ދުނިޔެ

އިޒުރޭލުގައި އަވަސް އިންތިހާބަކަށް އާންމުން ހަޅޭއްލަވަނީ

ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޮލުގައި ރިހުން ހައްތާ ވަނީ ބޮޑެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކަށް އެނގުމެއް ނެތި ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން ޔަހޫދީ އާބާދިތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ޔަހޫދީންނަށް ލިބުނު ގެއްލުންތަކަކީ ބޮޑުވަޒީރުގެ ނާގާބުލުކަމުން ލިބުނު ގެއްލުންތަކެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ހަމާސް އިން އަސީރުކޮށް އަދިވެސް ހިފަހައްޓާފައި ތިބި ޔަހޫދީ ޒަޔަނިސްޓުން މިނިވަންކުރުން ލަސްވުމަކީ ވެސް ބޮޑުވަޒީރަށް ގައުމު ނުބެލެހެއްޓޭތީ ކަމަށް އާންމުން ދެކެ އެވެ.

އިޒުރޭލުގެ އާންމުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގައި ސަރުކާރު ފޭލިފައި އޮތް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިފަދަ ސަބަބުތަކަށްޓަކައި އާންމުން ގަބޫލުކުރަނީ އެ މީހުންނަށް ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްތިއުފާ ދެއްވައި، ސަރުކާރު ރޫޅާލުން ކަމަށެވެ.

އިޒުރޭލަށް ހަމަޖެހުމެއް އޮތީ އަދި އަސީރުން މިނިވަންކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ދާނީ އާ ސަރުކާރެއް އެކުލަވާލައިގެން ކަމަށް ވެސް އާންމުން ހަޅޭއްލަވަ އެވެ.

އިޒުރޭލުގައި އަވަސް އިންތިޚާބެއް ބޭއްވުމަކި ޔަހޫދީންނަށް އަދި ޔަހޫދީންނަށް ފަންޑުކުރާ ޖަމާއަތްތަކަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް މަގުތަކަށް ނުކުމެ އާންމުން ގޮވަ އެވެ.

އިޒުރޭލުގެ ޝަރުއީ ނިޒާމަށް ބޮޑުވަޒީރު ހުށަހެޅުއްވި ބަދަލުތަކަށް އާންމުން ނޫނެކޭ ބުނެފައިވާއިރު ޣާއްޒާ ހަނގުރާމާގައި ޔަހޫދީންތަކެއް އަސީރުވުމަކީ ރުހެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމަ އަކީ ބެންޖަމިން ނަތަންޔާހުގެ ސިޔާސީ ކުރިމަގަށްޓަކައި ކުރާ ހަނގުރާމަ އެކެވެ. ނަތަންޔާހޫއާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކުން ސަލާމަތްވުމަށް އޭނާ ރާވާފައި އޮތް އެޖެންޑާއެއް ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިޒުރޭލުގެ ކޯޓުތަކުގައި ނަތަންޔާހޫއާ ދެކޮޅަށް ހުރި މައްސަލަތައް ރަނގަޅަށް ހިނގައިގެންފި ނަމަ، އޭނާގެ އުމުރުގައި ބާކީ އޮތް ބައި ހޭދަކުރަންވަން ޖެހިވަޑައިގަންނަވާނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައި ކަމަށް ވެސް ބުނެވެ އެވެ.