ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ހަވީރު 4:00 އަށް ވަނީ ހުޅުވާލާފަ އެވެ.
އީސީން ބުނި ގޮތުގައި މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވާން އެދޭ މީހުން އެކަންޏެވެ.
ރިސޯޓު، ސިނާއި، ރާއްޖޭންބޭރު އަދި ޖަލުތަކުގައި ރަޖިސްޓަރީ ވެފައިވާ މީހުން އެ މީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ އެވެ.
އީސީން ބުނި ގޮތުގައި ރީ-ރަޖިސްޓްރީވުމަށް އެދި ހުށަހެޅޭނީ އެ ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ.
މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މާލޭގައިނަމަ އިންތިހާބާ ބެހޭ މަރުކަޒު -- ދަރުބާރުގޭގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމްކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެ އެވެ.
އީސީން ބުނި ގޮތުގައި ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ.