ހަބަރު

އިމްރާންގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ދައުވަތުން ޓެރަރިޒަމްގެ ދައުވާ އުފުލި، އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ މިއަދު އެވެ.

އިސްތިއުނާފުގެ ލިޔެކިޔުންތައް އިމްރާންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އިމްރާންގެ ވަކީލް ހުސްނު ސުއޫދު ވަނީ ވިދާޅުވެފައެވެ. ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރިއިރު އިމްރާންގެ ހުކުމުން 12 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. ހުކުމް އިއްވިއިރު މައްސަލަ ބެއްލެވި ގާޒީ އަބްދުލް ބާރީ ޔޫސުފް ވެސް ފާހަގަކުރެއްވީ 12 ނުކުތާ އެކެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މޭޑޭގައި، ހިނގި ހަމަނުޖެހުންތަކަކީ އިމްރާނު އަބްދުﷲ ދެއްކެވި ވާހަކަތަކުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކެއް ކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނެފައިވަނީ، މޭޑޭގައި ހިންގި ހަމަނުޖެހުންތަކާއި އެ ދުވަހު ފުލުހުންނަށް ލިބުނު އަނިޔާތަކަކީ އިމްރާން އަބްދުﷲ އެ ދުވަހު ދެއްކެވި ވާހަކައިގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދުނު ނަފުރަތެއްގެ ސަބަބުން ހިނގި ކަންކަން ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން

  • މޭޑޭގައި ފުލުހުންނަށް އަނިޔާކުރީ އިމްރާން ދެއްކެވި ވާހަކައިގެ ސަބަބުންކަން
  • މުޒާހަރާ ބާއްވަން ފުލުހުންނަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވަނީ އިމްރާން އަބްދުﷲ ކަން
  • މުޒާހަރާގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް އިމްރާން މަސައްކަތް ނުކުރައްވާކަން
  • ގްރީން ޒޯނަކަށް ދިޔުމަށް ގޮވާލައްވާފައިވާކަން
  • އިމްރާންގެ ވާހަކަތަކުގެ ސަބަބުން ޕިކަޕެއް ފުލުހުންގެ ސަފު ފަޅާލާފައިވާކަން
  • އިމްރާން ދެއްކެވި ވާހަކަތަކުގެ ސަބަބުން މުދަލަށް ގެއްލުންދީފައިވާކަން

އިމްރާނުގެ މައްސަލަ ބެއްލެވީ މިހާރު ކްރިމިނަލް ކޯޓުން ހިންގުން ހަވާލުކޮށްފައިވާ، ގާޒީ އަބްދުލް ބާރީ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލު ކުރުމަށް ޖޭއެސްސީއިން ނިންމާފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ދެން އައްްޔަން ކުރައްވާނީ ގާޒީ ބާރީ ކަމަށް ބެލެވެ އެވެ. ގާޒީ ބާރީ ވަނީ ހައިކޯޓު ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވާފަ އެވެ. ގާޒީ ބާރީއަކީ ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނިވަޑައިގެން ގާޒީ އެކެވެ. ހުކުމް އިއްވެވުމަށްފަހު ގާޒީ ބާރީ ވިދާޅުވީ، ހުކުމާމެދު ހިންހަމަޖެހިވަޑައިނުގަންނަވާނަމަ އިސްތިއުނާފު ކުރެއްވުމަށެވެ.