އިންޑިއާ

އިންޑިއާ ސިފައިން ދޯނިތަކުގައި ތިބި ވީޑިއޯ އާންމުކޮށްފި

ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސް ދޯނި ތަކަކަށް އެރި އިންޑިއާ ސިފައިން ފެންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކޮށްފި އެވެ.

އިންޑިއާ ސިފައިން ވަނީ ދިވެހި ތިން މަސް ދޯންޏަކަށް އަރާފަ އެވެ. އެއީ "އަސުރުމާ 3" އާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏެވެ.

އިންޑިއާ ސިފައިން ކޯސްޓްގާޑުގެ ދެ އުޅަނދެއް ދިވެހި މަސް ދޯނިތަކާ ކައިރިކޮށް ދޯނިތަކަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ މިއަދު އާންމުކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސޯޝަލްމީޑިއާގައި އެކައުންޓްތަކުގައެވެ.

ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ ފުރަތަމަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.

ވީޑިއޯ އިން ފެންނަނީ ހަތިޔާރާ އެކު އިންޑިއާ ސިފައިން ދޯނި ތެރެއަށް އަރައި ބަލައި ގފާސްކުރާއިރު ދޯނީގެ ފަސްކޮޅުގައި ފަޅުވެރިން ތިބެނީ ވަކިން ބައިތިއްބާފަ އެވެ. އިންޑިއާ ސިފައިން ވަނީ އެންމެ ބޮޑަށް މަސައްކަތް ކުރީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް މަސްވެރިން ބުނެފައިވެ އެވެ.

އެހެން ދޯންޏެއްގައި ތިބި މަސްވެރިން އިންޑިއާ ސިފައިން އަރާ ތިބި ދޯނީގައި އުޅޭ މަސްވެރިންނަށް އިރުޝާދުދޭ އަޑުތަކެއްވެސް ވީޑިއޯ އިން އިވެ އެވެ. އެގޮތުން އިންޑިއާ ސިފައިން އެ ދޯނީގައި ތިބީ ގާނޫނުތަކާއި ހިލާފަށް ކަމަށް ބުނުމަށް އެމީހުން އިރުޝާދު އެވެ.

"ފުރަތަމަ ބުނޭ [އިންޑިއާ ސިފައިން] ގަވާއިދާ ހިލާފަށޭ ދޯންޏަށް އަރައި ތިޔަ ތިބީ،" މަސްވެރިން ބުނާ އަޑުއިވެ އެވެ.

ދިވެހި މަސް ދޯނިތަކުގައި ތިބި ބައެއް މަސްވެރިން ބުނާ ގޮތުގައި އިންޑިއާ ސިފައިން ވަނީ މަސްވެރިން ނެގި ބައެއް ފޮޓޯތަކާއި ވީޑިއޯތައް މަޖުބޫރުކޮށްގެން ފޮހެލާފަ އެވެ.

މިދިޔަ ބުދަ ދުވަހު މިކަމެއް ހިނގިއިރު ދިވެހި މަސް ދޯނިތައް އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށް ވެސަލް މޮނީޓަރިން ސިސްޓަމްއާ ހަވާލާދީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެފައިވެ އެވެ.

އެމްއެންޑީއެފް އިން ގެންދަނީ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.