( 28 ޖަނަވަރީ 2024 އާ ގުޅޭ )
(ސޯޅަވަނަ ބައި)
"ކީއްވެފަ ތި އިނީ؟" އިޒީކިއަލް ވަންއިރު ސޯފާއަށް ފައި ނަގައި މެޔާ ކަކޫ ކައިރިކޮށްލައިގެން މިޔާ އިންގޮތުން އަހާލި އެވެ.
"އިޒިކް އަންނަންދެން މި އިންނަނީ. ކީއްވެ އެހާ ލަސްވީ؟." މިޔާއަށް ބުނެވުނީ ޝަކުވާގެ ރާގެއްގަ އެވެ.
"އަހަރެން މިޔާގެ ފަހަތުން ނުވަނަސް މިޔާ ކުރަންޖެހޭ ކަންކަން ކުރަންވާނެ އެއްނު. އަދިވެސް ދަބަސް މިހުރީ މިތަނުގައި. އެހެންނޫނަސް އެނގޭނެއެއްނު އިނދެގެން ހުރިއްޔާ އަހަރެން މިޔާގެ ކައިރިޔަށް އަންނާނެކަން." އިޒީކިއަލް ބުންޏެވެ. އެ އަޑުގައި އެއްވެސް ގާތްކަމެއް ނެތެވެ. އެކަން އިޙްސާސް ކުރެވި ވަކިން މިޔާގެ ހިތަށް އަސަރުކޮށްފި އެވެ.
"ކޮންތާކަށް ދިޔައީ؟." މިޔާ އަނެއްކާ ވެސް ސުވާލެއް ކުރިމަތި ކުރުވި އެވެ.
އިޒީކިއަލްގެ މޫނުމަތި ބަނަވެގެން ދިޔައީތީ ދުށްޓެވެ. ދެބުމަ ކައިރިކޮށްލުމާއެކު އޭނާ މިޔާއަށް ބަލާލި ގޮތުން ހީވީ އެއީ މިޔާ ކޮށްގެންވާނޭ ސުވާލެއް ނޫން ހެނެވެ.
"ތީ އަހަރެން ވަރަށް ފޫހިވާ ސިފައެއް." ހިތްހަމަނުޖެހުމާއެކު އިޒީކިއަލް ބުނެލި އެވެ.
"އެއީ ފޫހިވާންޖެހޭވަރު ކަމެއްތަ؟. އަހަރެންގެ ފިރިމީހާއާ ސުވާލެއްކޮށްގެން ވެސް ނުވޭތަ؟." މިޔާ ފެންކަޅިވާން ފެށި އެވެ.
"ހުރިހާ ކަމަކާ ސުވާލު ކުރަންވެއްޖެއްޔާ ނެތެއްނު ސަލާމަތެއް. އަހަރެން ދާން މިދަނީ." އިޒީކިއަލް މިހެން ބުނެލުމާއެކު އެނބުރިލީ ކޮޓަރިން ނުކުންނާށެވެ.
"އިޒިކް... މަޑުކޮށްބަލަ... ޕްލީޒް... ކޮންތާކަށްދާން ތިދަނީ؟." ސޯފާއިން ފުންމާލި ގޮތަށް މިޔާ ދުވަމުން އައިސް ހިފީ އިޒީކިއަލްގެ ކަނާއަތުގެ މުލައްދަނޑީގަ އެވެ. އިޒީކިއަލް ރުޅި އަންނަންޖެހޭވަރު ކަމެއް ނުވާކަން މިޔާގެ ސިކުނޑިއާއި ޟަމީރަށް އެނގެ އެވެ. އެހެންވިޔަސް އިޒީކިއަލް ރުޅި އައިސްގެންކަން އެ ދަނީ އެނގޭތީ މިޔާގެ ހިތަށް ކުޅަދާނަ ނުވީ އެވެ.
