ރާއްޖޭގެ ރައްޔިތުން ސަދަގާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ހަރަދު ރާއްޖެއަށް ކުރުން ވަރަށް މުހިއްމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ދަރުމައަށް މަސައްކަތް ކުރާ ރާއްޖޭގެ ބައެއް ޖަމިއްޔާތަކުން ރާއްޖެއިން އެހީ ހޯދުމަށްފަހު އެ ފައިސާ ރާއްޖެއިން ބޭރުގައި ހާލުގައި ޖެހިފައި ތިބޭ މުސްލިމުންނަށް އެހީވުން ކުރިއަށް އޮތް ވުރެ ބޮޑަށް އިތުރުވެފައި ވަނިކޮށެވެ.
"ރާއްޖޭގެ ރައްޔިތުން ސަދަގާތާއި ޚައިރާތާއި ހެޔޮކަންކަމަށް ކުރާ ހަރަދު ރާއްޖޭގެ އެތެރެއަށް ކުރުން ވަރަށް މުހިއްމު. މިދެންނެވީ އިންސާނީ ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ބޭރުގެ ފަރާތްތައް އިސްތިސްނާވެގެންވާ ގޮތުގައި،" ޝަހީމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓެއްގައިވެ އެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ގުރުއާން ކްލާސްތަކާއި މިސްކިތްތަކާއި އެދުރުގެތަކާއި އެފަދަ ކިތަންމެ ތަނަކަށް ހެޔޮކަމެއްގެ ގޮތުގައި ހަރަދުކުރެވެން އެބައޮތް ކަމަށެވެ.
"އެތަންތަންވަނީ ނުހަނު އެހީތެރިކަމަށް ބޭނުންޖެހިފައި. ރާއްޖޭގެ 700 އެއްހާ މިސްކިތް ހުރޭ. އެތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ. ރާއްޖޭގެ ކިތަންމެ ގުރުއާން ކުލާހެއް އެބަހުރި ހުއްޓިފައި. ކިތަންމެ އެދުރުގެއެއް އެބަހުރި ހުއްޓިފައި. ގޮނޑިއާއި އެނޫންވެސް ވަސީލަތްތައް އެތަންތަނަށް ބޭނުންވޭ،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ސަދަގާތުގެ ފައިސާ ބޭރަށް ހަރަދުކޮށް، މިސްކިތްތަކަށް ނުވަތަ ފެންވަޅު ބެހެއްޓުމަށް ނުވަތަ އެނޫންވެސް ކަންކަމަށް ހަރަދުކުރާ ކަމަށާއި އެއީވެސް ރަނގަޅު ކަންކަން ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެތެރޭގެ ހާލަތަށްވެސް ރިއާޔަތްކުރުން ވަރަށް މުހިއްމު ކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިސްލާމިކް މިނިސްޓްރީގެ ޗެރިޓީ ފަންޑު ފުޅާކޮށް ފަސޭހައިން ސަދަގާތްކުރެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.
"ސަދަގާތު ފައިސާ ނަގާ އަމިއްލަ ޖަމިއްޔާތަކުންވެސް ރާއްޖޭގެ އެތެރޭގެ ކަންކަމަށް ހަރަދުކުރުން މުހިއްމުކަމުގައި ދެކެން. ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުތައް ރާއްޖޭގައި އެބަހުރި. އެތަންތަނަށް ނުހަނު އެހީތެރިކަން ބޭނުންވޭ،" ޝަހީމް ވިދާޅުވެފައިވެ އެވެ.