އިސްލާމިކް މިނިސްޓްރީ

ދެ ގައިދީން ކައިވެނިކުރުން މަނާ: ފަތުވާ

ޖަލުތަކުގައި ތިބޭ ދެ ގައިދީން ވަގުތީ ގޮތުން ކައިވެނި ކުރުން މަނާ ކުރެވިދާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފި އެވެ.

ފަތުވާގައި ވަނީ މިނިވަން ފަރުދުންނަށް ލިބިފައިވާ ހައްގުތަކުގެ ތެރެއިން، ޖަލުގައި ހުކުމް ތަންފީޒްކުރާ ގައިދީން ބައެއް ކަހަލަ ހައްގުތަކުން ވަގުތީ ގޮތުން މަހުރޫމްކުރުމަކީ ޝަރުއީ މަސްލަހަތާ ފުށޫއަރާ ކަމެއް ނޫން ކަމަށެވެ. ޖަލުތައް ހެދިފައި ހުންނަ ގޮތުން ކައިވެނިކޮށްގެން ދެ ގައިދާއަކަށް ލިބޭ ދަރިއަކު ބެހެލެއްޓޭނެ އިންތިޒާމެއް ޖަލުތަކުގައި ކަނޑައެޅިފައި ނުވާތީ އެފަދަ ހަލާތްތަކުގައި ކައިވެނީގެ ސަބަބުން އިޖުތީމާއީ މައްސަލަތައް އިތުރަށް އުފެދިދާނެ ކަމަށް ފަތުވާގައިވެ އެވެ.

"މި ހާލަތުގައި ތިބި ދެ ގައިދީންނަށް ކައިވެނީގެ ތެރެއިން، ދަރިޔަކު ލިބިއްޖެނަމަ އެ ކުއްޖާ އެންމެހާ ކަންކަން ބަލެހެއްޓުމުގެ އިތުރު ތަކުލީފުތަކެއް ދައުލަތަށް ތަހައްމަލް ކުރަންޖެހޭ ގޮތް އެބަދީމާވޭ،" ފަތުވާގައިވެ އެވެ.

އެެހެންވެ މިފަދަ ހާލަތެއްގައި ދަރިންނަށް ލިބެންޖެހޭ ތަރުބިއްޔަތާއި، މައިންބަފައިންގެ ލޯބިން އެކުދިން މަހްރޫމުވެގެން ހިނގައިދާނެކަމުގެ ބިރު އޮތްނަމަ، މުޖުތަމައަށް ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން ދެ ގައިދީއަކު ވަގުތީ ގޮތުން ކައިވެނިކުރުން މަނާކުރުމަކީ އިސްލާމީ ޝަރީއަތަށް ފުށޫ އަރާ ކަމެއް ނޫން ކަމަށްވެސް ފަތުވާގައިވެ އެވެ.

ފަތުވާގައި އިތުރަށް ބުނެފައިވަނީ ގައިދީން ކައިވެނިކުރުން މުތުލަގު ގޮތެއްގައި މަނާކުރާ ޝަރުއީ ދަލީލެއް ނެތުމާއެކު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ގައިދީންގެ ޖިންސީ ގަރީޒާތައް ފުއްދުމުގެ ގޮތުން ކުރިން މީހުންނާ އިނދެގެން ތިބޭ ގައިދީންނަށް ޝަރުއީ ހަލްވަތުކުރުމާއި އަލަށް ކައިވެނިކުރުމަށް ބޭނުންވާ ގައިދީންނަށް ކައިވެނިކުރުމާ ގުޅޭ ގަވައިދެއް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.