"ސޮރީ. ސޮރީ... އިޒިކް ޕްލީޒް. މަޢާފުކޮށްބަލަ." ކުށެއް ނުކުރެވޭކަން އެނގި ހުރެ ވެސް މިޔާ އަވަސްއަވަހަށް މަޢާފަށް އެދުނެވެ. އޭރު މިޔާއަށް ރޮވިއްޖެ އެވެ. ކައިވެނީގެ މިހާ ކުރީގައި ދެމަފިރިން ދެބަސްވާންވެއްޖެ ވާނީ ކިހިނެއްކަން މިޔާއަށް ވިސްނެ އެވެ.
"އަހަރެންނަށް ހުރެވޭކަށް ނެތް. މާލެ ދާން ޖެހިއްޖެ. މާދަމާ މެންދުރު އަންނާނަން." އިޒީކިއަލް މިފަހަރު ހަރުކަށިކަން ދޫކޮށްލައި އާދައިގެ ގޮތަކަށް ބުނެލި އެވެ. މިޔާ ރޯތަން ފެނުމުން އޭނާއަށް ހަރުކަށިވާން ނުކެރުނީ ކަހަލަ އެވެ.
"ދެން ހުއްޓާލާ. ކިރިޔާ ކަމެއްވާއިރަށް ރޯކަށް އަދި ނުވޭ." އިޒީކިއަލް ބުނީ މަޑުން ނަމަވެސް އެ ބުނި އެއްޗެއް މިޔާއަށް ކަމަކުނުދިޔަ އެވެ. އެހެންވެ މިޔާއަށް މާބޮޑަށް ރޮވިއްޖެ އެވެ.
"މިޔާ... ދެން ހުއްޓާލާބަލަ." މިޔާ ގެނެސް މޭގައި ޖައްސާލަމުން އިޒީކިއަލް ބުންޏެވެ. މިޔާގެ ބޮލުގައި އޭނާ ފިރުމާލުމާއެކު ބޮސްދިނެވެ.
"ރުޅި އައިސްގެން ނުދޭ. އިޒިކްއާ އެގޮތަށް ވަކިވާކަށް ނޭދެން." އިޒީކިއަލްގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ރޮމުންރޮމުން މިޔާ ވާހަކަދެއްކި އެވެ. އެހިނދު އިޒީކިއަލް އަނބިމީހާ ދުރުކޮށްލުމާއެކު އޭނާގެ މޫނުގައި ދެ އަތުން ހިފާލައި އުފުލާލި އެވެ. ދެމަފިރިންގެ ނަޒަރު ސީދާ ވެގެން ދިޔަ އެވެ. އޯގާތެރިކަންވާ ފަދައިން މިޔާގެ ލޯ ކައިރިން ކޯތާފަތް އިޒީކިއަލްގެ ދެ އަތުން ފުހެލަ ދިނެވެ. އަދި ގުދުވެލައި މިޔާގެ ނިތްކުރީގައި ލޯތްބާއެކު އިޒީކިއަލް ބޮސްދިނެވެ.
"ދެން ހުއްޓާލާ. ރުޅި އައިސްގެންނެއްނޫން މިދަނީ. ކޮންމެހެން ވެސް ދާންޖެހިގެން... މާދަން މެންދުރަށް އާދެވޭނީ. މިރޭ މިޔާ ނިދުމުގެ ކުރީން ގުޅާނަން. ރަނގަޅަށް ކައިގެން ހުންނައްޗޭ." އިޒީކިއަލް ވާހަކަދެއްކީ ނުހަނު ގާތްކޮށެވެ. އެވަގުތުކޮޅު މިޔާއަށް ފެންނަން ހުރީ ޔޮޓުން އޭނާއާއެކު ވަގުތު ހޭދަކުރި އިޒީކިއަލްކަން އެ ދެ ލޮލުންނާއި ކޮންމެ ހަރަކާތަކުން ފާޅުވެ އެވެ. އިޒީކިއަލްގެ މެދުހަށީގައި ދެ އަތް ވަށާލުމާއެކު ބާރަށް މިޔާ ބައްދާލި އެވެ.
"ގުޅާނަންތަ؟." މިޔާ އަހާލި އެވެ.
"ގުޅާނަން." ޔަގީންކަން ދިނުމަށް އިޒީކިއަލް ތަކުރާރުކޮށްލި އެވެ.
