ރައްޔިތުންގެ މަޖިލިސް މިއަހަަރަށް ހުޅުވުމަށް ބާއްވާ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްވަންޖެހިވަޑައިގަންނަވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފައްޓަވައިފި އެވެ.
މިއީ ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑއިގެންނެވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ މިހާތަނަށް އިއްވަވާ އެންމެ ވިޝަނަރީ ރިޔާސީ ބަޔާނެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ބޮއިކޮޓް ކުރައްވާފަ އެވެ. އެ ދެ ޕާޓީން މިޖަލްސާ ބޮއިކޮޓް ކުރީ މަޖިލީހުން ރުހުން ނުދޭ ތިން ބޭފުޅަކު އަލުން ވަޒީރުކަމަށް އައްޔަންކުރުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ކުރިން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިއަހަރު މިދުވަހަކީ ރަސްމީ ދުވަހެކެވެ.