ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުން އިންޑިއާގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކޮންމެ ބުރާސްފަތި ދުވަހަކަ ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ މަޝްވަރާ ދެވަނަ ބައްދަަލުވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.
އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން ހިމެނޭހެން އެކުލަވާލާފައިވާ ކޮމިޓިގެ ފުރަތަމަ ބައްދަލުވުން މިދިޔަ އާދިއްތަ ދުވަހު ބޭއްވީ މާލޭގައެވެ/
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ ރާއްޖޭގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ މުހުލަތެއް ދީފަ އެވެ. އެގޮތުން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ބޭލުމަށް ވަނީ އަންގާފަ އެވެ.
އިންޑިއާ ސިފައިން ބޭލުމަށް އެ ގައުމުން ތައްޔާރަށް ތިބި ކަމަށްވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.