އިޒީކިއަލްއާއެކު ދޮރޯށްޓާ ހަމައަށް މިޔާ އައެވެ. ދޮރޯށި ދޮށުގައި ހުރެ އިޒީކިއަލްއާ މިޔާ ގާތްކޮށްލި އެވެ. އަދި މިއަދުން ފެށިގެން ހިލްމީ ނުހުންނާނެކަމާއި އޭނާ ނެތުމުން އިޒީކިއަލްއަށް ދަތިވާކަން ބުންޏެވެ. އެހެންވެ ހިލްމީ ހުންނާނީ އިޒީކިއަލްއާއެކު މާލޭގައިކަން ބުންޏެވެ. މިޔާ އެ ވާހަކަތައް ބޯޖަހާލީ އެވެ. އޭނާއަށް އިޒީކިއަލް ފިޔަވައި އެއްވެސް މީހަކު މުހިންމެއް ނޫނެވެ. ދެރަވަނީ އިޒީކިއަލް ދާން އުޅޭތީ އެވެ. ވަކިވުމުގެ ކުރީން ކޮށްލި ސަލާމެއް ފަދައިން އިޒީކިއަލްއާ ނުހަނު ބޮޑަށް ގާތްކޮށްލާފައި މިޔާގެ ނިތްކުރީގައި އޭނާ ބޮސްދިނެވެ. ދެން އޭނާ ގޮސް ކާރުގެ ކުރީ ސީޓަށް އެރި އެވެ. އިޒީކިއަލް އެރުމާއެކު ކާރުގައި އިން ހިލްމީ ކާރު ދުއްވާލައިފި އެވެ. ގޯޅި އަޅައި ކާރު ލޯ މައްޗަށް ގެއްލެންދެން ބަލަހައްޓައިގެން ދޮރޯށި ކައިރީ މިޔާ ހުއްޓެވެ.
"އިޒީކިއަލްގެ މަސައްކަތް އޮތީ މާލޭގައި. އަހަރެން މާލޭގައި ބެހެއްޓީމާ އިޒިކްއަށް ފަސޭހަ ދޯ ވާނީ. ގައިމު ވެސް އިރުއިރުކޮޅާ ލޯންޗެއްގައި މިތަނަށް އަންނާކަށް ނުޖެހޭނެ. ޚަރަދު ވެސް ކުޑަވާނެއެއްނު." މިޔާއަށް ހިތާހިތާ ކިޔާލެވުނެވެ. ނަމަވެސް އެ ވާހަކަތަކުން އިތުރު ނުތަނަވަސްކަމެއް ނޫނީ އޭނާއަށް ނުލިބުނެވެ.
ރޭގެ ބާކީ އޮތް ވަގުތުގައި މިޔާ ބެލީ އިޒީކިއަލްއާ މެދު އެހާ ބޮޑަށް ނުވިސްނާ އުޅެވޭތޯ އެވެ. ނަމަވެސް އެހެނެއްނުވި އެވެ. ރޭގަނޑު އެގާރަ ޖަހައި ދިޔައިރު ވެސް އޭނާ މިޔާއަކަށް ނުގުޅި އެވެ. މިޔާ ނިދަން އެނދަށް އަރާކަން އޮތީ ބުނެ އިޒީކިއަލްއަށް މެސެޖު ކުރިތާ ވެސް ބައިގަޑިއިރު ވީ އެވެ. އިޒީކިއަލް މެސެޖު ބަލާފައެއް ވެސް ނެތެވެ. ކެތްނުކުރެވިގެން މިޔާ އަނެއްކާ ވެސް މެސެޖެއް ފޮނުވި އެވެ. އިޒީކިއަލް ބިޒީތޯ އަހާފަ އެވެ. ދެން ވެސް އިޒީކިއަލްގެ ޖަވާބެއް ނައެވެ. ފަނަރަވަރަކަށް މިނެޓު މަޑުކުރުމަށްފަހު އިޒީކިއަލްގެ ނަންބަރަށް މިޔާ ގުޅި އެވެ. ހަމަ ގުޅާއިރަށް ކޯލު ބިޒީކޮށްލައިފި އެވެ. ދެވަނަ ފަހަރަށް މިޔާ ގުޅި އެވެ. އެފަހަރު ވެސް އިޒީކިއަލް ކަންތައް ކުރީ ހަމަ އެފަދައިންނެވެ. ހަތަރުވަނަ ފަހަރަށް މިޔާ ގުޅުމުން އިޒީކިއަލް ފޯނު ނިއްވާލީ އެވެ. މިޔާއަށް ހީވީ ކަރުބުޑުގައި އެއްޗެއް ތާށީވީ ހެންނެވެ.
