އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން 160 އަށް ވުރެ ގިނަ ޒުވާނުން ކުރިމަތިލައިފި އެވެ.
އޯލެވަލް އަދި އޭލެވަލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގުރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން ނިންމާ ކުރި އިއުލާނަށް އިޖާބަދީ 160 އަށް ވުރެ ގިނަ ކުދިން މިހާތަނަށް ކުރިމަތިލާފައިވާ ކަމަށެވެ.
މިނިސްޓްރީން މިހާރު ދަނީ ކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމަށްފަހު އަންނަ ހަފުތާގައި އިންޓަވިއުތައް ފެށުމަށް ތައްޔާރުވަމުންނެވެ. މާލޭގައި އުޅޭ ޒުވާނުންނާ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީއަށް ހާޒިރުކޮށްގެންނެވެ. އަދި ރަށްތަކުގައި އުޅޭ ޒުވާނުންނާ އިންޓަވިއު ކުރާނީ އޮންލައިންކޮށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެކުރިން ވިދާޅުވީ ފޯމް ހުށަހެޅި ޒުވާނުންގެ އިންޓަވިއު ނިމުމުން މަސައްކަތަށް ހޮވޭ ޒުވާނުންނަށް ފިގުހީ ތަމްރީނުތަކެއް ދިނުމަށްފަހު ރޯދަ މަހުގެ ކުރިން އެ ޒުވާނުން އިމާމުންގެ ގޮތުގައި މިސްކިތްތަކުން އަދި ވަކިން ހާއްސަކޮށް މިންބަރުތަކުން ފެންނަވަރު ކުރައްވާނެ ކަމަށެވެ.
އިންޓަވިއުއިން ހޮވޭ ޒުވާނުންގެ ތެރެއިން މާލެ އިން ހޮވޭ ޒުވާނުންނަށް މާލޭގައި އަދި އަތޮޅު ތެރެއިން ހޮވޭ ޒުވާނުންނަށް އަތޮޅު ތެރޭގައި ތިބެގެން އިތުރު ތަމްރީންތަކެއް ހެދުމަށް ފުރުސަތު ދޭނެ ކަމަށާއި އަދި އޭގެފަހުން ވަކި މަރުހަލާއަކަށްފަހު އިމާމުވެ ހުކުރު ކުރުމުގެ ހުއްދަވެސް ދޭނެ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.
ބައެއް މިސްކިތްތަކުގެ އިމާމުންގެ ބެލުމުގެ ދަށުން މިހާރުވެސް ބައެއް މިސްކިތްތަކުގައި ބައެއް ޒުވާނުން އިމާމުވެ ނަމާދު ކުރެ އެވެ. ނަމަވެސް ހުކުރުކޮށް ހުތުބާ ކިޔުމުގެ ފުރުސަތު މިވަގުތު ލިބެނީ ހަމައެކަނި ހުއްދަ އޮންނަ ބޭފުޅުންނަށް އެކަންޏެވެ.
އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މާސްޓާސްއާ ހަމައަށް ކިޔަވާފައިވާ އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ފަށާފަ އެވެ.