ޑރ. މުހައްމަދު މުއިއްޒު

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް ބޭފުޅުން އައްޔަންނުކުރަން ނިންމައިފި

ސިޔާސީ އިސް މަގާމުތަކަށް ބޭފުޅުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް ބޭފުޅުން އިތުރަށް އައްޔަން ނުކުރައްވާނެ ކަމަށެވެ.

"ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން އަޅުގަނޑު ނިންމާފައިވާ ވާހަކަ ދަންނަވާލަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް ބޭފުޅުން އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު ރައީސް އޮފީހުގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު ސްޓޭޓް މިނިސްޓަރުންގެ މަގާމުގައި މިވަގުތު 93 ބޭފުޅަކު އެބަ ތިއްބެވި އެވެ.

މީގެ އިތުރުން ވަޒީރުންގެ ނައިބުންގެ ގޮތުގައި 163 ބޭފުޅަކު ތިއްބެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައިވާ މައުލޫމާތުތަކުން އެނގެ އެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސާއެކު މަހަކު 47،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު ވަޒީރުންގެ ނައިބުގެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.