"އިޒިކް... ކީއްވެ؟." ހިތި ގޮތަކަށް މިޔާއަށް ބުނެލެވުނެވެ. ދުރުގައި ހުންނަ ފިރިމީހާގެ ޚަބަރެއްނުވުމުން ކޮންމެ އަނތްބެއްގެ ވެސް ހިތަށް އުނދަގޫތަކެއް އިޙްސާސް ކުރެވިގެންދާނެ އެވެ. މިޔާއަށް ވެސް ވީ އެފަދަ ގޮތެކެވެ. ޚާއްޞަކޮށް އިޒީކިއަލް ގުޅާނަމޭ ބުނެފައި ޚަބަރެއް ނުވީމަ އެވެ.
"ކުޑަމިނުން ބިޒީއޭ ބުނެ މެސެޖު ވެސް ކޮށްލެވުނީސް. ކޮންމެކަމެއް ވިޔަސް ފުރަތަމަ ބަލާނެ އެއްޗަކަށް ފޯނު ވާނެ. އިޒީކިއަލް ރިޕްލައި ކުރާން ބޭނުންނުވީތަ؟. އަނބިމީހާއަށްވުރެ އޭނާއަށް އެހެން ކަންކަން މުހިންމީތަ؟."
މިޔާއަށް ހުރިހާ ރުޅިއަށް ބޭލުނީ އެނދުމަތީ ހުރި ބާލީސްތަކަށެވެ. އެނދުން ފައިބައިގެން އައިސް ނިދާ ހެދުން މަތިން ހަށިގަނޑު ނިވާކޮށްލުމަށް "ސިލްކު ރޯބް" ލިއެވެ. އަދި ބެލްކަންޏަށް ނުކުމެ އެތަނުގައި ހުރި މޭޒުދޮށުގައި ގޮނޑިއަށް ދެފައި ނަގައިގެން އޭނާ ޖައްސާލި އެވެ. އެ ރޭގަނޑު ހާމަވައިގެ ތެރެއަށް މިޔާ ނުކުމެލީ އައިސްފައި ހުރި ރުޅި ފިނިކޮށްލުމުގެ ގަސްދުގަ އެވެ. އިޒީކިއަލްގެ ޚިޔާލުތަކާ ދުރުވެލުމަށް އޭނާ ފޯނުން ޓިކްޓޮކް ވީޑިއޯ ބަލަން ފެށި އެވެ. ހެއްވާ މަޖާ ވީޑިއޯ ބަލައި އެކަނި އިނދެ އޭނާ ހުނެވެ. ގިނައިރެއްނުވެ މިޔާގެ މިޒާޖަށް ކުރީން ވެރިވެފައި ހުރި ފޫހިކަން ފިލައި ހިނގައްޖެ އެވެ.
* * * * *
ހެނދުނުގެ ނާސްތާއަށް މިޔާއަށް ތިރިއަށް ފޭބީ ނުވައެއް ޖަހަނިކޮށެވެ. ބަދިގެ ފަރާތަށް އައިއިރު އެތަނުގައި ނަފީޒާއާއެކު ކުރީން ނުފެންނަ އަންހެންކުއްޖަކު އުޅޭތީ މިޔާއަށް ފެނުނެވެ.
