ހއ. ހޯރަފުށި

ހޯރަފުށީގައި ހަދަމުންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި

ހއ. ހޯރަފުށީގައި ގާއިމުކުރަން ނިންމާފައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސްގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީއާ މިމަސައްކަތް ކުރަން ހަވާލުކުރީ އޮކްޓޯބަރު 2022 ގައި 6.1 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫއު ނިންމާލިއިރު ގްރައުންޑް މަސައްކަތްތަކާއި، ކޮންކްރީޓް މަސައްކަތްތަކާއި، ޕްލާސްޓަރިން މަސައްކަތްތަކާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތްތަކާއި، އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްތަކާއި، މޭޝަނަރީ އަދި ފިނިޝިން މަސައްކަތްތައްވެސް ނިންމާފައިވާ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އަދި އަތޮޅުތެރޭގައި ގާއިމު ކުރި މިފަދަ ހާފްވޭ ހައުސް އަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހަދާފައިވާ ތަނެކެވެ.

މިތަނުގައި ކުޑަ ކުދިން ކުށްތަކުން ދުރުކުރުމަށްޓަކައި އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އަދި އެކުދިން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގުކުރެއްވީ ނޮވެންބަރު 20، 2019 ގައެވެ.

އެކި ކުށްތަކުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާންމު ނިޒާމުގެ ތެރެއިން ތައުލީމު ދިނުމަށް ބޭނުންވާ ކްލާސްރޫމްތަކެއް ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދައި މިގާނޫނުގެ ދަށުން 2022 ވަނަ އަހަރު ވަނީ ކިޔަވައިދޭން ފަށާފަ އެވެ.