ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

މަޖިލިސް އިންތިހާބަށް އޮފިޝަލުން ހޯދަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިއުލާނުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ވަނަ ދުވަހު އެވެ.

އޮފިޝަލުން ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުންދާ މީހެއް ކަމުގައި ނުވުމާއި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

އޮފިޝަލުން އިތުރު ޝަރުތުތަކުގެ ތެރޭގައި އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުމާއި އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުން ހިމެނެ އެވެ.

މީގެ އިތުރުން މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލު މީހަކު ކަމުގައިވުމާއި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން އަދި ސްކޫލު ދަރިވަރަކަށް ނުވުން ހިމެނެ އެވެ.

މަގާމާއި އުޖޫރަ

  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ - 2،650 ރުފިޔާ
  • ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ - 2،350 ރުފިޔާ
  • ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ - 2،250 ރުފިޔާ
  • ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ - 1،000 ރުފިޔާ

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އުޖޫރައަކީ ފޯނު، ޓްރެއިނިން، ވޯޓުލާ ދުވަހުގެ އެލަވަންސް ހިމެނޭ ގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ.

މީގެ އިތުރުން އިންތިހާބު އޮންނަ ދުވަސް ރޯދަ މަހާ ދިމާވާތީ 500 ރުފިޔާގެ އެލަވަންސެއް ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ކޮންމެ އޮފިޝަލަކަށް ލިބޭނެ ކަމަށެވެ.

ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ރޯދަ ވީއްލުމަށް 250 ރުފިޔާ އަދި ތަރާވީހަށް 100 ރުފިޔާގެ އޮފިޝަލުންގެ އެލަވަންސާއެކީ ޖަމާކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން މާޗް ފަސް ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެ އެވެ.

މި މަސައްކަތަށް ކުރިމަތިލާ މީހުންނަށް މި މަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަންޖެހޭއިރު މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ނުކުރާ މީހުންނަށް އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.