ދުނިޔެ

ހޫސީންނަށް ހަތިޔާރު ދެނީ އީރާނުން: އެމެރިކާ

އީރާންގެ ތާއީދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ބާޣީ ހަނގުރާމަވެރިންގެ ގުރޫޕެއް ކަމަށްވާ ހޫސީންނަށް ހަތިޔާރާއި ފައިސާ ދެނީ އީރާނުން ކަމަށް، ޝައްކެއް ނެތް މިންވަރަށް ކަށަވަރުކުރެވިއްޖެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ހޫސީންގެ ކިބައިން ރަތް ކަނޑު ސަލާމަތްކުރުމަށް އެ ސަރަހައްދަށް ގޮސް ތިބި -- އެމެރިކާ އިސްވެ އުފައްދާފައި އޮތް އަސްކަރީ ބާރުން ބުނި ގޮތުން ހޫސީން ބޭނުންކުރާ އަސްކަރީ ޑްރޯނާއި އާގުބޯޓަށް ހަމަލާދޭ މިސައިލް އަދި މިސައިލަށް ހަމަލާދޭ މިސައިލްތަކަކީ އީރާންގެ އުފެއްދުންތަކެއް ކަމަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އެމެރިކާގެ މަނަވަރުތަކުން ވައްޓާލާ މިސައިލްގެ ބައިތައް ޗެކުކޮށް ބެލުމުން އެއީ އީރާންގެ އުފެއްދުންތައްކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އެ ސަރަހައްދުން ހޫސީންގެ ބާރު ކަނޑުވާލުމަށްޓަކައި ރަތް ކަނޑަށް އިތުރު މަނަވަރުތައް ފޮނުވާނެ ކަމަށް އެމެރިކާ އާއި ފްރާންސް އަދި އިޓަލީން ވެސް އޮތީ ބުނެފަ އެވެ.

ހޫސީންގެ ހަމަލާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނަމަ ބޮޑެތި ގެއްލުންތަކަށް އުއްމީދު ކުރުމަށްވެސް ހޫސީންނާ ދެކޮޅު އަސްކަރީ ބާރުން ބުންޏެވެ.

ހޫސީން ބުނީ ރަތް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް ހޫސީންގެ ނުރައްކާ އޮތް ކަމަށް އެމެރިކާއާ ބައިވެރިން ބުންޏަސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ.

ހޫސީ ޖަމާއަތުން ބުނީ އެ މީހުންގެ ނުރައްކާ އޮންނަނީ ޔަހޫދީންނަށް މުދާ އުފުލާ އުޅަނދުތަކަށް އެކަނި ކަމަށެވެ.

އިޒުރޭލަށް މުދާ އުފުލާ ބޯޓެއް ނަމަ، ހޫސީން ބުނި ގޮތުން އެމެރިކާ ކިތަންމެ ވަރެއް ދެއްކި ނަމަވެސް އެ ބޯޓަކަށް ހަމަލާ ދޭނެ އެވެ.

ހޫސީންގެ ހަމަލާތަކުން ރައްކާތެރިވާން އެދޭނަމަ މިސްރުގެ ސުއޭޒް ކެނަލް ހުރަސްކޮށް ރަތް ކަނޑަށް ނުކުތުމުގެ ކުރިން ޔަހޫދީންގެ މުދާތައް އުކާލަން ޖެހޭނެ ކަމަށްވެސް އޮތީ ބުނެފަ އެވެ.

ރަތް ކަނޑަކީ ހުރިހާ އުޅަނދަކަށް ވެސް ރައްކާތެރި ތަނެއް ކަމުގެ ޔަގީންކަން ހޫސީން ދެއެވެ. މުދާއުފުލާ ބޯޓުތަކުގައި ބެނާ ފޮތިގަނޑެއް ދަމާލައި "ޔަހޫދީންގެ މުދަލެއް ނެތް" ކަމަށް ލިޔެލުމުން ނިމުނީ ކަމަށްވެސް ހޫސީން ބުނެ އެވެ.

ހޫސީންގެ މި ހަމަލާތަކަކީ އިޒުރޭލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކަށް ބަދަލުހިފުމަށް ދޭ ހަމަލާތަކެކެވެ.

ހޫސީން ބުނާ ގޮތުން ރަތް ކަނޑަށް ދޭ ހަމަލާތައް ހުއްޓާލާނީ ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައި ޔަހޫދީން ފޭބުމުންނެވެ.

އެމެރިކާއާ އިނގިރޭސިވިލާތުން ވަނީ ހޫސީންގެ އަމާޒުތަކެއް ކަމަށް ބުނެ ޔަމަނަށް ވެސް ހަމަލާދީފަ އެވެ. ހަމަލާތަކަށް ފަހު ގުޅިފައި އޮތް ބާރުން ބުނީ ހޫސީންގެ އަސްކަރީ މަރުަޒުތަކަކަށް މިސައިލުން ހަމަލާދީ އަންދާލާފައި ވާނެ ކަމަށެވެ.