ދުނިޔެ

ފަލަސްތީން ރެފިއުޖީންނަށް އެހީ ހުއްޓައެއް ނުލަން: ބޮރެލް

ފަލަސްތީންގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރާ) އަށް ޔޫރަޕިއަން ކޮމިޝަނުން ފޯރުކޮށްދޭ އެހީ ހުއްޓާލާފައި ނުވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން އަންރާއަށް ދޭ އެހީ އިތުރުކޮށްފައިވާ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.

އަންރާއަށް ގައުމުތަކުން ދޭ އެހީ ވަގުތީ ގޮތުން ހުއްޓާލަން ބައެއް ގައުމުތަކުން ނިންމި ސަބަބަކީ، މިދިޔަ އަހަރު އޮކްޓޯބަރު ހަތެއްގައި، ހަމާސްއިން ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި އަންރާގެ އޮފިޝަލުން ބައިވެރިވި ކަމަށް އިޒުރޭލުން ތުހުމަތުކުރުމުމެވެ.

އިޒުރޭލުގެ މި ޝަކުވާއާ ގުޅިގެން އަންރާއިން ބުނީ ޝައްކުކުރެވޭ އޮފިޝަލުން ވަޒީފާއިން ވަކިކޮށް ފޮނުވާލާފައިވާ ކަމަށެވެ.

ބޮރެލް ވިދާޅުވި ގޮތުން އިންޓަނެޓުގައި އަދި މީޑިއާތަކުން ފަތުރަނީ މުޅިން ސައްހަ ޚަބަރުތަކެއް ނޫނެވެ. ޔޫރަޕިއަން ކޮމިޝަނުން އެހީ ހުއްޓާލި ކަމަށް ބުނާއިރު -- ޔޫރަޕިއަން ކޮމިޝަނަކީ ޔޫރަޕިއަން ޔޫނިއަން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޖަރުމަނާއި ފްރާންސް އަދި ސްޕޭނުން ވެސް އެހީ ހުއްޓާލާފައި ނުވާ ކަމަށް ބޮރެލް ވިދާޅުވި އެވެ.

ބައެއް ގައުމުތަކުން އެހީ މެދުކަނޑާލި ކަމަށް ބުނާ ވާހަކަ އަކީ އެހީ ހުއްޓާލުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮރެލް ވިދާޅުވި ގޮތުން އަންރާ ކަހަލަ އދ ގެ ގުނަވަނެއްގައި، ހަނގުރާމަވެރި ތިބެގެން ނުވާނެ އެވެ. އަދި އެއީ އަސްކަރީ ގޮތުން އެއްވެސް ދައުރެއް އަދާކުރާ ބަޔަކަށް ނުވާނެ އެވެ.

އިޒުރޭލުގެ ތުހުމަތުގައި އެއްވެސް އަސްލެއް އޮތް ނަމަ އެއީ ބަލަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން އެހީ މަޑުޖައްސާލާފައި ވަނީ އިޒުރޭލުން ކުރި ޝަކުވާގެ ގޮތު ތެދު ބެލުމަށް ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވިސްނުމަކީ ކުށްކުރި ބަޔަކަށް އަދަބު ދިނުމެވެ. އެކަމުގައި ޝާމިލުވުމެއް ނެތް މީހުންނަށް އަދަބު ދިނުމަކީ އޮތް ވިސްނުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އދ އިން ގޮތެއް ނިންމަންދެން އަންރާއަށް ދޭ އެހީ ބައެއް ގައުމުތަކުން މަޑުޖައްސާލި ނަމަވެސް، އެހީ ހުއްޓާލާ ގޮތަަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ބޮރެލް ވިދާޅުވި އެވެ.

ބޮރެލް އަދި ވިދާޅުވީ އަންރާއަށް އެންމެ ގިނައިން އެހީވާ ގުރޫޕަކަށް ޔޫރަޕިއަން ކޮމިޝަން ވާނެ ކަމަށެވެ.