ޓޫރިޒަމް

ދިވެހި ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނަން: ފައިސަލް

ދިވެހި ފަންނާނުންނަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރުތައް ދެއްކުމަށް ބޭރުގެ ފަންނާނުންނާއި ހުނަރުވެރިން ރާއްޖެއަށް ގެނައުމަށް ވިސާ ދޫކޮށްދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހަޅާފައިވާތީ ދިވެހި ފަންނާނުންނާއި ހުނަރުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ވަގުތެއްގަ އެވެ.

މިނިސްޓަރު ފައިސަލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑު އަހާ، ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން،" ފައިސަލް ވިދާޅުވި އެވެ.

ދިވެހި ފަންނާނުންގެ ކަންބޮޑުވުމާ ގުޅިގެން މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ފަންނުގެ ދާއިރާ ކުރިއަރުވާނީ ދިވެހީން ކަމަށެވެ.

"އިންޑަސްޓްރީގައި ފަންނާނުންނަށް ކަށަވަރު މަގާމު، ވަޒީރު ފައިސަލްގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑުމެންނަށް ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

ރިސޯޓުތަކުގައި މިއުޒިކާއި ތަފާތު ހުނަރުތައް ދެއްކުމަށް ބޭރުގެ ފަންނާނުންނާއި ހުނަރުވެރިންނަށް ވިސާ ދިނުން ހުއްޓާލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.