ރަމަޟާން މަހުގެ ތެރޭގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުބޭއްވޭ ގޮތް ހެދުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން މިއަދު އަވަސްއަށް ވިދާޅުވީ ރޯދަ މަހު މަޖިލިސް އިންތިހާބު ބޭއްވުމަކީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށްވެފައި އަދި ރޯދަ މަހު ވޯޓުލާ ގޮތަށް އޮތުމުން އެތައް ބަޔަކު ވޯޓުލާން ނުދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި މަޝްވަރާކުރުމަށްފަހު ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން މިއިސްލާހު ހުށަހަޅާނީ އެހެން ޕާޓީތަކާވެސް މަޝްވަރާކޮށް އެ ޕާޓީތަކުގެ ރޫހު ހުރި ގޮތްވެސް ބެލުމަށްފަހު،" އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ކަނޑައަޅާފައި އޮތް ގޮތުންނަމަ މަޖިލިސް އިންތިހާބު އޮންނާނީ މިއަހަރުގެ މާޗް 17 ވަނަ ދުވަހެވެ.
ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީގެ އިސްވެރިންވެސް ބޮޑަށް ތާއީދުކުރަނީ ރޯދަ މަހުގެ ފަހުން އިންތިހާބު ބޭއްވުމަށެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު މީގެކުރިން އަވަސްއަށް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވަންޖެހުނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހެއް ގެނެސް ރޯދައިގެ ފަހަށް އިންތިހާބު ބޭއްވޭނެ ގޮތެއް މަޖިލީހުން ހޯދައިދީފައި ނުވާތީ ކަމަށެވެ. ގާނޫނު މިހާރު އޮތް ގޮތުން ރޯދަ ފަހުން އިންތިހާބު ބާއްވައިފިނަމަ އެއްވެސް ދާއިރާއެއްގައި ވޯޓުގެ ދެވަނަ ބުރެއް ބާއްވަންޖެހޭ ހާލަތުގައި ގާނޫނުގައި ބުނާ ތާރީހްތައް ދިނުމަށް ދިމާވާ ގާނޫނީ މައްސަލަތަކެއް ހުންނަ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
ގާނޫނު މިހާރު އޮތް ގޮތުން ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު އިއުލާނު ކުރަންޖެހެ އެވެ.