"މީތަ؟." ނަފީޒާގެ ކައިރީ ހުރި އަންހެންކުއްޖާ އަހާލީ މިޔާއަށް ބަލަން ހުރެ އެވެ. އެ އަޑަށް އައިސްއަލަމާރީގެ ހުޅުވާފައިވާ ދޮރުފަތާ ނިވާވެ ހުރި ނަފީޒާ ބަލާލި އެވެ. މިޔާ ފެނުމުން އޭނާ ނިކަން ދަމާލާފައި ހޫން އަޅުވާލި އެވެ. އެމީހުންގެ އެ ހަރަކާތްތައް ފާހަގަވެފައި ހުރެ ވެސް މިޔާ އަޅާނުލައި އައިސް ކާމޭޒު ދޮށުގައި އިށީނެވެ.
"ކޯއްޗެއް ހުރީ ސައިބޯން." މިޔާ އަހާލި އެވެ.
"މީނަ ހިތުން މެޑަމްއަކަށް ވެވުނީ." ނަފީޒާ ބުނެލި ޒާތެއްގެ ހިންޏަކާއެކު އެވެ. އެ އަޑު މިޔާއަށް ސާފުކޮށް އިވުނެވެ. އަދި ދުރުގައި ތިބެ ދެ އަންހެނުން މިޔާއަށް ބަލައި މަލާމާތުގެ ހިންޏެއް ހެމުންދިޔަ އެވެ.
"އަހަރެން ސައިބޯން މިއައީ؟." މިޔާއަށް ބުނެލެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.
ނަފީޒާ ތަށިތައް ދިއްކުރުމުން އޭނާގެ ކައިރީ ހުރި އަންހެންކުއްޖާ އެ ތަށިތައް ގެނެސް މޭޒުމަތީ ބަހައްޓަން ފެށި އެވެ. ހެނދުނުގެ ނާސްތާ ނިމިގެން ދިޔައީ ނަފީޒާގެ ފުރައްސާރަ ކުރުންތަކާއެކު އެވެ. އެއްޗެކޭ ނުބުނެ މިޔާ ކެތްކުރީ އެހެންޏާ ނުފެންނަ އަންހެނެއް އުޅޭތީވެ އެވެ. ނަފީޒާ ކޮންމެވެސް ވާހަކަތަކެއް އޭނާގެ ގާތުގައި ވެސް ދައްކައިފިހެން މިޔާއަށް ހީވާންފެށީ އޭނާގެ ވެސް ނަފީޒާ ފަދައިން އުޅޭތީ އެވެ. ޚިދުމަތުގައި މީހުން ބައިތިއްބުމަކީ މިޔާގެ ފެންވަރެއް ނޫނޭ އެމީހުން ބުނެދޭން މަސައްކަތް ކުރާ ކަހަލަ އެވެ.
އިޒީކިއަލް ގުޅާތޯ އިނދެއިނދެ ނުގުޅައިގެން މިޔާ އުނދޯލިން ތެދުވި އެވެ. މެންދުރު އެކެއް ޖެހީ އެވެ. ބާރަގަޑި ބައިގަ މެންދުރުގެ ކެއުން ތައްޔާރުވެއްޖެކަން ނަފީޒާ އައިސް ބުންޏެވެ. އެހެންވިޔަސް މިޔާ މަޑުކުރަމުން އައީ ފިރިމީހާއާއެކު ކާން އަރާށެވެ. އިޒީކިއަލްއަށް އެއް ފަހަރު އޭނާ ގުޅާ ވެސް ލައިފި އެވެ. ފޯނުކޯލެއް ނުނެގި އެވެ. ނަފީޒާމެންގެ ކުޅިވަރު ބަލަން ކާން ދާ ހިތެއް ވެސް މިޔާ ނުވި އެވެ. އެހެންވެ އޭނާ ގޭތެރެއަށް ވަންގޮތަށް މިސްރާބު ޖެހީ ސިޑިއާ ދިމާއަށެވެ. ނަސީބަކުން ފެންނަ ހިސާބުގައި ނަފީޒާއާއި އެ އަންހެންކުއްޖާއެއް ވެސް ނެތެވެ. މިޔާ އައިސް ވަނީ ކޮޓަރި އަށެވެ.
