އެންޑީއޭ

ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒު ގާއިމުކުރަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ފަރުވާދޭ ސެންޓަރު ގާއިމުކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ނިންމައިފި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް އެންޑީއޭ އިން ވަނީ މަސްތުވާތަކެތީގެ ގާނޫނުގައި ބަޔާންކުރާ ފަދަ ފަރުވާދޭ މަރުކަޒުތައް ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އަމިއްލަ ފަރާތްތައް މެދުވެރިކޮށް ގާއިމުކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

މަސްތުވާތަކެތީގެ ބޭނުންކުރާ ފަރާތްތައް ރިހިބިލިޓޭޓް ކުރުމުގައި އެ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން އޮތީ ކުރިން ލަފާދީފަ އެވެ.

މި ޕްރޮގްރާމް ހިންގާ ސަރަހައްދުތަކުން އެއް ސަރަހައްދަކީ ލ. އަތޮޅެވެ. އަނެއް ދެ ރަށަކީ ކ. ކާށިދޫ އާއި ނ. ވެލިދޫ އެވެ.

ލ. އަތޮޅުގައި މި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައެޅުމުގެ ގޮތުން، އަތޮޅުގައި މަސްތުވާތަކެތީގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް އެންޑީއޭ އިން ވަނީ މި މަހުގެ 24 އިން 28 އަށް ލ. އަތޮޅުގެ 11 ރަށަކަށް ދަތުރުކޮށް މަސައްކަތް ފަށާފަ އެވެ.

މިދަތުރުގައި ލ. ފޮނަދޫ، ގަން، މާވަށް، އިސްދޫ، ކަލައިދޫ، ހިތަދޫ، މުންޑޫ، ކުނަހަންދޫ، ގާދޫ އަދި މާބައިދޫއަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލްތަކާވެސް ބައްދަލުކޮށްފައިވެ އެވެ.

އެންޑީއޭގެ ޓީމު ލ. އަތޮޅުގެ ރަށްތަކަށް ކުރާ ދަތުރަށްފަހު ލ. އަތޮޅުގައި މި ޕްރޮގްރާމް ހިންގާނޭ ރަށެއް ކަނޑައަޅާނީ އެ އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެންޑީއޭ އިން ބުނެ އެވެ.

މިދިރާސާ ދަތުރުގައި އެންޑީއޭގެ ސީއީއޯ އިމާދު ސާލިހް އަދި ހޯމްލޭންޑް ސެކިއުރިޓީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރު އިސްމާއިލް އިބްރާހީމް ބައިވެރިވެވަޑައިގަންނަވަ އެވެ.