ވާހަކަ

މިލްކުވާނެބާ

( 18 ޖަނަވަރީ 2024 އާ ގުޅޭ )

"ތިން ދުވަހަށް... ކޮންތާކަށް؟. ރާއްޖޭން ބޭރަށްތަ؟." މިޔާއަށް އަހާލެވުނެވެ. އޭނާ ވެސް އެ އިނީ އިޒީކިއަލް ދިން ޚަބަރުން ހިތް އަވަސްވެފަ އެވެ.

"އިޓްސް އަ ސަޕްރައިޒް. އިންތިޒާރު ކުރޭ... މާދަމާ ރޭ ނުވައެއް ޖަހާއިރަށް." އިޒީކިއަލް މިހެން ބުނެލިއިރު އެއްމިޔަކަނުން އޭނާގެ ތުންފަތް ދެމިލި އެވެ. މިޔާގެ ހިތް ތަޅުވަން ގަސްދުގައި އިޒީކިއަލް އުޅޭ ކަހަލަ އެވެ.

* * * * *

އެނބުރި މާފުށްޓަށް އާދެވުނުއިރު މެންދުރުން އަނބުރައި ދޭއްޖަހަނީ އެވެ. ގެއަށް ވަންއިރު ނަފީޒާ ހުރީ އިޒީކިއަލްގެ ދެމަފިރިންނަށް މެންދުރުގެ ކެއުން ކާމޭޒަށް ނަގާފަ އެވެ. އެހެންނަމަވެސް މިޔާ ކާހިތްނެތުމުން އިޒީކިއަލް ވެސް ކާންދިއުމުގެ ވިސްނުން ދޫކޮށްލީ އެވެ.

މިޔާއާއެކު ކޮޓަރިއަށް އިޒީކިއަލް އައެވެ. މިޔާ ހެދުން ބަދަލުކޮށްލައިގެން އަންނަންދެން އެނދުގައި އިޒީކިއަލް އިނެވެ. މިޔާ ފެންނައިރަށް ކަނާއަތް ކުރިޔަށް ދަމާލައިފި އެވެ. އުނގުތެރެއަށް ވަންނަން ބޭނުންވެފައިވާ ތުއްތު ކުއްޖެއްހެން ހަލުވި ފިޔަވަޅުގައި މިޔާ އައިސް އިޒީކިއަލްގެ ދަމާލެވިފައިވާ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ހެޔޮވަރުކޮށްލައިފި އެވެ. އެއާއެކު އިޒީކިއަލް އަނބިމީހާ ގެނެސް ގާތުގައި ބައިންދާލި އެވެ.

"ތެންކިޔު." މިޔާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން އިޒީކިއަލް ބުނެލީ ވައި އަޑުންނެވެ. މިޔާގެ ކަންފަތަށް އެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުނެވެ. ނަފްސު ބެހިގެންދާން ދޫކޮށްލަން އެދޭފަދަ އޮއެވަރެއްގައި މިޔާގެ ހަށިގަނޑު ޖެހުނެވެ. ފިރިމީހާގެ ގައިގާ ބާރަށް ބައްދާލަން މިޔާގެ ހިތް އެދެންފެށި އެވެ. ނަމަވެސް އިސްވެ އެފަދަ ގާތްކަމަކަށް އިޝާރާތްކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. އިންތިހާ ލަދުވެތިކަން މިޔާއަށް ހުރަސް އަޅަނީ އެވެ.

"ކޮންކަމަކާ؟." މިޔާއަށް އަހާލެވުނެވެ.

"އަހަރެންގެ ހުރިހާ ޝަރުތެއް ޤަބޫލުކުރާތީ. އެޔަށްވުރެ ބޮޑަށް... ބޭބީއެއް ހޯދަން އެއްބަސްވީމަ." އިޒީކިއަލް މަޑުމަޑުން ބުނެލި އެވެ. އަދި މިޔާގެ ކޮނޑުމަތިން ކައިރިވެލައި އޭނާގެ ކޯތާފަތުގައި އިޒީކިއަލް ބޮސްދިނެވެ. މިޔާގެ މުޅިހަށިގަނޑަށް އެ ބީހިލުމުގެ އަސަރު ފެތުރިގަތް ކަހަލަ އެވެ.

