ކުޅިވަރު

ކުޅިވަރު ދެ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް އިންޑޯ ދެ ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

އާމުން ވަޒީރުންނާ ސުވާލުކުރުމަށް މިރޭ ބޭއްވި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ މި ދެ ކޮމްޕްލެކްސްގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިތަނުން އެއް ކޮމްޕްލެކްސް އަޅާނީ ހުޅުމާލޭގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން މި ދެ ތަނުގެ ބިންގާ އެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިތަންތަން ހަދާނީ ނުކުޅެދޭ މީހުންނަށް ފަސޭހައިން އެތަންތަނަށް ވަދެ ނިކުމެ ހެދޭ ގޮތަށް ކަމަށާއި ހާއްސަކޮށް ވީލްޗެއާގައި ވަންނަން ބޭނުންވާ މީހުންނަށް ފަސޭހަވާނެ ގޮތް ބަލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިދެ ތަނަކީ ފަސް ޕިޗްގެ އިންޑޯ ކޮމްޕްލެކްސް އެއް. މި ތަން މިހާރު ވަނީ ޑިޒައިން ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރުތައް ކުޅޭ ތަންތަނުގެ ގޮތުގައި މިހާރު ހުރި ތަންތަނަށް ވީލްޗެއާގައި އުޅޭ މީހުންނަށް ވަދެވޭ ގޮތް ވާނެތޯ ވީލްޗެއާގައި އިން ކުއްޖަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ "ވޭކްއަޕް ކޯލް"އެއް ކަމަށެވެ. ނަމަވެސް ވަކި ތާވަލެއް ކަނޑައަޅައިގެން އެކަން ކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ޕެރަ އެތުލީޓުންނަށް ހާއްސަ ކުޅިވަރު މުބާރާތެއް ބާއްވަން އެކަމާ ގުޅުން ހުރި އެސޯސިއޭޝަނަކުން ހުށަހަޅައިފިނަމަ އެކަމަށް ސްޕޯޓްސް މިނިސްޓްރީން އެހީވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މިރޭ ވަނީ ދެއްވާފަ އެވެ.

ކުޅިވަރުތައް ކުޅުމަށް ދެ ކޮމްޕްލެކްސްއެއް މާލެ ސަރަހައްދުގައި އެޅުމުގެ މަސައްކަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ 14" ޕްރޮގްރާމުގައި ހިމެނެ އެވެ.