މިދިޔަ ބުދަ ދުވަހު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އަނގަޔަށް ފެން އެޅުއްވުމަށްފަހު މެންބަރު ރޮޒައިނާގެ މޫނަށް ފެން ޖެހި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ސައުތު އޭޝިއަންސް ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރް) އިން މަޖިލީހުގެ ރައީސަށް ގޮވާލައިފި އެވެ.
މެންބަރު ރޮޒައިނާގެ މޫނަށް، ނިހާން އަނގައިން ފެން ޖެއްސެވި މައްސަލަ ވަރަށް ބޭ އަދަބީ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް، އެކަން ކުށްވެރިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލިސް ފަދަ ގަދަރުވެރި މުއައްސަސާއެއްގައި އަންހެން ބޭފުޅަކާ މެދު ނިހާނު ހިންގެވީ ވަރަށް ބޭއަދަބީ އަމަލެއް ކަމަށެވެ. އެކަން ތަހުގީގުކޮށް، ނިހާނަށް ފިޔަވަޅު އަޅަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި މަޖިލީހާ މެދު ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، އަންހެން މެންބަރަށް އިންސާފު ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އެސްއޭއެޗްއާރްގެ ބަޔާނުގައި ބުނީ، މަޖިލީހުގެ މެންބަރެއްގެ ފަރާތުން މަޖިލީހުގެ ކާރާމާތް ގެއްލޭފަދަ އަމަލެއް ފެނުނު އިރުވެސް، މަޖިލީހުގެ ރައީސްއަކަށް އިންނެވި ބޭފުޅާ އެކަން ކުށްވެރި ނުކުރާ ކަމީ އެ ޖަމިއްޔާއިން ހިތާމަކުރާ ކަމެއް ކަމަށެވެ.
"މަޖިލީހުގެ ރައީސް އެގޮތަށް ކަންތައް ކުރެއްވުމުން ދޭހަވަނީ ގަސްތުގައި އަންހެން މެންބަރުގެ ގަދަރު ކުޑަ ކޮށްލުމަށް ފިރިހެން މެންބަރު ހިންގެވި އެ އަމަލަށް އެބޭފުޅާވެސް ތާއީދުކުރައްވައިގެން އިންނެވިހެން،" ބަޔާނުގައި ބުންޏެވެ.
ސިޔާސީ ގޮތުން އަންހެން ބޭފުޅުން ބާރުވެރިކުރުމަކީ، ޑިމޮކްރަސީ އަށް އަމަލުކުރާ ހިންގުންތެރި ނިޒާމެއްގައި މުހިއްމު ކަމެއްކަން ފާހަގަކޮށް އެސްއޭއެޗްއާރް އިން ބުނީ، މެންބަރު ރޮޒައިނާ އަށް ޖިސްމާނީ ގޮތުން އަނިޔާ ކުރާނެ ކަމަށް ނިހާން ވިދާޅުވި ކަމަށް ވިދާޅުވެ ރޮޒައިނާ ކުރައްވާފައިވާ ޝަކުވާ ތަކާ މެދު އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމަށެވެ. އެފަދަ އިންޒާރުތަކެއް އަންހެން މެންބަރަށް ދީފައިވާ ނަމަ އެއީ ހަމަ އެކަނި މެންބަރަށް ދެވޭ އިންޒާރެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލުތަކަށް ދެވޭ އިންޒާރެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެސްއޭއެޗްއާރް އިން ނިހާންގެ އަމަލު ކުށްވެރި ކޮށްފައިވާއިރު އެނޫންވެސް ގިނަ ފަރާތްތަކަކުން ދަނީ ނިހާންގެ އެ އަމަލަށް ފާޑު ކިޔަމުންނެވެ. އެ މައްސަލާގައި ނިހާން ވިދާޅުވެފައި ވަނީ ރޮޒެއިނާގެ މޫނުފުޅަށް ފެން ޖެއްސެވުނީ ކޮށި އަރައިގެން ކަމަށެވެ.