"ތެންކިޔު ބުނަންޖެހޭ މީހަކީ އަހަރެން. އެކަނިވެ ގޮތް ހުސްވެފައިވީ ވަގުތު އެހީތެރިކަމުގެ އަތެއް އަހަރެންނަށް ދިއްކޮށްލި ހަމައެކަނި މީހަކީތީ. އަހަރެންނަށް އާ ލައިފެއް ފަށާނޭ ފުރުޞަތު ލިބުނީ އިޒީކިއަލްގެ ސަބަބުން. ތީ ވަރަށް ރަނގަޅު މީހެއް. ބޭބީސްއަކީ މެރީޑް ލައިފްގެ ބައެއް. އިޓްސް އަ ގޯލް ކޮންމެ ކަޕްލްއެއް އެޗީވްކުރަން ބޭނުންވާ. ލަހުންވިޔަސް އަވަހަށް ވިޔަސް މެރީޑް ކޮންމެ ކަޕަލްއެއް ކުއްޖަކު ބޭނުންވާނެ... ސޯ... އައި ޑޯންޓް މައިންޑް އިޒީކިއަލްއާއެކު ކުއްޖަކު ހޯދަން. ލައިފްގެ ކޮންމެ ސްޓޭޖެއްގައި އަހަރެންނާއެކީ އިޒީކިއަލް ހުންނާނަމެންނު. އެވަރުން އަހަރެން ހުންނާނީ އުފަލުން." މިޔާ ވާހަކަދައްކަމުން އިޒީކިއަލްގެ ގައިގާ ލައްވެލި އެވެ.

މިޔާގެ ކޯތާފަތުގައި އަނެއްކާ ވެސް އިޒީކިއަލް ބޮސްދިނެވެ. އަދި މަޑުމަޑުން އެނދުގައި މިޔާ ބާއްވާލައި އަނބިމީހާގެ ގައިގާ އިޒީކިއަލް ބައްދާލި އެވެ. މިޔާގެ އަވަސްވެފައިވާ ހިތުގެ ތެޅުން އިޒީކިއަލްއަށް ފަޅާއަރާނޭކަން އެނގުމުން އެ މޫނު ލަދުން ރަތްވެލައިފި އެވެ. އިޒީކިއަލްގެ ނަމުން މިޔާ ގޮވާލި އެވެ. އެނދުގެ އަރިމަތީ ދެމަފިރިން އިށީނދެ ތިބީތީ އެމީހުންގެ ފައިކޮޅު ވަނީ އެނދުން ތިރިއަށް އެލުވާލެވިފަ އެވެ. އެހެންވިޔަސް އިޒީކިއަލްގެ ފައި މިޔާގެ ފަޔާ އޮޅި ލާމެހެންފެށި އެވެ. މިޔާގެ ތުންފަތުގައި ޝަހާދަތް އިނގިލި އިޒީކިއަލް އަޅާލީ ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުންނެވެ. އިޒީކިއަލް ވަނީ އަނބިމީހާއަށް ބޭނުންވެފަ އެވެ. ނަމަވެސް އޭނާ ވަނީ އެކަމަށް ވަގުތެއް ކަނޑައަޅާފަ އެވެ. ޚާއްޞަކޮށް ޑަކްޓަރު އިޒްމީލްގެ ސުވާލުތަކާއެކު މިޔާއަކީ ބިނދެނުލާ އިން ތާޒާ މަލެއްކަން އިޒީކިއަލްއަށް އެނގުނު ހިނދުން ފެށިގެންނެވެ. އަމިއްލަ ނަފްސު ހިފަހައްޓަން އިޒީކިއަލްއަށް ދަތިވި އެވެ. އޭނާގެ މޫނު މިޔާގެ މޫނާ ގާތްކޮށްލި އެވެ. އަނބިމީހާގެ މޫނުގެ އެތަންމިތަނުގައި އިޒީކިއަލް ބޮސްދޭން ފެށި އެވެ. މިޔާއަށް އިޒީކިއަލްގެ ގައިގާ ހިފަހައްޓާލެވުނެވެ. ދެ ފަރާތުން އިޒީކިއަލްގެ ގަމީސް މިޔާގެ އަތުގެތެރެއަށް ބޮނޑިވަމުންދިޔަ އެވެ.

