ދުނިޔެ

ފަލަސްތީންގެ މިނިނަވަން ދައުލަތަކަށް ރުހެވިދާނެ: އިނގިރޭސިވިލާތް

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ގޮތުގައި މެދުއިރުމަތި ސުލްހަ ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތް ގަބޫލުކުރާ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވެއްޖެ އެވެ.

ކުރިން ބޮޑުވަޒީރު ކަންވެސް ކުރައްވާފައިވާ ޑޭވިޑް ކެމެރަން ވިދާޅުވީ އިޒުރޭލަށް އަދި ފަލަސްތީނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ، ފަލަސްތީންގެ މިނިވަން ދައުލަތަކަށް މުޅި ދުނިޔެ ރުހުން ކަމަށެވެ.

އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް މިހާރު ހުއްޓާލަން ޖެހިފައިވާ ކަމަށް ކެމެރަން ވިދާޅުވި އެވެ. ހަނގުރާމަ ހުއްޓާލައި، އަސީރުން މިނިވަންކޮށް އަދި މިނިވަން ދެ ދައުލަތުގެ ގޮތުގައި މެދުއިރުމައްޗަށް އިރު އެރިއަ ދިނުމަށްވެސް އޭނާ ގޮވާލެއްވި އެވެ.

އަރަބި ސަފީރުންނާ އެކު ފަރީއްކޮޅެއްގައި ބައިވެރިވެ ވަޑައިގެން އިނގިރޭސި ހާރިޖީ ވަޒީރު ދެއްކެވި ވާހަކަތައް ބައްޓަންކުރެއްވީ އަރަބިންނަށް ކަމުދާ ގޮތަށެވެ. މިއީ އަރަބި ގައުމުތަކުގެ މެދުގައި އޭނާއަށް އޮތް މަގުބޫލްކަން އިތުރުކުރެއްވުމަށް ކުރެއްވި ކެމްޕޭނެކެވެ.

ޣައްޒާ ހަނގުރާމަ އަކީ އިނގިރޭސިން ވެސް ވާގިވެރިވެގެން ކުރެވޭ ހަނގުރާމާ އެކެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން އިޒުރޭލަށް ހަތިޔާރު ދޭހާ ހިނދަކު، އިޒުރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކަށް ބަދަލެއް ނާންނާނެ އެވެ.

އިނގިރޭސި ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ޣައްޒާ ހަނގުރާމާ ހުއްޓާލަން ކެމެރަން ގޮވާލެއްވި ނަމަވެސް، ކެމެރަން އަކީ ވެސް ޔަހޫދީންގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ. އޭނާގެ އެދުމަކީ އިޒުރޭލަށް މޮޅުގޮތް -- ފަލަސްތީނަށް ދެރަ ގޮތެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުން ދެ ދައުލަތަށް ވަކާލާތު ކުރުމަކީވެސް މަކަރާއި ހީލަތުން ފުރިގެންވާ ރޭވުމެކެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަކީ ރަނގަޅު ކަމެއް ކަމަށް އަޑުއަހާ މީހުންނަށް ހީވި ނަމަވެސް ދެ ދައުލަތުގެ އަޑީގައި އޮތީ ޔަހޫދީންނަށް އަރަބިންގެ ބިންތައް އަބަދަށް އަމިއްލަކޮށްދިނުމެވެ.

ފަލަސްތީންގެ މިނިވަންކަމަށް ގޮވާލައި ވަކާލާތުކުރާ ޖަމާއަތްތަކުން ބުނާ ގޮތުން ދެ ދައުލަތަކަށް އެ މީހުން ނުރުހެ އެވެ. އަރަބިންގެ ބިންތަކުގައި ޔަހޫދީންނަށް އެއްވެސް ޖާގައެއް އޮވެގެން ވާނެ ކަމަކަށް އެ މީހުން ނުދެކެ އެވެ.

ފަލަސްތީންގެ އާންމުންގެ އެދުމަކީ އިޒުރޭލުގެ ނަމުގައި އަރަބިންގެ ބިންތަކުގައި އުފައްދާފައި އޮތް ޣައިރު ގާނޫނީ ދައުލަތް އެ ތަނުން ފައްސާލުމެވެ. އަދި ޔަހޫދީން އާބާދުކުރުމަށް ހިންގާފައި ހުރި އަދި ހިންގަމުންދާ ހުރިހާ ޕްރޮގްރާމެއް -- އޮޕަރޭޝަނެއް ހުއްޓާލައި އެ މީހުންގެ އަމިއްލަ ބިންތައް ލިބުމެވެ.