އަހުމަދު ޝިޔާމް

ދިވެހި މަސްދޯންޏަށް އަރައި ބޭރުގެ ސިފައިން ސުވާލުކުރި: ޝިޔާމް

ދިވެހި މަސްދޯންޏަށް ބޭރުގެ ސިފައިން އަރާ ސުވާލުކުރީ އެ މަސްދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި މަސްދޯންޏަކަށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަސުރުމާ-3 އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވާ ކަމަށާއި މިހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓް ލިބިގެން އެކަން ބަލަމުންދާ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފަ އެވެ. އަދި ހާދިސާ ހިނގި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.