އުރީދޫ

އެމް-ފައިސާ މެދުވެރިކޮށް ބައިސްކޯފް ފީ ދައްކާލެވޭނެ

ރާއްޖޭގައި ބޭނުންކުރާ މަޝްހޫރު މީޑިއާ އެޕްލިކޭޝަން -- ބައިސްކޯފަށް މަހު ފީ ދެއްކުމަށް އެމް-ފައިސާ ހިމަނައިފި އެވެ.

އުރީދޫ މޯލްޑިވްސް އާއި ބައިސްކޯފުގެ މި އެއްބަސްވުމާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމް ފައިސާ ބޭނުން ކޮށްގެން ބައިސްކޯފު ޕޭމަންޓް ދައްކާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިއީ ބައިސްކޯފުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މަގުބޫލު ކޮންޓެންޓް ފޯރުކޮށްދިނުމަށް ބައިސްކޯފުން ދޭ މުހިއްމުކަން ރަމްޒު ކޮށްދޭ ކަމެކެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫ އާއި ބައިސްކޯފާއެކު ވެވުނު އެއްބަސްވުމަކީ ފެށުމެއް ކަމަށެވެ.

"ބައިސްކޯފަކީ ރާއްޖޭގައި ދިވެހިން އުފައްދާފައިވާ ލޯކަލް ކޮންޓެންޓް ބެލުމަށް އެންމެ މަގުބޫލު އެޕްލިކޭޝަން. އަޅުގަނޑުމެންގެ މި ޕާޓްނަޝިޕާއެކު ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް އެކި ކަހަލަ އުފާވެރި ހަބަރުތައް ލިބިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.

ބައިސްކޯފު އެޕްލިކޭޝަނަކީ އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކާއި ޓެބްލެޓްތައް މެދުވެރިކޮށް ދިވެހިންގެ މަގުބޫލު ފިލްމް، ޑްރާމާ، މިއުޒިކް، ވީޑިއޯ ބަލާލެވޭ އެޕްލިކޭޝަނެކެވެ.

ބައިސްކޯފުގައި ރާއްޖޭގެ އިހުގެ މަޝްހޫރު ޝޯތަކާއި މިހާރުގެ އާ އޮރިޖިނަލް ކޮންޓެންޓްތައް ބަލާލެވެން ހުރެ އެވެ. ކޮންމެ ބޭފުޅަކުވެސް ބަލަން ބޭނުންވާ ފަދަ ކޮންމެސް ކޮންޓެންޓެން ބައިސްކޯފުން ލިބިގެންދާނެ ކަމަށްވެސް އުރީދޯ މޯލްޑިވްސް އިން ބުނެ އެވެ.