓެއް ފެނިފައިވެ އެވެ.

މިތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ރެސިމޭޓަށް ޕޮޒިޓިވްވެފައިވެ އެވެ. މިތަކެތީގެ ބަރުދަނުގައި 994 ގްރާމް ހުރި ކަމަށް އަމުރުގައިވެ އެވެ.

މި ދެ މީހުން ހައްޔަރުކޮށް ފިރިހެން މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރި އިރު ސީއޯސީ، ޓީއެޗްސީ އަދި ބެންޒޯއަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި އަންހެން މީހާގެ އަތް ދަބަހުން 1،751 ޑޮލަރު ފެނިފައިވެ އެވެ.

ކޯޓުގައި ފިރިހެން މީހާވެސް އަދި އަންހެން މީހާވެސް ބުނި ގޮތުގައި މަސްތުވާތަކެތި ހުރި ލަގެޖަކީ އެ މީހުންނާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. ނަމަވެސް އެ ލަގެޖަކީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށް ފިރިހެން މީހާ ކޯޓުގައި ބުންޏެވެ.

ރާއްޖެ އިން ބޭރަށް ގޮސްފައި އަންނަ ބައެއް ދިވެހިންގެ ފަރާތުން މީގެކުރިންވެސް މިފަދަ މައްސަލަތައް ފާހަގަކުރެވި، މިފަދަ ކުށްތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާކުރެވި އަދަބުވެސް ލިބިފައިވެ އެވެ.