މޯލްޑިވިއަން އައިޑޮލް

ދައްކާނެ ވާހަކައެއް ނެތް! ހުނަރުން ފުރިފައި!

އިންޓަވިއު އަށް އިށީން ނޭވާގައި އޭނާ ބުނީ ދައްކާނެ މާ ގިނަ ވާހަކައެއް އޭނާގެ ނެތް ކަމަށާއި އެހާ ވާހަކައެއް ނުވެސް ދެއްކޭނެ ކަމަށެވެ. ވީވެސް އެހެންނެވެ. މޯލްޑިވިއަން އައިޑޮލްގެ ގަދަ 11 އަށް ދަތުރުކޮށްފައިވާ ލަވަކިޔުންތެރިންނަށް ބަލާއިރު ފާތިމަތު އަޒްލީމާ އަކީ، އޭނާ ވެސް އެ ބުނާ ގޮތަށް އެހާ އަނގަގަދަ އަންހެން ކުއްޖެއް ނޫނެވެ.

އެކަމަކު އޭނާގެ އެހެން ވާހަކައެއް އެބައޮތެވެ. އޭނާގެ އަނގަގަދަވާ އަދި އަޑު ވެސް ގަދަވާ ހިސާބެއް އެބަ އާދެ އެވެ. އެއީ ލަވައާ ހިސާބުންނެވެ. ލަވަކިޔަން މިއީ ހަމަ މަރެކެވެ. އޭނާ ބުނާ ގޮތުން ނަމަ އޭނާ އަކީ އެކަނި ތަނެއްގައި އިންނަން ޖެހިއްޖެ ނަމަ ލަވައެއް ކިޔާނުލައި ނުހުރެވޭ ވަރަށް އޭގެ ތެރެއަށް ވަދެފައިވާ އަންހެން ކުއްޖެކެވެ.

ނަމަވެސް އުމުރުން 19 އަހަރު ފުރުނުއިރު މޯލްޑިވިއަން އައިޑޮލް ނޫން އެހެން ސްޓޭޖެއް އޭނާގެ މި ހުނަރު ދައްކާލުމަކަށް ލިބިފައެއް ނެތެވެ. އެހެން ނަމަވެސް އަޒްލީމާގެ އަޑަކީ އަބަދުވެސް ހިޓެކެވެ. އެ އަޑުގެ ހިތްގައިމުކަން ނުބީހޭ ދިމާލެއް ވެސް ނެތެވެ.

"ރަށުގައި އުޅުނުއިރު ލަވަ މުބާރާތްތަކެއްގައި ބައިވެރިވުމަކަށް ފުރުސަތެއް ނުލިބޭ ކުރިއަކުން. ރަށުގައި އެފަދަ މުބާރާތްތައް ނުބާއްވާތީ. އެކަމަކު އޭރު ވެސް މާލޭގައި ބާއްވާ ލަވަ މުބާރާތްތައް ފެނުމުން އެފަދަ މުބާރާތްތަކުގައި ވަރަށް ބައިވެރިވާހިތްވޭ،" ރ. އުނގޫފާރުން ފުރައިގެން މާލެ އައިސް މާލޭގެ އޮޑިޝަނުގައި ބައިވެރިވެ ޖަޖުން އާޝޯހުކޮށްލައިގެން ރަނުގެ ޓިކެޓް ކާމިޔާބުކުރި އަޒްލީމާ ކިޔައިދިނެވެ.

އޭނާ ބުނީ ލަވަކިޔުމުގެ ފުރުސަތު ނުލިބުނަސް އަދި އެ ހުނަރު ކުރިން ނުދެއްކުނަސް އޭނާގެ އަޑު އެހެން ހަރަކާތްތަކުގައި ވެސް އާންމު ކަމަށެވެ.

"ސްކޫލްގައި އުޅުނުއިރު މަދަހަ މުބާރާތްތަކާއި، ގުރުއާން މުބާރާތްތަކުގައި ބައިވެރިވަން އޭރު. ގުރުއާން މުބާރާތްތަކުގައި ބައިވެރިވެގެން ހުންނާނެ މާލެ އަށް ވެސް އާދެވިފައި. ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވިން،" ރަށުގައި އޭލެވެލްގެ ކިޔެވުން ނިންމާލިގޮތަށް ބްރޭކެއްގައި ހުރި އަޒްލީމާ ބުންޏެވެ.

"އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން. ސަބަބަކީ އަޅުގަނޑު ވަރަށް ލަވަކިޔާހިތްވޭ. އަދި މި މުބާރާތުން ވަކިނުވެ ކުރިއަށް ދާން އަޅުގަނޑު އެހާ ބޭނުންވޭ. އަޅުގަނޑަށް ބުނެވޭނީ އަޅުގަނޑު މަސައްކަތްކުރާނަމޭ،" މުބާރާތުގެ މިހާ ހިސާބަށް އާދެވުމުން ކުރެވޭ އުއްމީދުތަކާއި އިހްސާސްތަކަކީ ކޮބައިތޯ ސުވާލުކޮށްލުމުން އަޒްލީމާ ބުންޏެވެ.

"ދެން އޮންނާނީ ސަޕޯޓަރުންގެ ހިތްވަރެއް."

އޭނާ ބުނީ މުބާރާތުން ކަޓައިފި ނަމަ ނުވަތަ ވަކިވާން ޖެހިއްޖެ ނަމަ އެކަން ވެގެން ދާނީ ވަރަށް ދެރަކޮށްލާނެ ކަމަކަށް ކަމަށެވެ.

"ފެންނާނެކަން ނޭނގެ މިދިޔަ ޝޯތަކުގައި ވެސް، އަޅުގަނޑު ވަރަށް ފަސޭހައިން ކަރުނަ އަންނާނެ. އެކަމަކު ވަރަށް މަސައްކަތް އެބަކުރަން އެބައި ރަނގަޅުކުރެވޭތޯ. ނުރޮއެ ވޭތޯ ބަލާނަން،" އަޒްލީމާ ބުންޏެވެ.

"އެކަމަކު ކަޓައިފިއްޔާމު ވަރަށް ދެރަވާނެ. ކަޓައިގެންދާކަށް ބޭނުމެއް ނޫން."

އޭނާ ބުނީ މުބާރާތުން ކަޓައިގެން ދިޔަޔަސް ލަވަކިޔުމާ ދެން ދުރަކަށް ނުދެވޭނެ ކަމަށެވެ. އަމިއްލަ އަލްބަމެއް އެހުންތެރިންނާ ހަމަ އަށް ގެނެސްދިނުމަކީ ވެސް އޭނާގެ އަމާޒެކެވެ.

"މި މުބާރާތުން ކެޓިޔަސް ނުކެޓިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ލަވަތައް އަޑުއިވޭނެ. ވަރަށް މަސައްކަތްކުރާނަން އަޅުގަނޑުގެ އަމިއްލަ އަލްބަމެއް ނެރެން ވެސް،" އަޒްލީމާ ބުންޏެވެ.

"ކިޔެވުމަށް ފަހު ބްރޭކްގައި އުޅެނިކޮށް މޯލްޑިވިއަން އައިޑޮލް އިން ފުރުސަތު ލިބުނީ. އެހެން ނޫން ނަމަ މިހާރު އުޅޭނީ ކިޔަވަން ގޮސް. ނާސިން ހަދަން ބޭނުންވަނީ. އަޅުގަނޑުގެ މަންމަ އަކީ ވެސް ނަރުހެއް."