ފިކުރު ބޮޑުވެފައި ހުރެ މިޔާ އައިސް އެނދުގައި އޮށޯވެލި އެވެ. ވިސްނަން ބޭނުން ނުވިޔަސް އިޒީކިއަލް ނޫން ކަމަކާ އޭނާއަކަށް ނުވިސްނެ އެވެ. އިޒީކިއަލްގެ ޠަބީޢަތް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. ތިން ދުވަސް ވަންދެން ފިރިމީހާއާއެކު ހުރިހާ ވަގުތެއް ހޭދަކުރި އިރު ވެސް މިޔާއަށް އިޒީކިއަލްގެ މިޒާޖާއި އޭނާގެ ވިސްނުން ހުރި ގޮތެއް ނޭނގުނެވެ. ބައެއްފަހަރު ދެމެދުގައި އޮތް ގުޅުން ނުހަނު ގާތްކަމާއި މިޔާއާ މެދު އިޒީކިއަލް ދެކޭ ގޮތް ވެސް ޚާއްޞަކަން އޭނާއަށް އިޙްސާސް ކުރެވެ އެވެ. އެކަމަކު އަނެއްބައި ފަހަރު މިޔާއަށް އެއްގޮތަކަށް ވެސް އިޒީކިއަލް ނޭނގެ އެވެ.
"އިޒިކްއަކީ އެހާ އޯޕަން މީހެއް ނޫނީތަ؟. ނޫނީ އަހަރެންނަށް ޓްރަސްޓް ނުކުރެވެނީތަ؟." މިޔާއަށް އަމިއްލަ ނަފްސާ އެކިއެކި ސުވާލުތައް ކުރެވުނެވެ. އެގޮތަށް އެކަނި އޮންނަންވުމުން މާޔޫސްކަމުގެ ކަނޑަކަށް ގެނބުންނޫން ކަމެއް ނުވާނެ އެވެ. ނަމަވެސް އެވަރު ވިސްނޭ ވަރަށްވުރެ މިޔާގެ ހިތަށް ލިބޭ ނުތަނަވަސްކަން ބޮޑެވެ. އިޒީކިއަލްއާ މެދު ހިތުގައި ދެވިފައިވާ ޚާއްޞަ މަޤާމުގެ ސަބަބުންނެވެ. އެ ހިތަށް އިޒީކިއަލް ދެކެ ލޯބިވެވިއްޖެކަން އެނގޭތީ އެވެ. އެންމެ ހިތްދަތި އަނިޔާއަކީ ލޯބިވާ މީހުންގެ ފަރާތުން ލިބޭ އަނިޔާ އެވެ. މިޔާގެ މުޅި ދިރިއުޅުން އިޒީކިއަލް ވަނި ބަދަލުކޮށްލާފަ އެވެ. އޭނާ އިޒީކިއަލްއަށް ކުރީން ބޭނުންނުވާ ދަރަޖައަކަށް މިހާރު ބޭނުންވެ އެވެ. އިޒީކިއަލްއާއެކު ހަމަޖެހޭ ދިރިއުޅުމެއް އުޅޭން މިޔާ ބޭނުމެވެ.
ނިދިފައި އޮތް މިޔާއަށް ހޭލެވުނީ މީހަކު އޭނާގެ ގައިގާ ބީހޭހެން ހީވެގެންނެވެ. އެ ގާތްކަމުގެ ސަބަބުން އޭނާ ސިހުނީ ނުހަނު ބޮޑަށެވެ. އޭނާއަށް އެނގޭ ގޮތުގައި ކޮޓަރީގައި އޮތީ އޭނާ އެކަންޏެވެ. ދެ ލޯ ތަންމިނަށް ހުޅުވާލުމާއެކު ފުންމައިގެން ތެދުވަން އުޅުނު މިޔާގެ ދެ އަތުގައި ބާރުގަދަ ދެ އަތުން ހިފަހައްޓައިފި އެވެ. އެ މީހެއްގެ މޫނު ފެނުމުގެ ކުރީން އޭނާ މިޔާގެ ނޭވާ ހުއްޓުމަކަށް ގެނުވި އެވެ. އޭނާގެ ދެ ތުންފަތް ގައިދުވެގެން ދިޔަ ހިނދު ނޭފަތުގައި ޖެހުނީ އިޒީކިއަލްގެ ވަހެވެ. އެ ހަށިގަނޑު ދުވާ ފިރިހެންވަންތަ ވަސް ޔަގީނުން ވެސް މިޔާއަކަށް ނޯޅޭނެ އެވެ.
