ވިޔަފާރި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައިފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗްތައް ހުޅުވައިފި އެވެ. އެންމެފަހުން ބީއެމްއެލްއިން ގާއިމުކޮށްފައިވަނީ ވ. އަތޮޅު ބްރާންޗެވެ. އެ ބްރާންޗް ގާއިމުކޮށްފައިވަނީ ވ. ފެލިދޫގަ އެވެ.

މިއަދު ހުޅުވި ފެލިދޫ ބްރާންޗާއެކު ބީއެމްއެލް ބްރާންޗްތަކުގެ އަދަދު ވަނީ 29 އަށް އަރާފަ އެވެ. ފެލިދޫގައި ހުޅުވި ބީއެމްއެލްގެ ބްރާންޗަކީ އިޔާދަކުރެނިވި ހަކަތައިން ހިންގޭ ގޮތަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ބުރާންޗްކަން ވެސް ފާހަގަކޮށްލެވެ އެވެ.

މުޅިން ވެސް އަވިން ލިބޭ ހަކަތަ ބޭނުންކުރާ މި ބްރާންޗް މިއަދު ހުޅުވައިދެއްވީ އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހިމެވެ.

ފެލިދޫ ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ފެލިދޫގައި އަލަށް ހުޅުވި ބްރާންޗުން ރަމްޒުކޮށްދެނީ ބީއެމްއެލްއިން މުޅި ރާއްޖޭގައި އެ ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ދޭ އިސްކަން ކަމަށާއި އަދި މުޖުތަމައުއަށް އެހީތެރިވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ފެލިދޫ ބްރާންޗުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެއިރު ލޯނަށް އެދުންފަދަ ބޭންކްގެ ހިދުމަތްތައް ވެސް އެ ބްރާންޗުން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.