ފިނޭންސް މިނިސްޓްރީ

ހަރަދުތައް މިދިޔަ އަހަރަށްވުރެ ދަށުގައި

ދައުލަތުގެ ބަޖެޓުން މިއަހަރުގެ މިހާތަނަށް ކުރި ހޭދަ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ދައްކާ ގޮތުން ލޯނުތައް ދައްކަން ކުރި ހޭދައާއެކު ޖެނުއަރީ 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓުން ހޭދަކުރި 2.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21.6 ޕަސަންޓް ދަށް އަދަދެކެވެ.

ރިކަރަންޓް ހަރަދާއި ކެޕިޓަލް ހަރަދަށް މިއަހަރު 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ލޯނުތައް ދެއްކުމަށް 373.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ މިހާތަނަށް 223 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ މި މުއްދަތުގައި 494.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ހަރަދު ދަށްވި ނަމަވެސް ދައުލަތަށް މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރުވެފަ އެވެ.

އާމްދަނީގެ ގޮތުގައި މިއަހަރުގެ މި މުއްދަތުގައި 1.8 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 1.7 ބިލިއަން ރުފިޔާ އެވެ.