"މިޔާ." މަސްތުގެ އާރަކުން ފެންބުއިމަށް ކަރުހިއްކައިގަނެފައިވާ އަސަރެއް އިޒީކިއަލްގެ އަޑުގައި ވިއެވެ. އޭނާގެ ނަޒަރުވީ މިޔާއާ އަމާޒުކޮށްލެވިފަ އެވެ. ލަދުން އޮވެ މިޔާ ބޯޖަހާލައިފި އެވެ. އެއާއެކު ދެމަފިރިންގެ ނޭވާ ގުޅިއްޖެ އެވެ. އިޒީކިއަލްގެ ނޭވާއާ ހަމަކުރެވޭ ގޮތެއް މިޔާއަށް ނުވި އެވެ. ގައިދުވެފައިވީ ތުންފަތް މިނިވަންވުމުން އޮކްސިޖަން ބޭނުންވެފައިވާ މީހަކު ފަދައިން މިޔާ ބޮޑު ނޭވާއެއް ލިއެވެ. މިޔާގެ ރަތްވެފައިވާ ދެތުންފަތުގައި އިޒީކިއަލްގެ ވައަތުގެ އިނގިލިތަކުން ފިރުމާލި އެވެ. އަދި ދެވަނަ ފަހަރަށް މިޔާގެ ތުންފަތުގައި ލޯބިކޮށްލުމަށް އިޒީކިއަލް ކައިރިވެލި އެވެ. އެކަމުގެ އަރާއި ހިތްހަމަޖެހުން އޭނާއަށް ނުލިބެނީސް ފޯނު ވައިބްރޭޓްވާން ފެށި އެވެ. އަނބިމީހާއާ ދުރަށް ޖެހިލައި އިޒީކިއަލް ތެދުވެ އިށީނެވެ. ފަޓުލޫނުގެ އަރިމަތީ ޖީބުން ފޯނު ނަގައި ބަލާލި އެވެ. އޭނާ ފޯނު ހިފަހައްޓައިގެން ހުރި ގޮތުން ގުޅަނީ ކާކުކަމެއް އެނދުގައި އޮތް މިޔާއަކަށް ނުފެނެ އެވެ. ދެން ފެނުނީ ކުއްލިއަކަށް އިޒީކިއަލް ތެދުވި ތަނެވެ. އޭނާގެ ޠަބީޢަތަށް ބަދަލު އައި ކަހަލަ އެވެ. ކުރީން ފާޅުވި ހުރިހާ ޖަޒުބާތެއް ފަރުދާވެގެން އައީ އިންތިހާ ސީރިއަސްކަމެއްގެ އަސަރުންނެވެ.

"އަހަރެން ދާންޖެހިއްޖެ. މިރެޔަށް ރެޑީވެލާތި. އަހަރެންނަށް ނުގުޅިއްޖެއްޔާ ހިލްމީ ހުންނާނެ. އޭނާ ކައިރީ ބުނާ ކޮންމެކަމެއް ކޮށްދޭނެ." ފޯނު އަނބުރާ ފަޓުލޫނުގެ ޖީބަށް ކޮށްޕާލަފައި އިޒީކިއަލް ބުންޏެވެ. ހިސާބެއްގެ ހައިރާންކަމާއެކު މިޔާއަށް ބަލަން އިނދެވުނީ އެވެ. އިޒީކިއަލް މަޑެއް ނުކުރި އެވެ. އޭނާ ހަރުކޮށް ހިނގާފައި ކޮޓަރިން ނުކުމެގެން ހިނގައްޖެ އެވެ.

"ވަޓް ޖަސްޓް ހެޕެންޑް." އަމިއްލަ ނަފްސުގެ ކައިރިން މިޔާއަށް އަހާލެވުނެވެ. އިޒީކިއަލްއަށް މުހިންމު ކަމެއް ޖެހުނީ ކަމުގައި މިޔާ ޤަބޫލުކުރި އެވެ. އެ ވިސްނުމާއެކު މީގެ ހިނދުކޮޅެއް ކުރީން އިޒީކިއަލް ދިން ލޯބީގެ ހަދިޔާއަށް މިޔާގެ ޚިޔާލުތައް ދޫވެއްޖެ އެވެ. ރަކި ހިނިތުންވުމެއް ވެރިކޮށްލައިގެން އިނދެ ތުންފަތުގައި މިޔާއަށް ފިރުމާލެވުނެވެ.

