ދުނިޔެ

އިޒުރޭލާ ގުޅުމެއް ނެތް 64 ކޮންޓޭނަރު ބޯޓެއް ރަތް ކަނޑު ހުރަސްކޮށްފި

އިޒުރޭލުގެ ޔަހޫދީ ޒަޔަނިސްޓުންނާ ގުޅުމެއް ނެތްކަން އަންގައިދޭ ދިދަ ނެގި 64 ކޮންޓޭނަރު ބޯޓެއް ރައްކާތެރިކަމާ އެކު ރަތް ކަނޑު ހުރަސްކޮށް ސަލާމަތުން މަންޒިލަށް ދަތުރުކޮށްފި ކަމަށް ހޫސީން ބުނެފި އެވެ.

ޔަހޫދީންނާ ގުޅުމެއް ނެތް ނަމަ -- ރަތް ކަނޑުން ދަތުރުކުރާ މުދާ އުފުލާ އެއްވެސް ބޯޓަކަށް ގެއްލުމެއް ނުދޭނެ ކަމަށް ހޫސީން އޮތީ ބުނެފަ އެވެ. އަދި އެފަދަ އުޅަނގުތަކަށް މަގުފަހިކޮށްދޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހޫސީން ޖަމާއަތުން މައުލޫމާތުން މައުލޫމާތު ދެމުން މުހައްމަދު އަލީ ބުނި ގޮތުން ރަތް ކަނޑު ހުރަސްކުރަން އޮތް އެންމެ ފަސޭހަ ގޮތަކީ ދިދަ ނެގުމެވެ. އެ ދިދާގައި "އަހަރެމެން ޔަހޫދީންނާ އެއްވެސް ގުޅުމެއް ނެތް" ކަމަށް ލިޔެފައި އޮންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

މި އެއްބަސްވުމަށް ބޯލެނބި 64 ބޯޓެއް މިހާރު ވަނީ އަމާންކަމާ އެކު ރަތް ކަނޑު ހުރަސްކޮށް ގޮސްފައި ކަމަށް މުހައްމަދު އަލީ ބުންޏެވެ.

ރަތް ކަނޑުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއާ ބައިވެރިވެގެން ކިތަންމެ ގިނަ ސިފައިން ނުކުތެއް ކަމަކު ބިރު ނުގަންނަ ކަމަށް ހޫސީން ބުނެ އެވެ. އެމެރިކާއާ ބައިވެރިންގެ ސަބަބުން ރަތް ކަނޑު އަމާން ނުވާނެ ކަމަށް ވެސް ހޫސީން ބުނެ އެވެ.

ހޫސީން ބުނާ ގޮތުން ރަތް ކަނޑު އަމާންކުރަން އެދޭ ނަމަ އޮތް އެންމެ ކުރު ގޮތަކީ ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމެވެ. އެއާ އެކު އެ ޖަމާއަތުން ކުރަމުން ގެންދާ މަސައްކަތައް ކޮޅެއްގައި ޖެހި ރަތް ކަނޑު ދޫކޮށްލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ހޫސީ ހަނގުރާމަވެރިން ރަތް ކަނޑުން ފައްސާލުމަށް އެމެރިކާއާ ބައިވެރިވެން އިނގިރޭސިންނާއި އިޓަލީން ވެސް ވަނީ ހަނގުރާމާއަށް ނުކުމެފަ އެވެ. އަދި އިނގިރޭސި ހަނގުރާމަމަތީ ޖެޓުތަކުން ޔަމަނުގައި ތިބި ހޫސީންނަށް ވަނީ ހަމަލާދީފަ އެވެ.

ޔަމަނަށް ދިން މި ހަމަލާ މުޅި ދުނިޔެ ކުށްވެރިކޮށްފައި ވާއިރު އިނގިރޭސިންނާއި އެމެރިކާ ބުނަނީ އެއީ އަމިއްލަ ދިފާއަށް ޓަކައި ދިން ހަމަލާއެއް ކަމަށެވެ.

ހޫސީންގެ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ރަތް ކަނޑުން ދަތުރުކުރާ އެމެރިކާއާ އިނގިރޭސިންގެ އުޅަނދުތަކަށް ހަމަލާދިނުމަށް ދިން ހުއްދައެއް ކަމަށް ބަލާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

އެ ޖަމާއަތުގެ ބަހާއި އަމަލު ދިމާކުރާނެ ކަމަށް ބުނެ އެމެރިކާގެ މަނަވަރުތަކަށް ހަމަލަދީ ވަނީ ގެއްލުންތައް ވެސް ދީފަ އެވެ. އަދި އިތުރު ހަމަލާތައް ދޭނެ ކަމަށް ވެސް ހޫސީން ބުންޏެވެ.