ޓޫރިޒަމް

ފައިސަލްގެ އަމާޒު: މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނައުން

ރާއްޖެއަށް މިއަހަރު 2.3 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ބޭއްވި "ހެކަތަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މިހާރުގެ ލީޑިން މާކެޓްތައް ކަމަށްވާ އިންޑިއާ އަދި ޗައިނާ މާކެޓް އެއްވަރެއްގައި ހިފެހެއްޓިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ ނިޔަލަށް އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވުރެ އިތުރަށް 78،537 ފަތުރުވެރިން މިދިޔަ އަހަރު ރާއްޖެ އައިސްފައިވެ އެވެ.

މިހާރުގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު މިނިސްޓަރު ވިދާޅުވީ 2.3 މިލިއަން ފަތުރުވެރިންނަށް ވުރެ އިތުރަށްވެސް މިއަހަރު ފަތުރުވެރިން ރާއްޖެ ގެނެވިދާނެ ކަމަށެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 170،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

ފައިސަލް ވިދާޅުވީ ބުކިން ޑޮޓް ކޮމް އާއި އަގޯޑާ ފަދަ ދިވެހި ޒުވާނުންގެ ޓްރެވަލް އެޕްލިކޭޝަނަކަށް އެމަނިކުފާނު އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ އެޕްލިކޭޝަނަކީ މުޅި ދުނިޔޭގައިވެސް މަގުބޫލު އެޕްލިކޭޝަނަކަށް ވެގެންދާނެ ފަދަ އެޕްލިކޭޝަނެއް ހެދުމަށް ޒުވާނުން އިލްތިމާސް ކުރެއްވި އެވެ.

ޒުވާނުންނަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ފައިސަލް ވަނީ ދެެއްވާފަ އެވެ.