"ހީޒް އަ ރިއަލް މޭން." ލަދުވެތި ހީނލުމަކާއެކު މިޔާ ސިއްރުން ބުނެލި އެވެ. ދެ ފަރާތަށް ބޯހޫރާލާފައި މޫނުގައި ދެ އަތް އަޅައި ފޮރުވާލީ ހެމުންނެވެ. އޭނާ އިނީ އުފަލުންކަން ޔަޤީނެވެ.

* * * * *

އިންތިޒާރުގައި ވަގުތު ގުނަމުން މިޔާ ދިޔަ އެވެ. އިޒީކިއަލްއަށް ނާދެވުނު ނަމަވެސް ހިލްމީ އަތަށް ދީފައި މިޔާއަށް ދަތުރު ކުރުމުގައި ބޭނުންކުރާނޭ އަންހެންވަންތަ އަގުބޮޑު ބްރޭންޑެއްގެ "ޑަފަލް ބޭގެއް" ފޮނުވައި ދިނެވެ. އަދި މިޔާއަށް މެސެޖުކޮށް ހެދުމުގެ އެތެރެއިން ލާ އަންނައުނުގެ ވަކި ޚާއްޞަކުލައެއް ޚިޔާރު ކުރާން އިޒީކިއަލް އެދުނެވެ. އެފަދަ އެތައް ޝަރުތެއް އިޒީކިއަލްގެ މެސެޖުގައި ހުއްޓެވެ. ތައްޔާރުވަމުން ދިޔައިރު ވެސް މިޔާއަށް ހުރެވުނީ ހިނިއައިސްފަ އެވެ. އިޒީކިއަލްގެ ނުފެންނަ ފަރާތެއް އޭނާއަށް ފެންނަން އުޅޭކަން އެނގެ އެވެ. ލަދުވެތިކަމުގެ ތެރެއިން މިޔާގެ ހިތުގައި ޝައުގުވެރިކަމެއް ވެސް އުފެދިފައި ވިއެވެ. އިޒީކިއަލްއަށް ޓަކައި މިޔާ އެންމެ ފުރިހަމައަށް ތައްޔާރުވެލި އެވެ.

"ތައްޔާރުތަ؟." ރޭގަނޑު އަށްގަޑި ސާޅީސްކަން ހާއިރު އިޒީކިއަލް މެސެޖުކޮށްލި އެވެ. އޭނާ އަންނަން އުޅޭ ކަމުގެ އިޝާރާތެއް މިޔާއަށް ދިން ކަހަލަ އެވެ.

"ޔެސް. ރެޑީ. ކޮންއިރަކުން އަންނަނީ؟." ކެތްތެރިކަން ކުޑަވެފައި ހުރެ މިޔާ މެސެޖުގެ ރައްދު އަވަހަށް ފޮނުވާލި އެވެ.

"މި ކައިރިކުރަނީ. ފައިވް މިނެޓްސް." އިޒީކިއަލްގެ ދެވަނަ މެސެޖު މިޔާއަށް ލިބުނެވެ. އެއާއެކު އެނދުމަތީން ދަތުރު ދަބަސް ނަގައިގެން މިޔާ ކޮޓަރިން ނުކުތެވެ.

"ކޮންތާކަށް ވަޑައިގަންނަވަނީ؟." ސިޑިން ފައިބަފައިބާ ހުރި މިޔާ ފެނުމާއެކު ނަފީޒާގެ އަޑު އިވިގެން ދިޔަ އެވެ. މިޔާގެ ނަޒަރު ފައި އަޅަމުންދިޔަ ހަރުފަތްތަކުން އެ އަޑު އައި ދިމާއަށް ދަތުރުކޮށްލި އެވެ. އޭރު ނަފީޒާ ހުރީ އެއްއުކުޅުގައި އަތްވިދެލައިގެން މިޔާއާ ދިމާއަށް ބަލާށެވެ.

"ބޭރަށް... އިޒީކިއަލްއާއެކީ." މިޔާ ބުނެލި އެވެ.

"ކައިވެނި ވެވުނީމާ ވަރަށް އުފަލުން ދޯ ތިހުރީ." ނަފީޒާ ބުންޏެވެ.

