ދުނިޔެ

އަސީރުން ދޫކުރިއެއް ކަމަކު ހަނގުރާމާ ނުހުއްޓާނަން: ނަތަންޔާހޫ

ފަލަސްތީންގައި ހަރަކާތްތެރިވާ ހަމާސް އިން އޮކްޓޯބަރު 7، 2023 ގައި ހިފަހައްޓާފައި ތިބި ޔަހޫދީ އަސީރުން ޝަރުތެއްގެ މަތިން ދޫކުރެވިދާނެ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ހަމާސް އިން ވަނީ ހުށަހަޅާފަ އެވެ.

އަސީރުން ދޫކުރުމަށް ހަމާސް އިން ހުށަހެޅި ޝަރުތަކީ ކުށްވެރިން ދޫކުރުމާ އެކު ހަމަލާތައް ހުއްޓާލައި ޔަހޫދީ އަސްކަރިއްޔާ ޣައްޒާ އިން ފޭބުމެވެ.

ޖަވާބުގައި ނަތަންޔާހޫ ވިދާޅުވީ ހުރިހާ އަސީރުން އެއްފަހަރާ ދޫކުރި ނަމަވެސް ހަމަލާތައް ހުއްޓާލާފައި ޔަހޫދީ އަސްކަރިއްޔާ ޣައްޒާ އިން ނުފައިބާނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސް އިން އަސީރުކޮށްގެން ތިބި 110 މީހަކު ސަލާމަތުން ގައުމަށް ގެނެވިއްޖެ އެވެ. އެކަން ކުރީ ހަމާސްއާ އެކު އެއްވެސް ޑީލެއް ހެދުމެއް ނެތި ޔަހޫދީންގެ ބާރުގަދަކަމުން ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަދެއްކެވި އެވެ.

ނަތަންޔާހޫ ވިދާޅުވީ ޔަހޫދީ އަސީރުން ގެއަށް ގެނައުމުގައި ޔަހޫދީން ހޯދަމުން ގެންދާ ކާމިޔާބީ އެ ގޮތުގައި ދަމަހައްޓާނެ ކަމަށާއި އެކަމުގެ މައްޗަށް ހަމާސްއަށް އެއްވެސް ބާރެއް ނުފޯރުވޭނެ ކަމަށެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުން ޔަހޫދީންނަކީ ހަމާސްއަށް އަމާންދޭނެ ބައެއް ނޫނެވެ. ޔަހޫދީންނަކީ ކަމެއް ފަށައިފިނަމަ އެކަމެއްގައި ސާބިތުވެ ތިބެން ދަންނަ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވި ނަމަވެސް ފަލަސްތީންގެ މައްަސަލައަށް އޮތް ދެމެހެއްޓެނިވި ހައްަލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދޭނެ ގޮތަށް މަސްރަހު ތަނަވަސްކުރުން ކަމަށް ނުފޫޒުގަދަ ގައުމުތަކުން ބުނެ އެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގައި ތިބި ޔަހޫދީންގެ އެކުވެރިންގެ ބުނުމަކީވެސް -- ޔަހޫދީންގެ ގެދޮރު އަމާންކަމުގައި ދަމަހައްޓަން އެދޭނަމަ އޮތް ހަމައެކަނި ހައްލަކީ ދެ ދައުލަތް ކަމަށެވެ.

ޔޫރަޕްގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވެސް ވަނީ ބެންޖަމިން ނަތަންޔާހޫގެ ބޯހަރު ކަމަށް ފާޑުވިދާޅުވެފަ އެވެ. އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރުވެސް ނަތަންޔާހޫއަށް ފާޑުވިދާޅުވެ -- ދެ ދައުލަތަށް ތާއިދުކުރައްވާކަން ވަނީ ހާމަކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުރަޕުން މިހާރު ބޭނުން ވަނީ ޔަހޫދީންނާ އެކު މުޅިން އާ މަޝްވަރާތަކެއް ފަށާށެވެ. އެއީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ.