ފިނިޕޭޖް

ޖުމާ އާއި އައްޒަގެ "ހީލީމާ" ރަޝިއާއަށް

ޒުވާން ދެ ތަރިން ކަމަށްވާ އިސްމާއިލް ޖުމައިހް (ޖުމާ) އާއި މަރިޔަމް އައްޒަގެ "ހީލީމާ" ރަޝިއާގެ ޓީވީއަކުން ދައްކައިފި އެވެ. މި ލަވަ ރަޝިއާގެ އެޑެއިގޯ ޓީވީން ދެއްކީ މިއަދު ހެނދުނު އެވެ.

ތިން ލައްކައެއްހާ ރުފިޔާއިން ހެދި މި ލަވައަށް ރަޝިއާއިން ވެސް ތަރުހީބު ލިބެމުންދާއިރު، ރަޝިއާގެ އެޑެއިގޯ ޓީވީން ވަނީ އެ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި "ހީލީމާ" ލަވަ ޕޯސްޓްކޮށް އިސްތިހާރުކުރަން ފަށާފަ އެވެ. ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ.

"މިއަދު ހެނދުނު ހީލީމާ ރަޝިއާގެ ޓީވީ ޗެނަލަކުން އެއާކުރީ، އިއްޔެ އެމީހުން އަހަރެމެންނަށް ގުޅީ، ފޯމަލިޓީސް ނިންމީ ރޭގައި، އިޓްސް އިންޓަނޭޝަނަލް ނައު، އެމީހުން މިހާރު "ހީލީމާ" ޕްރޮމޯޓްވެސް ކުރަން ފަށައިފި ޓްވިޓާ އެކައުންޓް މެދުވެރިކޮށް،" ލަވައިގެ ޑައިރެކްޓަރު އިބްރާހިމް އަޒްހާން އަވަސް އަށް ބުންޏެވެ.

މި ލަވައިން އައްޒަ އާއި ޖުމާ ފެނިގެންދާއިރު އަމިއްލަ ރާގުގެ މި ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ.

ރާއްޖޭގައި އުފެއްދި މިއީ ތަފާތު މޮޅު ލަވަ އެކެވެ. ދިވެހިން ބޭނުން ވަނީ ވެސް މި ފެންވަރުގެ ލަވަތަކެވެ. ހަމަ ލަވައެކޭ ކިޔާފައި އެއްޗެއް ނެރެލުމެއް ނޫނެވެ. ތިންލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ނެރުނު ލަވަ އެ އަގަށް ފެތެ އެވެ. ލަވައަށް ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.