ސިޑިން ފޭބުމާއެކު ނަފީޒާއަށް ބަލަހައްޓައިގެން މިޔާއަށް ހުރެވުނެވެ. ބުނަންވީ އެއްޗެއް ނޭނގިފަ އެވެ. އޭނާ ވާހަކަދައްކާ ރާގުން މާނަ ކުރަންވީ ކީކޭ ކަމެއް މިޔާއަށް ނޭނގުނެވެ. އޭނާއަށް ފާހަގަވީ އެވަގުތު ހިލްމީ ފެންނަ ހިސާބުގައި ނެތްކަމެވެ. ނަފީޒާ މި ނޫނީ ސީދާ މިޔާއާ ދިމާއަށް އެފަދައިން ވާހަކަދައްކާފައެއް ނުވެ އެވެ.

"ކައިވެންޏެއް ކުރެވުނުހެން އިޙްސާސްވިތަ؟." މިފަހަރު ނަފީޒާގެ ތުންފަތް ކުޑަކޮށްދެމިލި އެވެ. ހީވީ މަލާމާތުގެ ދެރަބަހަކުން މިޔާއަށް ޖަހާލީ ހެންނެވެ.

"އާން. ކައިވެނި ކުރެވުނު ވަގުތު އެތަނުގައި ނަފީޒާ ވެސް ހުރީމެންނު. ޤާޟީ އަހަރެމެންގެ ކައިވެނި ކޮށްދިންތައް ވެސް ދުށީމެންނު. އަހަރެންނަކީ މިހާރު އިޒީކިއަލްގެ އަނބިމީހާ. ނޭނގުމެއްގައި ކައިވެންޏެއް ނުކުރެވޭނެ." މިޔާ ބުނެލީ ކެރި ހުރެގެންނެވެ.

ނަފީޒާ ހީނލި އެވެ. އަދި މިޔާއަށް ރައްދުދޭން ތައްޔާރުވެލި ހިނދު ދޮރުމަތިން އިޒީކިއަލް ފެނިއްޖެ އެވެ. އޭނާގެ މޫނުމަތި ބަދަލުކޮށްލީ ނިކަން ކުޅަދާނަކަމާއެކީ އެވެ. ގޭތެރެއަށް ވަން އިޒީކިއަލްއަށް ނިކަން ފުޅާ ހިނިތުންވުމެއް ނަފީޒާ ބަދަލުކޮށްލި އެވެ. ބޭރަށްދަނީތޯ އޭނާ އިޒީކިއަލް ގާތުން އަހާލި އެވެ.

"އާން." އިޒީކިއަލް މިހެން ބުނެލުމާއެކު އޭނާގެ ސަމާލުކަން ސިޑި ކައިރީ ހުރި މިޔާއަށް ދީފި އެވެ. އޭނާ އައިސް މިޔާގެ އަތުގައި އޮތް ދަތުރު ދަބަހުގައި ހިފި އެވެ. އަދި މިޔާ ގޮވައިގެން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

އިޒީކިއަލްއާއެކު މިޔާ އައިސް ދޮރުމަތީ އޮތް ކާރަށް އެރި އެވެ. އޭރު ހިލްމީ އިނީ ކާރު ދުއްވާށެވެ. ހިލްމީ އިނުމުން މިޔާއަށް އިސްއުފުލާ އިޒީކިއަލްއަށް ބަލާލާކަށް ވެސް ނުކެރުނެވެ. އެހެންވިޔަސް އޭނާއަށް އިޒީކިއަލް ފެނުނު ހިނދު ޔަގީންވީ އިޒީކިއަލްގެ ފުށުން ފެންނަ ތަޒާކަމެވެ. ކައިރީގައި ހުއްޓިލި ހިނދު އޭނާގެ ޙިއްޞުތަކާއި ކުޅެލައި ފިރިހެންވަންތަ ސެންޓުގެ ވަސް އިޒީކިއަލްގެ ގައިން ދުވި އެވެ. ހީވަނީ ހަމަ ދެންމެ ފެންވަރާ ތައްޔާރުވެލައިގެން އައި ހެންނެވެ. މިޔާ ސުވާލު އުފެދުނެވެ. އިޒީކިއަލް ގެއަށް އައިކަމެއް އޭނާ ނުދެނަ ހުއްޓެވެ. ގެއަށް އައިނަމަ އިޒީކިއަލްގެ އެއްޗެހި ހުންނާނީ މިޔާ އުޅޭ ބައިގަ އެވެ. އެ ކޮޓަރިއަށް ގައިމު ވެސް އިޒީކިއަލް ދިޔަފަހުން އެނބުރި އައިސް ނުވަންނަކަން ޔަޤީނެވެ. ދެން އެހެންވީރު އޭނާ އެހާ ފުރިހަމައަށް ތައްޔާރުވެގެން އެ އައީ ކޮންތާކުންބާއޭ މިޔާގެ ޟަމީރު ސުވާލު އުފެއްދި އެވެ. ކާރުގައި އިން ހުރިހާ ވަގުތެއްގައި މިޔާގެ ޚިޔާލުގައިވީ އެ ސުވާލެވެ.