"އިޒިކް... ކޮންއިރަކު އައީ؟." ނޭވާލާނޭ ފުރުޞަތު ލިބުނު ހިނދު މިޔާއަށް އަހާލެވުނެވެ.
"ފަހުން ވާހަކަދައްކާނީ." އިޒީކިއަލް ބުނެލި އެވެ.
ދެ މީހުން ތިބި ހާލު މިޔާއަށް ފާހަގީ ދެނެވެ. މިޔާގެ ހެދުން ވީ ހިސާބެއް ވެސް އޭނާއަށް ނޭނގެ އެވެ. އިޒީކިއަލް ކައިރިވެލާ އިރަށް އޭނާއަށް ނުހެލޭވުނީތީ ހިތާއި ޝަކުވާ ކުރެވުނެވެ. އެހެންވިޔަސް މިޔާ ވެސް އެވަގުތު އިތުރު ޚިޔާލުތަކެއް ކުރާކަށް ގަސްދެއް ނުކުރި އެވެ. ކިތަންމެ ސުވާލެއް ކުރާން ބޭނުންވިޔަސް މީ އެވަގުތު ނޫންކަން މިޔާ އަމިއްލަ ނަފްސަށް ވިސްނައިދިނީ އެވެ. އިޒީކިއަލްގެ ކެތްތެރިކަމެއް ނެތެވެ. އެއީ މިޔާއާ ގާތްވެއްޖެނަމަ އޭނާ އުޅޭ ގޮތެވެ. އަނެއްކޮޅުން ފަސޭހަ ރަޙުމަތެއްގައި އޭނާގެ ކަރުހިއްކުމެއް ނުފިލާނެ އެވެ. އެހެންވިޔަސް އިޒީކިއަލްއަކީ އަނބިމީހާ ހިތް އުފާކޮށްދޭން އެނގޭ ފިރިއެއްކަމާމެދު މިޔާގެ އެއްވެސް ޝައްކެއްނެތެވެ. ދެމަފިރިންގެ ދެމެދުގައި އޮން އެ ގާތް ގުޅުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންވިޔަސް އެ ގުޅުން އެ ދެމެދުގައި އޮންނަން ޖެހޭ ހަޤީޤީ ގާތްކަމަށް ނުފުދެ އެވެ.
"ކޮންތާކަށް." މިޔާ އެނދުން ތެދުވެލި ހިނދު އޭނާގެ އަތުގައި ހިފަމުން އިޒީކިއަލް އަހާލި އެވެ.
"ފާޚާނާއަށް." މިޔާ ބުނެލި އެވެ.
"ނިންމާފަ މަޑުކޮށްލަން ވާނެއެއްނު." ކުރުއަތް މައްޗަށް ތެދުވެލަމުން އިޒީކިއަލް ބުނެލި އެވެ.
މިޔާ އަލުން އޮށޯތީ އެވެ. އޭނާގެ މޫނުމަތިން މިފަހަރު އުފާވެރިކަމެއް ފާޅެއް ނުވެ އެވެ. ހިތްހަމަޖެހުމާއި އަރާމު އިޙްސާސް ނުވީކީ ނޫނެވެ. ހަށިގަނޑަށް ލިބޭ ކޮންމެ ހިތްހަމަޖެހުމުން ހިތަށް އުފާވެރިކަމެއް ގެނެސް ނުދެ އެވެ. ހިތަށް އުފާވެރިކަން ނުލިބޭނަމަ ހަޤީޤީ ހިތްހަމަޖެހުމެއް އެކަމެއްގައި ނުވެ އެވެ.
(ނުނިމޭ)