ފިނިޕޭޖް

އުއްމީދު ކުރީ ޓޮޕް ހަތަކަށް! އެކަމަކު އެހެނެއް ނުވި

މޯލްޑިވިއަން އައިޑޮލްގެ އެންމެ ހޫނު އަދި އެންމެ ފޯރިގަދަ ރައުންޑުތައް ފެށިގެން މިއޮއް ދަނީ އެވެ. އެންމެ ވާދަވެރި އެއް ރައުންޑު ކަމަށްވާ ގާލާ ރައުންޑުގެ ފުރަތަމަ ބުރު ނިމުމަކަށް އައި އިރު އައިޑޮލްގެ އެންމެ އަލިގަދަ އެއް ތަރި އަދި އެންމެ ތަފާތު އަޑުގެ ގޮތުގައި ޖަޖުން ސިފަކުރި ބައިވެރިޔާ މިވަނީ މުބާރާތާއި ވަކިވެގެން ގޮސްފަ އެވެ. ރޭގެ ޝޯ ގައި ކ. ކާށިދޫ، މުހައްމަދު އިފްހާމް ކަޓައިގެން ދިޔައީ ހުރިހާ ބައިވެރިން ރޮއްވާލާފަ އެވެ.

ޓޮޕް 12 އާއި ހަމައިން އިފްހާމް ވަކިވެގެން ދިޔައިރު މިއީ އެއްވެސް ވަރަކަށް އިފްހާމް އަދި އޭނާގެ ސަޕޯޓަރުން އުއްމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. މުބާރާތުގެ އެންމެ ގަދަ ފަހެއްގައި ނުހިމެނުނު ކަމަށްވިޔަސް ޓޮޕް ހަތެއް ނުވަތަ އަށަކާއި ހަމައަށް ދާނެ ކަމަށް އޭނާ އުއްމީދު ކުރި އެވެ.

"މިރޭގެ ޝޯގައި ކަޓާފާނެ ކަމަކަށް އުއްމީދެއް ނުކުރަން. އެކަމް ޝޯގެ ބޮޓަމް ތްރީ އަށް ދާނެ ކަމަށް އުއްމީދު ކުރިން. މިރޭގެ ޝޯގައި ކެޓުން ހަމަ ވަރަށް އަން އެކްސްޕެކްޓެޑް. އެކަމަކުވެސް ކޮމްޕެޓިޝަން އެއް ވީމަ އެކަން ގަބޫލުކުރަން ޖެހޭނެ. އަސްލު އެންމެ ދެރަވީ ޝޯ އަކަށް ބައްޕަ ގެންނަން ހުއްޓަ ޝޯ އިން ކަޓައިގެން ދިޔައީމަ." އިފްހާމް ބުންޏެވެ.

ލަވަ އާއި މިއުޒިކަށް އިފްހާމްގެ ލޯބި ޖެއްސި ފަރާތަކީ އިފްހާމްގެ ބައްޕަ އެވެ. އެހެން ކަމުން ބައްޕައަށް އިފްހާމްގެ ޝޯ އެއް ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ނުލިބި މުބާރާތުން ވަކިވެގެން ދާން ޖެހުމަކީ އިފްހާމް އެންމެ ދެރަވާ އެއް ސަބަބަށްވީ އެވެ.

މި މުބާރާތާއި ރޭ ވަކިވެގެން ދިޔަ ނަމަވެސް މިއީ އަދި އިފްހާމްގެ ފެށުމެވެ. ކުރިއަށް އޮތްތާގައި މިދާއިރާއިން އިފްހާމް ފެންނާނެ ކަމަށް އިފްހާމް ބުނެ އެވެ. އަދި ރާއްޖޭގައި ބާއްވާ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ މުބާރާތުގެ ޓޮޕް 12 އަށް ދިއުމަކީ މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ސިފަ ކުރެ އެވެ.

"ވަރަށް ގިނަ ބައެއްގެ ޑްރީމެއް އިފްހާމް ޝޯގައި މިއަށްވުރެ ތަންކޮޅެއް ކުރިއަށް ދިއުން. އެކަމު އޭތި މި ބްރޭކްވީ. ބަޓް ސްޓިލް އިފްހާމް ހަމަ މިދާއިރާއިން ފެންނާނެ. އަދި މިއީ ނިންމުމެއް ނޫން. " އިފްހާމް ބުންޏެވެ.

ލަވަ ކިޔުމުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް މިހާރުވެސް އިފްހާމަށް ލިބިފައި އެބަހުއްޓެވެ. އެ ހުރިހާ ފުރުސަތު ތަކެއްގެ ބޭނުންވެސް އެންމެ ރަނގަޅަށް ހިފާނެ ކަމަށް އިފްހާމް ބުންޏެވެ. އަދި މިދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އަށް ވަގުތު ދެވެން ހުރި އެންމެ ގިނަ އެއްކޮށް ވަގުތު ދޭންވެސް އިފްހާމް ހުރީ ތައްޔާރަށެވެ.

އިފްހާމްގެ ހުރިހާ ސަޕޯޓަރުންނަށްވެސް އިފްހާމްވަނީ އޭނާގެ ހިތް ހުޅުވާލާފަ އެވެ. އެމީހުންނަށްޓަކައި އިފްހާމްގެ ހިތުގައި ވަނީ ވަރުގަދަ ލޯތްބެއް އުފެދިފަ އެވެ. އިފްހާމްއަށް ވޯޓުދީ ސަޕޯޓުކުރި ހުރިހާ ފަރާތްތަކަށް އިފްހާމް ޝުކުރު އަދާކުރި އެވެ.

ލަވަކިޔުމުގެ އިތުރުން އޭނާ އަކީ ޤުރުއާން ކިޔެވުމަށްވެސް މޮޅު ކުއްޖެކެވެ. އެކަން އޭނާ ވަނީ ސާބިތުވެސް ކޮށްދީފަ އެވެ.