ފާލަމާ ކައިރިކޮށްފައި އޮތް ކުޑަ ލާންޗަށް އިޒީކިއަލްގެ އެހީގައި މިޔާ ފޭބި އެވެ. އޭގެ ދެމަފިރިން ހަމަޖެހުމާއެކު ކައްޕި ލާންޗު ދުއްވާލައިފި އެވެ. ކައްޕި ނުލައި ހަ މީހުންނަށްވުރެ ގިނައެއްކޮށް އެ ލާންޗަކަށް ނޭރޭނެ އެވެ. އެހާ ވެސް ކުޑައީ އެވެ. ލާންޗު ބާރުމީނުގައި އައިސް މަޑުކޮށްލީ ފަޅުބޭރުގައި އަޅާފައި އޮތް ޔޮޓެއްގެ ކައިރިއަށެވެ. އެއީ ދެ ޑެކުގެ މައްޗަށް ފަރުމާކުރެވިފައިވާ ޒަމާނީ ލަގްޒަރީ ޔޮޓެކެވެ. އޭރު ޔޮޓަށް އަރާ ދިމާގައި އެމީހުންގެ އިންތިޒާރުގައި މީހަކު މަޑުކޮށްލައިގެން ހުއްޓެވެ.

"ވެލްކަމްބެކް ސަރ، ހެލޯ މޭމް." ޔޮޓަށް އިޒީކިއަލްއާއި މިޔާ އެރި ހިނދު އެމީހުންގެ އިންތިޒާރުގައި ހުރި ޒުވާނާ ބުނެލި އެވެ. އަދި މެހެމާންދާރީ އަދާކުރުމުގެ ގޮތުން އޭނާގެ އަތުގައި އޮތް ތަބަކުން ތެތް ތުވާލި ކޮޅެއްގެ އިތުރުން ފިނިބުއިމެއް އެރުވި އެވެ. އެ ޒުވާނާގެ އަތަށް މިޔާގެ ދަތުރު ދަބަސް އިޒީކިއަލް ދިއްކޮށްލި އެވެ. އަދި އެމީހުން މައްޗަށް އަރަނީކަން އިޒީކިއަލް އަންގާލި އެވެ.

މަތީ ޑެކަށް އިޒީކިއަލްއާއެކު މިޔާ އެރުމާއެކު އޭނާގެ ތުންފަތް ދެމިލައިފި އެވެ. އިޒީކިއަލްގެ ވައަތު މުލައްދަނޑީގައި ހިފައި މިޔާއާ ގާތްކޮށްލެވުނީ އުފަލުންނެވެ. އުއްބައްތިތަކުން މުޅިތަން ހުޅުދާންކުރެވިފައިވާއިރު ދެ މީހަކަށް ޚާއްޞަކުރެވިފައިވާ މޭޒުމަތީގައިވަނީ އުއްބައްތީގެ ދެ ފާނޫޒެވެ. މޭޒުމަތީގައި ރަތްކުލައިގެ ބޮޑު ފިނިފެންމާ ބޮނޑިއެއް އޮތެވެ.

"ދިސް އިޒް ފޯ ޔޫ." މިޔާގެ ނިތްކުރީގައި ބޮސްދީފައި އިޒީކިއަލް ބުނެލި އެވެ. އެ ހުރިހާ ތައްޔާރީތަކަކީ މިޔާއަށް ޓަކައި ކޮށްދިން ކަންކަން އެނގުމުން އޭނާގެ ހިތް އުފަލުން ނަށަން ފެށި އެވެ. އިޒީކިއަލްއަކީ އޭނާ ބޭނުންވާ ފަދަ ހުވަފެނުން ދެކެމުން އައި ކަހަލަ ފިރިއެކޭ ހިތް ބުނެލި އެވެ.

(ނުނިމޭ)