ހުސައިން ޝަމީމް

ޕީޖީ ޝަމީމުގެ ސެކިިއުރިޓީ ވަރުގަދަކޮށްފި

ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އެމްއެންޑީއެފް އިން ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރައްވާފައިވެއެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އަކީ އެމްއެންޑީއެފް އިން ސެކިއުރިޓީ ހަމަޖައްސައިދޭ މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމެކެވެ.

ޕީޖީ ހުސައިން ޝަމީމަކީ ފަތިހުގެ ވަގުތުގައި ކަސްރަތެއްގެ ގޮތުގައި އާންމުކޮށް މާލެ ވަށައި ދުވެވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ސެކިއުރިޓީ ބޭނުން ނުކުރައްވަ އެވެ.

ސައިކަލެއްގައި މޫނު ނިވާކޮށްގެން އައި ދެ މީހަކު މަރުތޭލެއް ބޭނުންކޮށްގެން ޝަމީމަށް މިއަދު ހަމަލާދިނީވެސް ކަސްރަތަށް ނިކުންނެވި ވަގުތު އެވެ. އޭރުވެސް ސެކިއުރިޓީ ބޭފުޅަކު ނެތެވެ.

ޝަމީމަށް ދިން ހަމަލާ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޖީ ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޕީޖީ ޝަމީމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

"ފުލުހުން ގެންދަވަނީ މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރައްވަމުންނެވެ. މިއަދު ހެނދުނު، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.