އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދައްކަންޖެހިފައި އޮތް 27 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފި އެވެ.
މި ފައިސާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫއުތައް ނުދައްކާ ހުރި ފައިސާ އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "އަހާ"ގެ ނަމުގައި ސަލްޓަންޕާކްގައި މިހާރު ކުރިއަށް ގެންދާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން އެކި ފަރާތްތަކަށް ދޭންޖެހި ނުދެވި އޮތް 27 މިލިއަން ރުފިޔާ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައި ގައުމު އޮއްވާ އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
"މިއީ ކިހާ ބޮޑު ކަމެއްތޯ ހަގީގަތުގައި މިއޮތް އިގްތިސޯދީ ދަތިކަމުގެ ތެރޭގައި،" ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދީނީ ކަންކަން ކުރިއަރުވަން އަދި މިސްކިތްތަކާ ގުޅޭ އެއްވެސް ކަމެއް ނުހުއްޓި ކުރިއަށްދާން ރައީސް މުއިއްޒު އަބަދުވެސް އަންގަވައި އެކަމަށް އެހީތެރިކަން ދެއްވާ ކަމަށެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުއްޓިފައި ހުރި ބައެއް މިސްކިތަތްކުގެ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ހަމަޖައްސައިދެމުންދާތީ އެފަދަ ވަރަށް ގިނަ މަޝްރޫއުތައް ފެށިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރަށްރަށުގައި ހުރި އިސްލާމިކް ސެންޓަރުތައް މިދިޔަ ވެރިކަމުގައި ހުރީ ވީރާނާވާން ދޫކޮށްލާފައި ކަމަށެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވެ އެ ތަންތަނުގައި އިލްމީ މަސައްކަތްތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި މިހާރު ބައެއް ތަންތަނުގައި ކިޔަވައިދޭން ފަށަން ތައްޔާރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރޯދަ މަހަށް މިސްކިތްތައް އާބާތުރަ ފިލުވުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގެ ތެރެއިން ހަމަޖެހެމުންދާ ކަމަށާއި ފައިސާ ލިބޭ މިންވަރަކުން މަސައްކަތްތައް ކުރަމުން ގެންދަވާނެ ކަމުގައިވެސް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެ އެވެ.